(7 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

إبـــن ســعـــد ލިޔުއްވައިފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބަސްފުޅު ޙަޤީޤަތަކަށްވުމުން قـــــريـش ންގެ ހޭބުއްދި ފިލައިފިކަހަލައެވެ. އިސްދަށަށް ޖަހައިގެން ތިބެއްޖެއެވެ. أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "ޙަޤީޤަތް އެނގި ބަޔާންވުމުން ބައިކޯޓު ދަމަހައްޓާންއޮތީ ކޮން ޙުއްޖަތެއް ހެއްޔެވެ؟" قـــــريـش ން ޖަވާބު އެރުވިއެވެ. "ތިޔަހަރީވެސް ކަލޭގެފާނުގެ އަޚާގެ ދަރިކަލުންގެ ސިހުރުވެރިކަމެވެ." أبـــوطــالــب ގެފާނު އެއަށްފަހު އެކަލޭގެފާނުގެ އަރިހުގައި ގެންނެވި ބޭކަލުން ގޮވައިގެން ވަޑައިގެން ގެފުޅުގެ އުރަކޮޅާއި ބިތްކޮޅާ ދެމެދަށް ވެދެވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. "އޭ اللّــــه އެވެ! އަޅަމެންގެ މައްޗަށް އަނިޔާވެރިވެ ތިމާގެކަމުގެ ގުޅުން ކަނޑާ މީހުން އެ އިޚްތިޔާރުކުރަނީ އެބައިމީހުންނަށް ހުއްދަވެގެންވާ ރަވައްޔާއެއް ނޫނެވެ. އެބައިމީހުން ކުރިމަތިލުމުގައި އަޅަމެންނަށް މަދަދު ދެއްވާނދޭވެ!" أبـــوطــالــب ގެފާނު އެދުޢާ ކުރެއްވުމަށްފަހު ޝިޢުބަށް އެނބުރި ވަޑައިގެންފިއެވެ. އިސްވެދިޔަތާނގައި އަޅުގަނޑު ބަޔާންކުރި ފަތް ވިދައިލުމުގެ ކަންތައް ހިނގީ މި ހާދިސާއަށްފަހުގައެވެ. މުޤާޠަޢާ އުވައިލެއްވުމުގެ މުހިންމަތު ހިންގެވި ބޭކަލުން ހަތިޔާރު އަޅުއްވައިގެން ޝިޢުބަށް ވަޑައިގެން މުޙާސިރުން ޝިޢުބުން ނެރުއްވައި އެބޭކަލުންގެ ގޭގެޔަށް ފޮނުއްވައިލެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި މި މުހިންމަތު ހިންގެވި ބޭކަލުންގެ ލިސްޓުގައި عــدى بــــن قـيس ގެ ނަންވެސް އާދެއެވެ. ނަމަވެސް އޭނާ އަދާކުރި ދައުރުގެ ވާހަކައެއް އަޅުގަނޑަކަށް ފެނިފައެއް ނުވެއެވެ. إبـــن ســعـــد ރިވާކުރައްވާ ގޮތުގައި قـــــريـش ންގެ ބައިކޯޓު ނިމުމަކަށްއައީ ނަބީކަމުގެ ދިހަވަނަ އަހަރުއެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ، އައުރާޤެ ސީރަތު مـــولانـــا ســيّــد جـــلال الــدّيـــن عـمـــــرى، ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

ބައިކޯޓުގެ މުޢާހަދާ އުވައިލައްވާން މަސައްކަތްކުރެއްވި ބޭކަލުންގެ ތެރެއިން هـشــام بـــن عــمـــــــرو އާއި زهـيــــــر بــــن أبــــى أمــيّــــة އާ ދެބޭކަލުން ފަހުން އިސްލާމްވެވަޑައިގެންނެވިއެވެ. مطـــعـــم بـــن عـــدى މަރުވީ ކާފަރުކަންމަތީގައެވެ. أبــــوالـبخـــتـــــرى އާއި زمــعــــة ޤަތުލުވީ ބަދުރު ހަނގުރާމައިގައެވެ.

قـــــريـش ންގެ އެންމެފަހު ވަފުދު

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ންގެ މުޤާޠަޢާނިމި ޝިޢުބުން ނުކުމެވަޑައިގެންނެވޭގޮތް ވުމާއެކު އެމާތް ސާހިބާގެ މުހިންމަތު އިހުނަށްވުރެވެސް ފުޅާކުރައްވައި ވަރުގަދަ ކުރެއްވިއެވެ. أبـــوطــالــب ގެފާނުވެސް އެކަލޭގެފާނުގެ އާދަފުޅުގެމަތީން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދިފާޢުކުރައްވައި ޙިމާޔަތްކުރައްވަމުން ގެންދެވިއެވެ. ޤުރްބާނީގެ ރޫޙުގައެވެ. އެކަމަކު މިހާރު އެކަލޭގެފާނުގެ ޢުމުރުފުޅުވަނީ އައްޑިހަޔަށްވުރެ މައްޗަށް ގޮސްފައެވެ. މެދުކެނޑުމެއްނެތި އެތައް އަހަރެއް ވަންދެން އުފުއްލެވި ދުއްތުރާފުޅުގެ ސަބަބުން ހަށިކޮޅުގެ ބާރާއި ބުންވަރުފުޅުވަނީ ދެރަވެފައެވެ. ޚާއްޞަކޮށް ޝިޢުބުގައި ހޭދަކުރެއްވި ތިންއަހަރު ރަނގަޅަށް ފަރީއްކޮޅުވެސް ލިބިވަޑައިނުގެން ހުންނަވައި ކުރެއްވި ޖިހާދުގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުވަނީ މުޅީން ކަމީނާވެ ބާރުފުޅު ނެތިފައެވެ. ނުހަނު ޟަޢީފުވެވަޑައިގެންފައެވެ. އެހެންކަމުން ޝިޢުބުން ނުކުމެވަޑައިގެންނެވިތާ މަދު މައްސަރުތަކެއްގެ ތެރޭގައި އެކަލޭގެފާނު ނުހަނު ބޮޑަށް އާލާސްކަންފުޅާވެއްޖެއެވެ. قـــــريـش ންނަށް އެކަން އެނގުމުން އެކަމާ މަޝްވަރާ ކުރިއެވެ. އެބައިމީހުން ވާހަކަ ދެއްކިއެވެ. "މި މުސްކުޅިފުޅު أبـــوطــالــب ގެފާނު އަވަހާރަވާފަހުން އަހަރެމެން އެކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުންނަށް އިހާނެތިކަމެއް ކޮށްފިކަމުގައިވާނަމަ އެކަންވާނީ ވަރަށްބޮޑަށް ބަދުނާމުވުމުގެ ސަބަބެއް ކަމުގައެވެ. ވީމާ أبـــوطــالــب ގެފާނުގެ ކުރިފުޅުމަތީގައި محــمّــــد ގެފާނާ (صــلّـــــى اللّــــه عــلـيــــه وســلّـــــم) އެކު ކޮންމެވެސްކަހަލަ އެއްބަސްވުމެއް ހަދާންވީއެވެ." އެގޮތުން قـــــريـش ންވަނީ އެހައިތަނަށް އެމީހުން ދޫނުދޭވަރަށް ދޫދީ ރިޢާޔަތްތަކެއްކުރާން އެއްބަސްވެފައެވެ. އެކަމަށްޓަކައި قـــــريـش ންގެ ބޮޑުންގެ އިސްވަފުދެއް أبـــوطــالــب ގެ އަރިހަށް ހާޒިރުވިއެވެ. އެ ވަފުދަކީ أبـــوطــالــب ގެފާނުގެ އަރިހަށްދިޔަ قـــــريـش ންގެ އެންމެފަހު ވަފުދެވެ.

إبـــن إسحـــاق އާއި އެނޫންވެސް ބައެއް މުއައްރިޚުން ލިޔުއްވައިފައިވެއެވެ. أبـــوطــالــب ގެފާނު އާލާސްކަންފުޅު ބޮޑުކަމާއި އެކަލޭގެފާނުގެ ޙާލުކޮޅު ދެރަވެ އުންމީދު ކެނޑެމުންދާކަން قـــــريـش ންނަށް އެނގުމުން އެމީހުން ވާހަކަ ދެއްކިއެވެ. "ނިކަން ވިސްނައިބަލާށެވެ. حــمــــــزة بـــن عــبــد المـطّـلـــب އާއި عــمـــــر بـــن الخـطّــاب އިސްލާމްވެވަޑައިގެންފިއެވެ. محــمّــــد ގެފާނު (صــلّـــــى اللّــــه عــلـيــــه وســلّـــــم) ގެ ދީން މިހާރު މިވަނީ قـــــريـش ވަންހައިގެ ހުރިހައި ޤަބީލާތަކަކަށް ފެތުރިފައެވެ. އެހެންވީއިރު أبـــوطــالــب ގެފާނުގެ އަރިހަށް ދަމާހިނގާށެވެ. އެކަލޭގެފާނު މެދުވެރިކޮށް އެކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުން ކޮންމެވެސް ކަންތައްތަކަކަށް އެއްބަސްކުރުވޭތޯ ބަލާންވާނެއެވެ. އެހެންނޫނީ أبـــوطــالــب ގެފާނު އަވަހާރަވުމަށްފަހު އަހަރެމެންނަކަށް މުސްލިމުންނެއް ނުއޮބެހެއްޓޭނެއެވެ."

ބައެއް ރިވާޔަތްތަކުގައިވާގޮތުން قـــــريـش ން ބުންޏެވެ. "މި މުސްކުޅިޔާ އަވަހާރަވުމަށްފަހު محــمّــــد ގެފާނާ (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަހަރެމެންނާ ދެމެދު ގަޑުބަޑެއް ހިނގައިފިކަމުގައިވާނަމަ ޢަރަބީންގެ އެންމެން އަހަރެމެންނަށް ލަޢުނަތް ދޭނެއެވެ. މަލާމާތް ކުރާނެއެވެ. ޢަރަބީން ވާހަކަ ދައްކާނެއެވެ. أبـــوطــالــب ގެފާނު ދުނިޔޭގައި ހުންނެވިހައިދުވަހު قـــــريـش ންތިބީ محــمّــــد ގެފާނު (صــلّـــــى اللّــــه عــلـيــــه وســلّـــــم) އުޅުއްވާނެހައި ގޮތްކޮޅަކަށް އުޅުއްވާން ދޫކޮށްލައިގެންނެވެ. އެއްވެސްކަމެއް ކުރާކަށެއް ނުކެރުނެވެ. އެކަމަކު محــمّــــد ގެފާނު (صــلّـــــى اللّــــه عــلـيــــه وســلّـــــم) ގެ ބޮޑުބޭބޭފުޅު އަވަހާރަވުމާއެކު އެކަލޭގެފާނުގެ ގައިކޮޅަށް އަރައިގެންފިއެވެ."

ކޮންމެއަކަސް قـــــريـش ންގެ ވަފުދެއް أبـــوطــالــب ގެފާނުގެ އަރިހަށް ހިނގައްޖެއެވެ. އެކަލޭގެފާނާ ވާހަކަދައްކާށެވެ. އެވަފުދުގައި ހިމެނުނީ قـــــريـش ންގެ އެންމެ އަރައިތިބި ބޮޑުންނެވެ. عـُـــتُـــبــة بـــن ربــيــعــــة އާއި شــيـــبـــة بـــن ربــيــعــــة އެވެ. أبــــو جــهـــل بــــن هشــام އާއި أمــيّـــــة بـــن خــلـف އެވެ. أبـــوسفـيــــان بــــن حـــــــرب އާއި އެނޫންވެސް އަޝްރާފުންނެވެ. އެ ވަފުދުގެ މެންބަރުންގެ ޢަދަދަކީ ގާތްގަނޑަކަށް ފަންސަވީހެވެ. އެބައިމީހުން أبـــوطــالــب ގެފާނަށް ދެންނެވިއެވެ.

"އޭ أبـــوطــالــب ގެފާނޭވެ! އަޅުގަނޑުމެންގެ ތެރޭގައި ކަލޭގެފާނުގެ މަތިވެރި މަޤާމާއި ޤަދަރު ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާނޫއެވެ! މިހާރު ކަލޭގެފާނު ތިޔަ އޮންނެވި ޙާލުކޮޅާއި ކަލޭގެފާނުގެ ޙަޔާތްޕުޅުގެ މިހާރު ތިޔަ ކަޑައްތުކުރައްވާ މަރްޙަލާވެސް އެނގިވަޑައިގަންނަވާނެއެވެ. ހިތާމަޔަކީ މިއީ ކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެފަހު މަރްޙަލާކަމުގައި ވެދާނެކަމެވެ. އަނެއްކޮޅުން ކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުންނާއި އަޅުގަނޑުމެންނާމެދު ކަންތައް ހިނގަމުންދާ ގޮތްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ އެދުމަކީ ކަލޭގެފާނު އެކަލޭގެފާނު ގެންނެވުމެވެ. އަޅުގަނޑުމެންނާމެދު އެކަލޭގެފާނުގެ އަރިހުން ކޮންމެވެސް ޢަހްދު ކަށަވަރުކަމެއް ހޯއްދެވުމެވެ. އެކަލޭގެފާނު އަޅުގަނޑުމެންގެ އަތްދަށުން ސަލާމަތްވެވަޑައިގެން ހުންނެވުމަށްޓަކައެވެ. އަޅުގަނޑުމެންވެސް އެކަލޭގެފާނުގެ އަތްޕުޅުދަށުން ސަލާމަތްވެ ތިބުމަށްޓަކައެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީން ދޫކޮށްލައްވާނީއެވެ. އަޅުގަނޑުމެންވެސް އެކަލޭގެފާނަށް އެކަލޭގެފާނުގެ ދީން ދޫކޮށްލާނީއެވެ."

أبـــوطــالــب ގެފާނު قـــــريـش ންގެ ވާހަކަތަކާ ގުޅިގެން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބަލާފޮނުއްވައިގެން ގެންނެވިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޑައިގެންނެވުމުން أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "ލޮބުވެތި އަޚާގެ ދަރިފުޅާއެވެ. މިތިއްބެވީ ކޮއިފުޅުގެ ޤައުމުގެ ޢިއްޒަތްތެރީންނެވެ. މިބޭކަލުން ވަޑައިގެން މިތިއްބެވީ ކޮއިފުޅާ ބެހޭގޮތުން ވާހަކަ ދައްކަވާށެވެ މިބޭކަލުން އެދިވަޑައިގަންނަވަނީ ކޮއިފުޅާއި މިބޭކަލުންނާ ދެމެދު ކޮންމެވެސް ޢަހްދު ކަށަވަރުކަމެއް ޤާއިމުކުރައްވާށެވެ. މިބޭކަލުންވެސް ކޮއިފުޅަށް ކޮންމެވެސް ޔަޤީންކަމެއް ދެއްވާނީއެވެ. ކޮއިފުޅުވެސް މިބޭކަލުންނަށް ކޮންމެވެސް ކަށަވަރުކަމުގެ ބަހެއް ދޭނީއެވެ." أبـــوطــالــب ގެފާނު قـــــريـش ންގެ ހުށަހެޅުމުގެ ވާހަކަ ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ދެފަރާތުންކުރެ އެއްފަރާތަކުންވެސް އަނެއްފަރާތަކާ ހުރަހޮޅިނުގަންނާނީއެވެ."

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ންގެ ވަފުދާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"އަޅެ ތިޔަބޭކަލުން ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑު ދަންނަވާ ވާހަކައެއް ތިޔަބޭކަލުން ޤަބޫލުކުރައްވައިފި ކަމުގައިވާނަމަ ތިޔަބޭކަލުން ޢަރަބީންގެ ރަސްކަލުން ކަމުގައި ވެވަޑައިގެން ޢަޖަމީން ތިޔަބޭކަލުންގެ ފައިތިލަފުޅުގެ ދަށަށް މަފުތޫޙުންގެ ގޮތުން ބޯލަނބާނެ ވާހަކައެއް އަޅުގަނޑު ދަންނަވައިފި ކަމުގައިވާނަމަ ތިޔަބޭކަލުން ދެއްވާނެ ޖަވާބަކީ ކޮބައިބާވައެވެ؟"

ބައެއް ރިވާޔަތްތަކުގައި ވާގޮތުން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أبـــوطــالــب ގެފާނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑު މިބޭކަލުންގެ އަރިހުން އެކަމެއް ޤަބޫލުކުރެއްވުން އެދެނީ ޢަރަބީން މިބޭކަލުންނަށް ބޯލަނބައި ކިޔަމަންވެ ޢަޖަމީން އެބޭކަލުންނަށް ޖިޒީދޭނެ ކަމެކެވެ." އަދި އެހެން ރިވާޔަތެއްގައިވެއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ.

"ލޯބިވާ ބޮޑުބޭބޭފުޅާއެވެ! ބޭބޭފުޅު މިބޭކަލުންނަށް މިބޭކަލުންގެ ޙައްޤުގައި އަދި މާބޮޑަށް ރަނގަޅުވާނެ ކަމަކަށް ދަޢުވަތު ނުދެއްވަނީ ކީއްވެގެންތޯއެވެ."

أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "ކޮއިފުޅު މިބޭކަލުންނަށް ގޮވައިލާން ބޭނުންވަނީ ކޮންކަމަކަށް ހެއްޔެވެ؟" ކައުނަބިއްޔާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "އަޅުގަނޑު މިބޭކަލުންނަށް ދަޢުވަތު އަރުވާން ބޭނުންވަނީ ޢަރަބީން މިބޭކަލުންނަށް ބޯލަނބައި ކިޔަމަންވެ ޢަޖަމީންގެ މައްޗަށް މިބޭކަލުންގެ ރަސްކަން ޤާއިމުވާނެ ކަމަކަށެވެ."

إبـــن إسحـــاق ގެ އެއްރިވާޔަތެއްގައިވެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ންގެ ވަފުދާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ތިޔަބޭކަލުން އަޅުގަނޑު ދަންނަވާ އެންމެކަމެއް ޤަބޫލުކުރައްވާށެވެ. އޭގެސަބަބުން ޢަރަބިކަރައިގައި ތިޔަބޭކަލުންގެ ރަސްކަން ޤާއިމުވާނެއެވެ. ޢަޖަމުކަރަ ތިޔަބޭކަލުންގެ ފައިތިލަފުޅުގެ ދަށަށް ފަތަޙަކުރެވިގެން އަންނާނެއެވެ."

ކޮންމެއަކަސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅުގެ އަޑުއިވުމުން قـــــريـش ންގެ ވަފުދަށް ކޮންމެވެސް ވަރަކަށް ހުއްޓުން އަރައިފިއެވެ. އެބައިމީހުންތިބީ ޙައިރާންވެ ބަސްހުއްޓިފައެވެ. ކައުސާހިބާގެ ވާހަކަފުޅު ރައްދުކުރާނެގޮތެއް ވިސްނައި ނުގަނެވިފައެވެ. އެންމެފަހުން أبــــو جــهـــل ދެންނެވިއެވެ.

"އެންމެ ރަނގަޅެވެ. އަޅެ ވިދާޅުވެ ބައްލަވާށެވެ. ކަލޭގެފާނުގެ ބަފައިކަލުން ގަންދީ ހުވާކޮށްފައި ދަންނަވަމުއެވެ. ތިޔަ ވިދާޅުވިފަދަ އެންމެ ވާހަކަފުޅެއް ނޫނެވެ. ތިޔަ ވިދާޅުވިފަދަ ދިހަ ވާހަކަފުޅު ޤަބޫލުކުރާންވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ." ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. "ތިޔަބޭކަލުން لاإلـــه إلاّاللّـــه ވިދާޅުވާށެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބޭކަލުން އަޅުކަންކުރައްވާ އެހެނިހެން ފަރާތްތައް ދޫކޮށްލައްވާށެވެ." އެވާހަކަފުޅު އަޑުއިވުމާއެކު قـــــريـش ންގެ ވަފުދުގެ އެންމެން އަތްތިލަބަޑި ތަޅައިގެންފިއެވެ. އެބައިމީހުން ބުންޏެވެ. "އޭ محــمّــــد އެވެ! (صــلّـــــى اللّــــه عــلـيــــه وســلّـــــم) ކަލޭގެފާނުގެ ކަންތައްތަކަކީ ޢަޖައިބުވާފަދަ ކަމެކެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ މިހުރިހައި ކަލާނގެތަކެއް އެއްކަލާނގެއަކަށް ހައްދަވާންތޯއެވެ؟"

އެއަށްފަހު ވަފުދުގެ މީހުން އެކަކު އަނެކަކަށް ބުންޏެވެ. "ކަލާނގެތައް ގަންދެމުއެވެ. މީނާ ތިޔަބައިމީހުންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލެއް ނުކުރާނެއެވެ. އަވަހަށް ދަމާހިނގާށެވެ. ތިޔަބައިމީހުންގެ ކާބަފައިންގެ ދީނުގައި ވަރުގަދަޔަކަށް ސާބިތުވެ ތިބޭށެވެ. اللّــــه އަހަރެމެންނާއި މީނާއާ ދެމެދު ކޮންމެވެސް ފައިޞަލާއެއް ކުރައްވައިފުމަށް ދާންދެނެވެ." އެހެން ކިޔައިފައި އެކިމީހުން ވަކިވަކިވެގެން އެކިދިމާޔަށް ހިނގައްޖެއޫއެވެ. މި ހާދިސާއާ ވިދިގެން އެބައިމީހުންނާ ބެހޭގޮތުން ކީރިތި قــــــرآن ގައި ވަޙީކުރައްވައިފައިވާ އާޔަތްތަކެއްގެ މާނަ ތިރީގައި މިދަންނަވަނީއެވެ.

"ص (މިއަކުރުގެ މުރާދު ދެނެވޮޑިގެންވަނީ اللّــــه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قــــــرآن ގަންދެއްވައި ވަޙީކުރައްވަމެވެ. (ހަމަކަށަވަރުން އެއީ ޙައްޤު ތެދެވެ.) އަދި ކިއެއްތަ! ކާފިރުވީ މީހުންވަނީ ބޮޑާކަމާއި ދެކޮޅުވެރި ކަމެއްގައެވެ. އެއުރެންގެ ކުރީން ތިމަންރަސްކަލާނގެ ކިތައްކިތައް އުންމަތް ހަލާކު ކުރެއްވީންހެއްޔެވެ؟ ފަހެ" (އެއުރެންނަށް ޢަޒާބު އައި ހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެވަގުތަކީ ސަލާމަތްވާން ދާނެތަނެއްއޮތް ވަގުތެއް ނޫނެވެ. އަދި އެއުރެންގެ ތެރެއިން އިންޒާރުކުރައްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގަތުމުން އެކަމާ އެއުރެން ޢަޖާއިބުވޫއެވެ. އަދި އެ ކާފިރުވީ މީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. އެކަލޭގެފާނު ހުރިހައި އިލާހުން އެއް އިލާހަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު ޢަޖައިބުވާފަދަ ކަމެއްކަން ކަށަވަރެވެ. އަދި އެއުރެންގެ (އެބަހީ: މައްކާގެ ކާފަރުންގެ) ބޮޑުން (އެ މަޖިލީހުން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ އިލާހުންނަށް އަޅުކަންކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. އެންމެފަހު މިއްލަތުގައިވެސް (އެބަހީ: عـيســـى ގެފާނުގެ މިއްލަތުގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއްކަމުގައި ނޫނީ ނުވެއެވެ." (ص: 1-7)

ވައުތަކަށް އަލިކަން ބަރުދާސްތު ނުކުރެވޭ ފަދައިން މުޝްރިކުންގެ ބޮޑުންގެ ހިތްތަކަކަށްވެސް ތައުޙީދުގެ ނޫރު ބަލައެއް ނުގަނެވުނެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

(ނުނިމޭ)