ބޭރު ފައިސާއާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން އަހަރެއްގެ ތެރޭގައި ގާނޫނުގައި ބުނާ 25 މިލިއަން ޑޮލަރު ލިބޭ ފަރާތްތައް، ރަޖިސްޓްރީ ކުރަން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިފިއެވެ.

އެމްއެމްއޭގައި އެފަރާތްތައް މިއަދުން ފެށިގެން ރަޖިސްޓްރީކުރަން އެންގީ އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އެމްއެމްއޭއިން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް، މުދާ ވިއްކައި ނުވަތަ ހިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ.

އެއީ ބެންކުތަކުން އެ ފަރާތްތައް މާރުކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ ޕަސެންޓް މާރުކުރުމަށްޓަކައެވެ.

ގާނޫނުގައި ބުނަނީ އެ ފަރާތްތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެ އެސްޓެބްލިޝްމަންޓަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 40 ޕަސެންޓް އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތްތަކުން ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެ ކަމަށެވެ.

އެގޮތަށް ބޭރު ފައިސާ ޖަމާކުރުމަށް ކަނޑައަޅާ ބޭންކު އެކައުންޓްތަކުގެ މައުލޫމާތާއި، އެމްއެމްއޭއިން ބޭނުންވާ އެހެނިހެން މައުލޫމާތުވެސް ރަޖިސްޓްރީކުރަން ހުށަހަޅަންޖެހޭނެ ކަމަށްވެސް އިއުލާންގައި ވަނީ ބުނެފައެވެ.