ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް، ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެއެވެ. އަދި ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، މާލެ ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަންނަ އަންގާރަ ދުވަހާ ހަމައަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާކޮށްފައިވާ އިރު، މިއަދަށްފަހު އެއް ހަފުތާއަށް ސެކަންޑް ޓާމް މިޑްބްރޭކަށް ސްކޫލު ޗުއްޓީއެއް ލިބޭނެއެވެ.