އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ކޮންގްރެސް ފަސްކުރަން ޖެހުނީ ސަރުކާރުން ތަނެއް ހަމަޖައްސައިނުދީގެން ކަމަށާއި ކޮންގްރެސްއަށް ތަނެއް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.

އެގޮތުން ކޮންގްރެސް ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑު އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ހޯދުމަށް އެދިފައިވީ ނަމަވެސް، އެތަންތަން ހަމަޖައްސައިދީފައިނުވާ ކަމަށާއި ކޮންގްރެސް ބޭއްވުމަކީ ގާނޫނީގޮތުން ސިޔާސީ ޕާޓީތަކަށް ލާޒިމުވާ ކަމެއް ކަމަށްވާތީ، އެކަމުގައި ހުރި ދަތިތައް އިލެކްޝަންސް ކޮމިޝަން (އީސީ)އާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.

10 ސެޕްޓެމްބަރު 2026، އެމްޑީޕީ ކޮންގްރެސްއާ ގުޅޭ މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ދެ ޑެޕިއުޓީ ޗެއާޕާސަން ކަމަށްވާ އިބްރާހިމް ވަހީދާއި މުހައްމަދު ޝިފާޒް -- ފޮޓޯ/ އެމްޑީޕީ

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާދިފަހުން ޑެޕިއުޓީ ޗެއާޕާސަން، މާލީގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޝިފާޒް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 1 އިން 3 ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކަމަށާއި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އެއްވަނަ ދުވަހުގެ ރޭ 9:00 ގައި ބާއްވާނެ ކަމަށެވެ.

އެ ކޮންގްރެސްގައި ހުށަހެޅިފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ، އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާއެކު އިންވެސްޓްމަންޓް ފޯރަމެއް ވެސް ކޮންގްރެސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިމަހުގެ 19 ގައެވެ. ނަމަވެސް ކޮންގްރެސް އެ ދުވަހަށް ބޭއްވޭ ގޮތް ނުވާތީ، އަސާސީ ގަވާއިދަށް އިސްލާހު ގެނެވެން ނެތުމުން މިމަހުގެ 25 ގައި މިހާރު ހިނގާ ގައުމީ މަޖިލީހުގެ ދައުރު ދަންމާލުމަށް ދާދިފަހުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގައި ގައުމީ މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ވެސް ހިމެނެއެވެ.