އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފިއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް އެހެން ވިދާޅުވެފައި މިވަނީ، ހައުސިން މިނިސްޓްރީ ކުރިން ހިންގަމުންދިޔަ އިމާރާތުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް ބޭފުޅެއްކަންވެސް އެނގޭނެ ކަމަށް ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ފުލުހުންގެ ތަހުގީގަކަށް މައުލޫމާތުދިނުމަށް ހާޒިރުވާން އެންގުމުން ރައީސް ޔާމީން ފަހުން ވިދާޅުވެފައިވަނީ، ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބޭނުންވަނީ ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށާއި ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް ވަނީ ބަނަކަމެއް އައިސްފައި ކަމަށެވެ. އެ މަންޒަރު ފެނުމުން އެ ބަނަކަން ފިލުވައިލެވޭތޯ އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ދެވަނަ ފަހަރަށް ވިސްނާލަންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ބައެއް ސިޔާސީ ލީޑަރުން ވަކި ކަންކަމުގެ މައުލޫމާތު ހުރި ކަމަށް ލައިވް ޓީވީގައި ވިދާޅުވުމަށްފަހު، އެ މައުލޫމާތު ހާމަކުރަންޖެހޭ ހިސާބުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ވިދާޅުވާ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާކޮށް ދައްކަވާ ވާހަކަތަކެއް ނޫންކަން އާންމު ރައްޔިތުންނަށް މިއަދު ވިސްނެންޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެފަދަ ވާހަކަތަކަކީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.