ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު މަޝްވަރާތަކެއް ކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެގޮތުން، މިހާރު ދެފަރާތް ގުޅިގެން ހިންގަމުންދާ މަޝްރޫއުތަކުގެ އިތުރުން، ކުރިމަގުގައި ފެށުމަށް ތާވަލުކޮށްފައިވާ އާ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ އެއްބާރުލުން ދިނުމާއި، ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ މެދުވެސް މަޝްވަރާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޒަރީރު ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އަބޫދާބީ ފަންޑުން އަބަދުވެސް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި ދެމެހެއްޓެނިވި ގުޅުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން އެ ފަންޑުގެ ވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.