މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށް، ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ

އެ މަޝްރޫއަކީ އެމްއެމްއޭއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ދައުލަތުގެ ހަޒާނާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެއިތުރުން، ބޭންކުތަކުން ފައިސާ ގެނައުމާއި ގެންދިއުމުގައި ބޭނުންވާ ސަލާމަތީ އިންތިޒާމުތައް އެންމެ ފުރިހަމަ ގޮތުގައި ހަމަޖެއްސުމަކީވެސް އެ އިމާރާތް ހުޅުމާލޭގައި ގާއިމުކުރުމުގެ މައިގަނޑު އެއް ބޭނުމެވެ.

އެމްއެމްއޭއިން ބުނީ އެ މަޝްރޫއުގެ ހުޅުމާލޭގައި ޖުމްލަ 8،064 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ތަރައްގީކުރާނެ ކަމަށެވެ. އެގޮތުން އިދާރީ މަސައްކަތްތަކަށް ހާއްސަ ޖާގަތަކުގެ އިތުރުން، ފައިސާ ބެލެހެއްޓުމާއި ގެންގުޅުމަށް ހާއްސަ ރައްކާތެރި އިންތިޒާމުތަކާއި، ކޮންފަރެންސް އަދި ތަމްރީނު ހޯލެއްގެ އިތުރުން މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް އެ އިމާރާތުގައި ގާއިމުކުރާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ 85 އާއި 90 ޕަސަންޓުގެ ދެމެދުގެ ފައިނޭންސް ހަމަޖައްސަންޖެހެނީ މަސައްކަތާ ހަވާލުވާ ފަރާތުންކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ބާކީވާ ބައި އެމްއެމްއޭއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.