ހއ. އުތީމުން ބަންޑާރަ ގޯތި ލިބޭ 31 މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފިއެވެ.

އުތީމުން 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މިދިޔަ އަހަރުގެ އޮގަސްޓް 10 ގެ ނިޔަލަށް ހުޅުވާލި އެ މުއްދަތުގައި ކުރިމަތިލީ 71 މީހެއްގެ ޝަރުތު ހަމަވިއެވެ.

އުތީމު ކައުންސިލުން މިއަދު އާންމުކުރި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި އެންމެ ގިނައިން ޕޮއިންޓު ހޯދާފައިވަނީ 70 ޕޮއިންޓާއެކު އުތީމު، ސަނީބީމް، އާއިޝަތު ދީނާ އެވެ. އެންމެ ދަށުން ޕޮއިންޓު ލިބިގެން ގޯތި ލިބުނީ 53 ޕޮއިންޓު ލިބުނު ހަތަރު މީހެކެވެ. ޖުމްލަ 53 ޕޮއިންޓާއެކު ގިނަ ބަޔަކު އެއްވަރުވީ ނަމަވެސް، ހަތަރު މީހުން ކަނޑައަޅާފައިވަނީ ގުރުއަތު ނަގައިގެންނެވެ.

އުތީމު ކައުންސިލުން ގޯއްޗަށް ހުޅުވާލާފައިވަނީ އުތީމުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. ނަމަވެސް އުސޫލުގައިވާ ގޮތުން އުތީމު ރަށްވެއްސެއް ނަމަ، ޕޮއިންޓު ލިބޭ އަދަދު އިތުރެވެ. އޭގެ އިތުރުން އުމުރުން 25 އަހަރަށްވުރެ މަތީގެ މީހުންނާއި ދަރިން ތިބޭ އަދަދު ގިނަ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހުންނަ މީހުންނަށް ވެސް ޕޮއިންޓު ލިބޭ އަދަދު އިތުރެވެ. އަދި ރަށުގައި ދިރިއުޅޭ ނަމަ، ޕޮއިންޓު ލިބޭ އަދަދު ވެސް އިތުރެވެ.

އުސޫލުގައިވާ ގޮތުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ ދޫކޮށްލަން ޖެހެއެވެ. ސަރުކާރުގެ އެއްވެސް މަޝްރޫއަކުން ހައުސިން ޔުނިޓެއް ލިބިފައިވާ ނަމަވެސް، ދޫކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިވާ ނަމަ، އެމީހެއްގެ ޝަރުތު ހަމަނުވާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.