ކުރިމަގުގައި ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ވެސް ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ރައީސްގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި މިއަދު މެންދުރުފަހު އުތީމުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނާއި އެންމެހާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުން ކަމަށާއި ޒުވާން ކުދިންނާއި ސްކޫލް ދަރިވަރުންގެ ހިޔާލުތަކަކީ ވަރަށްވެސް އަގު ހުރި އެއްޗެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ދަރިވަރުންގެ ފަރާތުން ލިބިގެންދިޔަ ހިޔާލުތަކާއި ފާޅުކުރި ޝުއޫރުތަކަކީ އެ މަނިކުފާނު ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަންކަން ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ އެ ކުދިންނަށް ސްކޫލްގައި ކުޅޭނެ ޖާގައެއް ނެތުމުގެ ސަބަބުން ޔުނީފޯމާ އެކު މިހާރު ކުޅެން ނުކުންނަން ޖެހެނީ ބޭރަށް ހިރަފުހަށް ކަމަށާއި އެކަން ހައްލުކޮށްދެއްވައި، އެ ކުދިން ކުޅޭ ސަރަހައްދުގައި ޓާފް އަޅުއްވައިދެއްވުމަށް އެދިފައި ކަމަށެވެ. އަދި މިކަމަށްޓަކައި ރަށު ކައުންސިލުން ޓާފް އެޅޭނެ ވަރުގެ ބިމެއް ހަމަޖައްސާފައިވާކަން އެ ކުދިން ފާހަގަ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ވަތަނީ ހިދުމަތުގެ ހަރަކާތުން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށާއި ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ނެތުމުގެ ސަބަބުން އިންޑޯ ހަރަކާތްތައް ނުބޭއްވޭކަމުގެ ކަންބޮޑުވުންތައްވެސް އެ ކުދިން ރައީސްއާ ހިއްސާކުރި ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ޒުވާން ކުދިންނަށް ހުޅުވާލެއްވި ޕްރޮގްރާމެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެއް ކަމުގައި ވިދާޅުވެފައި ކަމަށެވެ. އަދި މިވަގުތު ޖާގަ އޮތް މިންވަރުން ތަމްރީނު ކުރެވެނީ ގާތްގަނޑަކަށް އަހަރަކު 1000 ކުދިން ކަމަށާއި ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކު ވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް ކުރިމަތިލާކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އުތީމު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ހެދުމަށް މިވަގުތު ބަޖެޓު ކުރެވިފައިނުވި ނަމަވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށާއި ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރަށް ވެދެއްވެން ހުރި އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް