ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ އާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ތަރައްގީގެ ބޭނުންތަކާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އެ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައި ކަމަށެވެ. އަދި ކައުންސިލަރުން ވަނީ ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ރައީސްގެ އަރިހުން އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައި ކަމަށެވެ.

މީގެ އިތުރުން ރަށު ސިއްހީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދު ކަމަށާއި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު މި ބައްދަލުކުރެއްވުމުގައި ރައީސްއާ ހިއްސާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައި ކަމަށެވެ.