މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑްރައިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފުލުހުން އިއްޔެ ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް ޑްރައިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން، މި ގާނޫނުގެ މުހިންމު ބައިތައް ވެސް ޕްރޮގްރާމުގައި ކިޔައިދީފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން އޮފިސަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 31 ގައި ތަސްދީގުކުރައްވައިފައެވެ. ވެހިކަލްތަކުގެ އަހަރީ ފީ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން އުނިކޮށް، "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" އަށް ޖަމާވާގޮތަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ. ބިލުގައި ބުނެފައިވަނީ، މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާއެކު، "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީ ކަމަށެވެ. އެ އޮފީސް ހިނގާނީ މިނިސްޓްރީގެ ދަށުން ކަމަށާއި، އޮފީސް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރު ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާގޮތުން އެ އޮފީސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ގާނޫނީ ޒިންމާތަކާއި، މުވައްޒަފުންނާއި، އިލްތިޒާމުތަކާއި، މުދަލާއި ވަސީލަތްތަކާއި، އިމްތިޔާޒުތައް އެ އޮފީހަށް ބަދަލުވާނެއެވެ.
މީހުން ދިރިއުޅޭ ރަށްރަށާއި، ސިޓީތަކުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު، ކަނޑައެޅުން ކައުންސިލްތަކަށް އޮތް ނަމަވެސް މި ބިލުގައި ބުނަނީ، އެކަންކަން ކަނޑައަޅާނީ މިނިސްޓްރީން ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގައި މި ގާނޫނު ތަންފީޒު ކުރުމާ ގުޅޭގޮތުން ކަނޑައަޅަން ޖެހޭ ހާއްސަ އުސޫލުތަކާ ގުޅޭ ނިންމުންތައް ނިންމާނ،ީ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލްގެ ލަފާގެ މަތިން ގްރޭޓާ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ކަމަށެވެ.
މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލަ ހަލުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައަޅާނީ މި އޮފީހުންނެވެ.
ބިލުގައިވާގޮތުން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީކުރެވޭނެ އެންމެ މަތީ އަދަދު ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ކަނޑައަޅަންވާނެއެވެ.
އެކަމަށްޓަކައި ކަމާގުޅޭ ދިރާސާތައް ހަދައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ބިލުގައިވާ ގޮތުން މާލެ ސަރަހައްދުގެ ޓްރެފިކް މެނޭޖްމަންޓާއި ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތީން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ގާއިމުކުރަންވާނެއެވެ.
މީގެ އިތުރުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" ގެ ނަމުގައި ފަންޑެއް އުފެދުނީ ކަމަށްވެސް ބިލުގައިވެއެވެ. މި ފަންޑުގައިވާ ފައިސާއަށް ޒިންމާ އުފުލައި ފަންޑު ހިންގައި ބަލަހައްޓާނ،ީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ކަމަށް ވެސް ބުނެފައިވެއެވެ.
އެ ފަންޑުގެ ރައުސްމާލު އެކުލެވިގެންވާ މާލީ މަންފާތައް:
- މާލެ ސަރަހައްދުގެ ތެރޭގައި އުޅަނދު ފަހަރު ރަޖިސްޓަރީކުރުމުގެ ފީ އަދި ލައިސަންސް ފީގެ ގޮތުގައި ލިބޭ އެންމެހާ ފައިސާ.
- މާލެ ސަރަހައްދުގެ ތެރޭގައި އުޅަނދުގެ އަހަރީ ފީ އަދި މަލްޓިޕަލް އޯނަޝިޕް ފީގެ ގޮތުގައި ލިބޭ އެންމެހާ ފައިސާ.
- މާލެ ސަރަހައްދުގެ ތެރޭގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެގޮތުގައި ލިބޭ އެންމެހާ ފައިސާ.
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ފަންޑަށް ފައިސާ ކަނޑައަޅާނަމަ އެ ފައިސާ.
ބިލުގައިވާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ، ފަންސަވީސްހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެ އަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ އަދަބަކީ، އެއްލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ޖިނާއީ ދައުވާ އުފުލޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާގޮތުން އެއްގަމު އުޅަނދު ދުއްވަމުންދާ ފަރާތަކުން، އުޅަނދުގެ ކޮންޓްރޯލް، ކުޑަ ކުއްޖަކާ ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިނުވާ ފަރާތަކާ ހަވާލުކުރުން، ނުވަތަ އުޅަނދުގެ ކޮންޓްރޯލް، ފަސިންޖަރުންގެ ސީޓެއްގައިވާ ފަރާތަކާ ހަވާލު ކުރުމަކީވެސް ކުށެކެވެ. އަދަބަކީ ފަންސަވީސްހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ފަންސާސްހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބި ނުވަތަ މީހަކު މަރުވެއްޖެނަމަ، ޖިނާއީ ދައުވާ އުފުލައި ލައިސަންސް އަތުލަންވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުންވެސް އެކި ކުށްތަކަށް އެކި ވަރުގެ ޖޫރިމަނާތަކާއި އަދަބުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައި އަދި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް އުޅަނދެއް ޕާކުކުރުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ އަދަދު ފަސްހާސް ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުވެއްޖެނަމަ، ޖޫރިމަނާ ފައިސާ ދައްކާ ހަލާސް ކުރަންދެން އެ ޖޫރިމަނާއެއް ނިސްބަތްވާ އުޅަނދެއް ޓްރެފިކް ފުލުހުންނަށް ބޫޓުކުރެވިދާނެ ކަމަށެވެ.
އެގޮތަށް ބޫޓުކުރާ ތާރީހުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި، އެއުޅަނދަކަށް ރެކޯޑް ކުރެވިފައިވާ ޖޫރިމަނާ ދައްކައި ހަލާސް ކޮށްފައި ނުވާނަމަ، އެ އުޅަނދެއް ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ.
އެގޮތަށް ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދު، އެ އުޅަނދެއްގެ ވެރިފަރާތަށް ދޫކުރަންވާނީ، އެ އުޅަނދަކާ ގުޅޭގޮތުން ރެކޯޑް ކުރެވިފައިވާ ޖޫރިމަނާތައް ދައްކައި ހަލާސްކުރުމުންނެވެ.
ބިލުގައި ވަނީ މި ގާނޫނުގެ ދަށުން ޓްރެފިކް ފުލުހުން ހިފަހައްޓާ އުޅަނދުތައް، ވެރިފަރާތުން ހަވާލު ނުވެ އެެއް މަސް ދުވަސްވުމުން، އެ އުޅަނދުތަކާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުން އެ މައުލޫމާތު އާންމުކުރަންވާނެ ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ މުހުލަތެއްދީ، އެ މުއްދަތުގައިވެސް އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ގެންގޮސްފައިނުވާނަމަ، އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން؛ ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
ބިލުގައިވާ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މަގު ހުރަސްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް މަގު ހުރަސްކުރުމަކީ މަނާކަމެކެވެ. މި މާއްދާއާ ހިލާފަށް މަގު ހުރަސްކުރި މީހާގެ އަދަބަކީ 100 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް