ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ"ގެ ބާރު އިތުރަށް ގަދަވަމުންދާ އިރު، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށްކުރާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ލަފާކޮށް ސަމަލުވާން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ ބުނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ"ގެ ބާރު އިތުރަށް ގަދަވަމުންދާއިރު ހުރިހާ ދާއިރާތަކަކުން ވެސް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންކަން:

  • ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
  • ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖައާކުރުން
  • މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
  • މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

ޔޫއެންގެ އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) އިން މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުސޫލުތަކެއް އެކުލަވާލައި އާންމުކޮށްފައެވެ.

9 ސެޕްޓެމްބަރު 2026: އެލް ނީނޯގެ ނުރައްކަލަށް ސަމާލުވުމަށް އެންޑީއެމްއޭއިން ކޮންފައިވާ އިލްތިމާސްތައް --- ފޮޓޯ/ އެންޑީއެމްއޭ

ޔޫއެންޑީއާރްއާރްގެ އިންޒާރުތައް:

  • ފެންބޮޑުވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެ، އެހެން ނުރައްކާތައް ކުރިމަތިވެދާނެ.
  • ބިންގަނޑު ކަނޑައިގެން ދިއުމާއި، ގިރުމާއި، އިންފްރާސްޓްރަކްޗާ ހަލާކުވުން.
  • ނަޖިސް ފެންބޭރުވެ، ނުރައްކާތެރި ބަލިތައް އިތުރުވެ ފެތުރުން.
  • ދަތުރުފަތުރާއި ދިރިއުޅުމަށް ބުރޫ އެރުން.

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ ކުރިއަށްއޮތް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މިދިޔަ މަހުގެ 28 ގައި ވަނީ ބުނެފައެވެ. މުޅި ރާއްޖޭގެ ހޫނުމިން ވެސް އާއްމުކޮށް ހުންނާނީ އާއްމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ބުނެފައިވަނީ އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުން ކަމަށެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާ ވާނެ ކަމަށާއި ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދެވަނަ ކަމަކީ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން މަދުވުން ކަމަށެވެ. އެކަމުގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މިކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިއްމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިއްމުކަން މިކަމުން ދޭހަކޮށްދޭ ކަމަށްވެސް މެެޓް އޮފީހުން ބުންޏެވެ.

މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އިއްޔެ ވަނީ އިރުޝާދުދީފައެވެ.