މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އެކުލަވާލި ގަވާއިދަށް އަންނަ މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރު ދުވަހު އޮތް ބޮޑު ގާނޫނީ ހުސްކަމަށް ހައްލު ލިބިގެންދާނެކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްއަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ އާ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ލ. ގަމުގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ އެކު ޖަސްޓިސް މިނިސްޓްރީ އުވިގެން ދިޔުމުން، ކޯޓުތަކުގެ ކުރީގެ ގަވާއިދުވެސް ބާތިލުވެގެން ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ކޯޓުތަކުގެ އެކި މަސްއޫލިއްޔަތުތައް އަދާކުރަމުން ދިޔައީ ވަކިވަކި އިދާރާތަކުން ކަމަށްވާއިރު، އަލަށް ތައާރަފުކުރާ ގަވާއިދުގެ ސަބަބުން މި ހުރިހާ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމަށެވެ.

"އެކެއް އޮކްޓޫބަރުގައި އެ ގަވާއިދަށް އަމަލުކުރަން ފެށޭނެ. އެހެންކަމުން 18 އަހަރުވީ ދިގު ހުސްކަމަށް އެހާތަނުން ފެށިގެން ނިމުން އަންނާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މެޖިސްޓްރޭޓުންގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެކުލަވާލި އެ ގަވާއިދާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގެ ކޯޓުތަކުން މީގެ ކުރިން ތަފާތު އުސޫލުތަކަށް އަމަލުކުރަމުން އައި ނަމަވެސް، ދެން ހުރިހާ ރަށެއްގެ ކޯޓަކުންވެސް ލިބިގެންދާނީ އެއް ފެންވަރެއްގެ ހިދުމަތެއް ކަމަށެވެ.

"ރާއްޖޭގެ އުތުރުގެ ރަށެއްގެ ކޯޓަކުން ހިދުމަތް ހޯދި ކަމުގައި ވިޔަސް، ނުވަތަ ދެކުނުގެ ރަށެއްގެ ކޯޓަކުން ހިދުމަތް ހޯދި ކަމުގައި ވިޔަސް، ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނީ އެއް ފެންވަރެއްގެ ހަމަހަމަ އަދި އެއް އުސޫލަކުން ފޯރުކޮށްދެވޭ އިންސާފުވެރި ހިދުމަތެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، އާ ގަވާއިދުގައި މެޖިސްޓްރޭޓް ކޯޓުތަކަށް ރަޖިސްޓްރާއިން ހަމަޖައްސަން އޮތް ނަމަވެސް ޖޭއެސްސީގެ އިދާރީ އޮނިގަނޑުގައި އަދި އެ މަގާމު ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.