މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މއ. ގާމާދޫ މުހައްމަދު އުޒައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކިކުރީ ރަނގަޅަށް ކަަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައަކީ، އެޗްޑީސީގެ ސެކިއުރިޓީ އެސިސްޓެންޓެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ހަގީގަތާ ހިލާފަށް ވަޒީފާއާ ބެހޭ ގާނޫނާހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ ހުށަހެޅި މައްސަލައެކެވެ.

އެހެންކަމުން މި މައްސަލައިގައި އުޒައިރު އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ފެންވަރުގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށާއި، އޭނާއަށް ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން އެޗްޑީސީން ބުނެފައިވަނީ އުޒައިރު، އެއް އަހަރު ދުވަހުގެ ކޮންތްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ވަކިކުރީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ގޯނަކުރިކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން، އެ މައްސަލަ އެތަނުގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން މައްސަލަ ތަހުގީގުކުރުމުން އެކަން ކޮޮމިޓީއަށް ސާބިތުވާތީ ކަމަަށެވެ.

އެހެންކަމުން އެޗްޑީސީން އެދުނީ ސެކިއުރިޓީ އެސިސްޓަންޓްގެ މަގާމުން އުޒައިރު ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާތީ، އޭނާ އެދިފައިވާ ފަދަ އެއްވެސް ފަރުވާއެއް ނަގައިދޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހެކިން ހުށަހަޅަން ދިން ފުރުސަތުގައި، އެޗްޑީސީން ހަތަރު މީހުން ހެކިންގެ ގޮތުގައި ހުށަހެޅި ނަމަވެސް އުޒައިރުގެ ފަރާތުން ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައިގައި ހެކިންގެ ހެކި ބަހާއި ދެފަރާތުން ދެއްކި ވާހަކަތަކާއި، ހުށަހެޅި ހުށަހެޅުންތަކަށް ބަލައި، ޓްރައިބިއުންލުން ނިންމީ، އުޒައިރު ވަޒީފާއިން ވަކިކޮށްފައިވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުުމުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން އޭނާ އެދިފައިވާ ފަދަ އަމުރެއް އެޗްޑީސީގެ މައްޗަށް ކުރާނެ ތަނެއް ނެތް ކަމަށްވެސް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.