ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށް، އެ ބޯޑުގެ ގަވަނަންސް ކޯޑަށް މުހިންމު ބަދަލުތަކެއް ގެނެސް ސީއީއޯގެ ދައުރު ފުޅާކޮށްފިއެވެ.

އިއްޔެ ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ މި އާ ގަވަނަންސް ކޯޑާ އެކު، މީގެ ކުރިން އޮތް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ވަނީ އަށަކުން ނުވައަކަށް އިތުރުކޮށްފައެވެ.

އެ ބަދަލާ ގުޅިގެން ދެން ބޯޑުގައި ހިމެނޭނީ ޗެއާޕާސަންއަކާއި ޕަބްލިކް ފައިނޭންސްގެ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސީނިއާ މުވައްޒަފަކާއި ސޯޝަލް ސެކިއުރިޓީގެ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސީނިއާ މުވައްޒަފަކާއި ވަޒީފާއާ ބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސީނިއާ މުވައްޒަފެއްގެ އިތުރުން ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަސް މެންބަރުންނެވެ.

މި ބަދަލުގެ ކުރިން ޕެންޝަން ބޯޑުގައި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރުން ތަމްސީލުކުރާ މެންބަރަކު އިންނަ ކަމަށްވެސް އާ ގަވައިދުގައިވެއެވެ. އަދި އޭރު ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަމުންދިޔައީ ހަތަރު މެންބަރުންނެވެ.

މީގެ އިތުރުން ޕެންޝަން އޮފީހުގެ ދުވަހުން ދުވަހަށް ހިންގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސީއީއޯގެ ބެލުމުގެ ދަށުން ކަމަށްވެސް އާ ގަވަނަންސް ކޯޑުގައި ބަޔާންކޮށްފައިވެއެވެ. އެގްޒެކެޓިވް މެނޭޖުމެންޓުގެ އެންމެ އިސްވެރިއަކީ ސީއީއޯ ކަމަށްވާ އިރު، އޮފީހުގެ ސްޓްރެޓެޖީތަކާއި ޕޮލިސީތަކާއި ނިންމުންތައް ތަންފީޒުކުރާނީ ސީއީއޯގެ އިރުޝާދާއި ބެލުމުގެ ދަށުން ސީނިއާ މެނޭޖުމެންޓުން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

ބޯޑު މެންބަރުންގެ ޝަރުތުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ބޯޑު މެންބަރުންގެ ގޮތުގައި ތިބޭނީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހިން ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ ކުރިން އެ ބޯޑުގެ މެންބަރުންގެ އުމުރާ ގުޅޭގޮތުން ގަވައިދުގައި ވަކިގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ބޯޑުގައި ތިބޭ ހުރިހާ މެންބަރުންނަކީވެސް ޕެންޝަން، ފައިނޭންސް، އޮޑިޓް، އިންވެސްޓުމެންޓު، ބިޒްނަސް، އިކޮނޮމިކްސް، ލޯ، އައިޓީ، ސޯޝަލް ސެކިޔުރިޓީ، ޕަބްލިކް ޕޮލިސީ ނުވަތަ ހިއުމަން ރިސޯސަސްގެ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮންނަ މީހަކަށް ވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ގަވަނަންސް ކޯޑަށް ގެނައި މި އިސްލާހުތަކާއެކު، ޕެންޝަން ބޯޑުގެ ޗެއާޕާސަނާއި މެންބަރުން ކަނޑައެޅުމުގެ މަސައްކަތް ކުރާނީ ނޮމިނޭޝަން ކޮމެޓީން ކަމަށާއި އެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ރައީސަށް ލަފާދޭނީވެސް އެ ކޮމެޓީން ކަމަށް ބަޔާންކޮށްފައިވެއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު ހަމަޖައްސާފައިވަނީ ފާއިތުވި މަހުގެ ތެރޭގައެވެ.