ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 ވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝާހިމް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވަމުން އައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހާއްސަކޮށް ޒުވާން ޖީލުގެ މެދުގައި ގުރުއާން ހިތުދަސްކުރުމަށް އޮތް ޝައުގުވެރިކަމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އިތުރަށް އަލިކޮށްދޭނެކަމެއް ޝަހީމް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި އިތުރު ގިނަ ހާފިޒުންތަކެއް ދަސްވެނިވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމަކީ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށް، ހިތުދަސްކުރުމުގެ މަޝްރޫއުތައް އިތުރަށް ފުޅާކޮށްފައިކަމަށް ޝަހީމް ވިދާޅުވިއެވެ.
އެންމެ ގިނަ ކުދިން މިހާރު ގުރުއާން ހިތުދަސްކުރަމުން ދަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އިލްމު އިންސްޓިޓިއުޓްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ގުރުއާނުގެ ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން، މިހާތަނަށް 30 ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަސްމީކޮށް ހިންގަން ފަށާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި 20 ރަށެއްގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި، 38 ރަށެއްގައި އަމަލީ ގޮތުން އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުރިހާ ރަށަކަށް އެ ހިދުމަތް ފުޅާކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނަށްވެސް އެ މަރުކަޒުތަކުގައި ގުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބަދަލުތައް ގެންނަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް