(3 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

އެ އަނިޔާވެރި މުޢާހަދާ އުވައިލައްވާން އެންމެފުރަތަމަ އިސްނެންގެވީ هـشــام بـــن عــمـــــــرو بـــن الحـــــارث الـيـعـمـــرى އެވެ. އެކަލޭގެފާނުގެ ވާހަކަ އަޅުގަނޑު ވަނީ ކުރީންވެސް ބަޔާންކޮށްފައެވެ. އެކަލޭގެފާނަކީ قـــــريـش ވަންހައިގެ عـــامــــــر بـــن لـــؤىّ ވަންހައިގެ ޤަދަރުހުރި ބޮޑެކެވެ. އޭނާ އެއްރެޔަކު زهـيــــــر بــــن أبــــى أمــيّــــة المــخــــــزومـــــى ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ زهـيــــــر އެވެ. ކަލޭގެފާނުގެ މާބެއާއި އަޚުން އުޚުތުން އިންތިހާދަރަޖައިގެ ހައިހޫނުފުޅުކަމުގައި ފަރީއްކުޅުއްވާނެ އެއްޗެއް ލިބިވަޑައިނުގެންފައި ތިއްބަވާއިރު ކަލޭގެފާނު ބަނޑުފުޅު ބޮޑުވާންދެން މީރުކޮށް ފަރީއްކުޅުއްވައި ރީތި ހެދުންކޮޅުތައް ތުރުކުރައްވައި އުޅުއްވާއިރު ހިތްޕުޅަށް ފަސޭހަފުޅުތޯއެވެ. ކަލޭގެފާނު ކާވެނިފުޅުގެ އުފާ ހޯއްދަވާއިރު އެބޭފުޅުން އެތިއްބެވީ އެ ފިޠުރީ އުފާ ހޯއްދެވުމުންވެސް މަޙްރޫމުކޮށްފައެވެ. (زهـيــــــر ގެ މައިކަނބަލުންނަކީ عــاتـــكــة بـنـت عــبـــدالمـطّــلــب އެވެ. އެކަމަނާއަކީ أبـــوطــالــب ގެފާނުގެ ކޮއްކޯފުޅެކެވެ.) މާތް اللّــــه ގަންދެމެވެ. ކަލޭގެފާނުގެ އަޚުން އުޚުތުންނާމެދު ކޮށްގެން މިއުޅޭ ޒާތުގެ ބައިކޯޓެއް أبــــوالحـــكــــم (أبــــو جــهـــل) ގެ މާބެއިންނާއި އަޚުންނާމެދު ކުރެވުނުނަމަކަ އޭނާ ކަލޭގެފާނު ތިޔަ ހުންނަވާގޮތަށް ރުހިގެންނަކުން ނުހުރީހެވެ." زهـيــــــر ވިދާޅުވިއެވެ. "ހިތާމަހުއްޓެވެ. ތިޔަކަމާ އަސަރުކުރީމާ ކުރާނީ ކީއްތޯއެވެ. އަޅުގަނޑަކީ އެންމެ މީހެކެވެ. އަޅުގަނޑާ ބައިވެރިވާނެ އެހެން މީހަކު ހުރިނަމަ އަޅުގަނޑު ތިޔަކަމާ ތެދުވީމުހެވެ. ތިޔަ ފަތްގަނޑު ވީދައިލީމުހެވެ." هـشــام ވިދާޅުވިއެވެ. "އެމީހާ ކަލޭގެފާނުގެ ކުރިފުޅުމަތީގައި މިހިރީއެވެ. އެމީހަކީ އަޅުގަނޑެވެ." زهـيــــــر ވިދާޅުވިއެވެ. "އެހެންވީއިރު ތިންވަނަ މީހަކު ހޯއްދަވާށެވެ."

هـشــام ދެން ވަޑައިގެންނެވީ مطـــعـــم بـــن عـــدى ގެ ގާތަށެވެ. هـشــام، مطـــعـــم بـــن عـــدى ގެ ގާތުގައި ވިދާޅުވިއެވެ. "އޭ مطـــعـــم އެވެ. عــبـــد مـــنـــــاف ވަންހައިގެ ދެގޮފި އަނިޔާއިން ހަލާކުވެގެންދާއިރު قـــــريـش ންނާ އެއްބައިވެވަޑައިގެން ކުޅިބައްލަވާން ހުންނަވާކަށެއް ލަދުފުޅެއް ނުގަނޭތޯއެވެ؟ އެމީހުންނަށް ފުރުސަތު ދެއްވައިގެން ހުންނަވާނަމަ އެމީހުން އެދެވަންހަ މުޅީން ނައްތައިލާނެއެވެ." مطـــعـــم ބުންޏެވެ. "ކަލޭގެފާނަށް ހެޔޮކަން ހުއްޓެވެ. އަޅެ އަޅުގަނޑު އެކަނިމާއެކަނި ކުރާނީ ކީއްތޯއެވެ؟" هـشــام ވިދާޅުވިއެވެ. "ކަލޭގެފާނާއެކު ދެވަނަ މީހަކުވެސް އެބަހުށްޓެވެ. އެމީހަކަށް އަޅުގަނޑު މިހިރީއެވެ." مطـــعـــم ބުންޏެވެ. "ތިންވަނަ މީހަކުވެސް ހޯއްދަވާށެވެ." هـشــام ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަކަންތައްވެސް ކޮށްފީމެވެ. އެމީހަކީ زهـيــــــر بــــن أبــــى أمــيّــــة އެވެ." مطـــعـــم ބުންޏެވެ. "އެހެންވީއިރު ހަތަރުވަނަ މީހަކު ހޯއްދަވާށެވެ."

هـشــام ދެން ވަޑައިގެންނެވީ أبــــوالـبخـــتـــــرى ގެ ގާތަށެވެ. مطـــعـــم އާ ދެއްކެވި ވާހަކަފުޅުތައް أبــــوالـبخـــتـــــرى އާވެސް ދެއްކެވުމުން أبــــوالـبخـــتـــــرى ސުވާލުކުރިއެވެ. މިކަމުގައި ތިބާއާ އެއްބާރުލައްވާނެ އެހެންބަޔަކުވެސް އެބަތިބިތޯއެވެ. هـشــام އާދޭހޭ ވިދާޅުވުމުން أبــــوالـبخـــتـــــرى ސުވާލުކުރިއެވެ. "އެއީ ކޮންބަޔެއްތޯއެވެ." هـشــام ވިދާޅުވިއެވެ. "زهـيــــــر بــــن أبــــى أمــيّــــة އާއި مطـــعـــم بـــن عـــدى އާ އަޅުގަނޑާވެސް މިތިބީ ތިބާއާ އެކުގައެވެ." أبــــوالـبخـــتـــــرى ބުންޏެވެ. "އެންމެރަނގަޅެވެ. އެހެންވީއިރު ފަސްވަނަ މީހަކު މަތިކުރައްވާށެވެ.

هـشــام ދެން ވަޑައިގެންނެވީ زمــعــــة بـــن الأســــود بـــن مـطّــلــب بـــن أســــد ގެ ގާތަށެވެ. އޭނާއާ ބައްދަލުކުރައްވައި އޭނާއާ هـــاشــــم ވަންހަޔާ ހުރި ތިމާގެފުޅުކަމުގެމަތީން ހަނދާންކޮށްދެއްވިއެވެ. ތިމާގެކަމުގެ ޙައްޤު އަދާކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވިއެވެ." زمــعــــة ވިދާޅުވިއެވެ. "ތިޔަ ވިދާޅުވި ކަންތައްތަކުގައި އެއްބައިވާނެ އެހެންބަޔަކުވެސް އެބަތިބިތޯއެވެ. هـشــام އޭނާއާ އެއްބަޔަށް ތިބިމީހުންގެ ނަންތައް ވިދާޅުވިއެވެ. އެއަށްފަހު އެ ފަސްބޭކަލުން ޙަޖޫނުގެ ކައިރީން ބައްދަލުކުރެއްވިއެވެ. މަޝްވަރާކުރެއްވިއެވެ. މުޤާޠަޢާގެ މުޢާހަދާގެ ވާހަކަ ދައްކައި އެ މުޢާހަދާ އުވާލާން ޢަހްދު ކަށަވަރު ހިއްޕެވިއެވެ. އެއަށްފަހު زهـيــــــر ވިދާޅުވިއެވެ. "އެންމެފުރަތަމަ މި މައްސަލައިގައި ވާހަކަ ދައްކާނީ އަޅުގަނޑެވެ."

ވިދިގެން އައިދުވަހު ޙަރަމްފުޅުގެ ތެރޭގައި قـــــريـش ންގެ މަޖްލިސްތައް އެއްވާ ގަޑިޔަށް އެފަސްމީހުން ހާޒިރުވެ ތިއްބެވެ. زهـيــــــر ވަރަށް ރީތި ހެދުންކޮޅެއްލައްވައިގެން ވަޑައިގެން އެންމެފުރަތަމަ ގެފުޅުގައި ޠަވާފު ކުރެއްވިއެވެ. ޠަވާފުކުރައްވައި ނިމިވަޑައިގެން މީސްތަކުންނާ މުޚާޠަބުކުރައްވައި މަތިހަށި ނަންގަވައިގެން ހުންނަވައި ވިދާޅުވިއެވެ.

"އޭ މައްކާގެ އަހްލުވެރީންނޭވެ! އަހަރެ އަހަރެމެން ކައިބޮއި އުނުއަނދެ އުފާކޮށް ހަދާއިރު هـــاشــــم ވަންހަ ފަނާވެގެން ދާންވީހެއްޔެވެ. އެބޭފުޅުންނަކަށް ގަނެވިއްކަވައި ވިޔަފާރިޔެއް ކުރެއްވޭކަށެއްވެސް ހުއްދައެއް ނެތެވެ. މާތްކަލާނގެ ގަންދެމެވެ. މިއަނިޔާވެރިކަމާ ބެހޭގޮތުން ލިޔެގެން މިއުޅޭ އަނިޔާވެރި އަދި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލާ ފަތް ވީދައިނުލެވޭހައި ހިނދަކު އަހަރެން އެއްވެސްތަނަކު ނުއިށީންނާނަމެވެ."

އޭރު أبــــوالحـــكــــم (أبــــو جــهـــل) ޙަރަމްފުޅުގެ އެއްފަރާތެއްގައި އިށީނދެލައިގެން އިނެވެ. އޭނާ ފުންމައިގެން އައިސް زهـيــــــر އާ ކުރިމަތިލައިފައި ހަޅޭއްލަވައިގަތެވެ. "ކަލޭގެ ތިޔަ ހަދަނީ ދޮގެކެވެ. އެފަތެއް ވީދައެއް ނުލެވޭނެއެވެ." އެވަގުތު زمــعــــة بـــن الأســــود، أبــــو جــهـــل އާ ދިމާޔަށް ބުންޏެވެ. "އެންމެބޮޑު ދޮގުވެރިޔަކީ ކަލޭގެއެވެ. ތިޔަ ފަތެއް ލިޔުނުއިރުވެސް އަހަރެމެން އެޔަކާ ޤަބޫލެއް ނޫނެވެ." أبــــوالـبخـــتـــــرى، زمــعــــة އަށް ތާއީދުކުރިއެވެ. "އޭނާ ބުންޏެވެ. އެވިދާޅުވީ ތެދެކެވެ. އަހަރެންވެސް އެފަތަކާ ނުރުހެމެވެ. އެފަތް ޤަބޫލެއް ނުކުރަމެވެ." مطـــعـــم بـــن عـــدى އަޑުހަރުކޮށްލައިފައި ބުންޏެވެ. "ތިޔަ ދެބޭފުޅުން ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ތިޔަބޭފުޅުންނާ ދެކޮޅުހަދާ މީހަކު އެހަދަނީ ދޮގެވެ. ތިޔަ ފަތާއި ފަތުގައިވާ ހުރިހައި އެއްޗަކުން މާތް اللّــــه ގެ ޙަޟުރަތުގައި އަހަރެންވަނީ ބަރީއަވެގެންނެވެ. އެކަން އިޢުލާންކުރަމެވެ." هـشــام بـــن عــمـــــــرو، مطـــعـــم އަށް ތާއީދުކޮށް ހަމަ އެމޭރުމުން ވާހަކަ ދެއްކިއެވެ.

أبــــو جــهـــل އަށް އެމަންޒަރު ފެނުމުން ބުންޏެވެ. "މިއީ ރޭގަނޑެއްގެ ހަތަރުދަމުގެ ސައްލާއިން ނިންމައިފައިވާ ކަމެކެވެ. އެސައްލާގެ ކަންތައް ހިނގީ މިތަނަކު ނޫނެވެ."

މިކަންތައްތައް ހިނގަމުންދިޔައިރު أبـــوطــالــب ގެފާނުވެސް ޙަރަމްފުޅުގެ ތެރޭގައި އެއްފަރާތެއްގައި އިންނެވިއެވެ. އެކަލޭގެފާނު ޙަރަމްފުޅަށް ވަޑައިގެންނެވުމުގެ ސަބަބަކަށްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނަށް ދެއްވި ޚަބަރެކެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ނަބިއްޔާއަށް ޚަބަރު ދެއްވައިފައިވަނީ އަރަހުށި މާތް اللّــــه އެފަތުގެ މައްޗަށް ޒާތެއްގެ ފަނިތަކެއް (ކަތުރުފަނި) ފޮނުއްވައިފިކަމާއި އެ ފަނިތައް ވަނީ ގެފުޅުގައި އެލުވާފައިވާ ފަތުގައިހުރި އަނިޔާވެރިކަމާއި ބޭއިންސާފާއި ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރިހައި ވާހަކަތަކެއް ކައި ނިންމައިފައިކަމެވެ. އެފަނިތައް ނުކައި ދޫކޮށްލައިފައިވަނީ ހަމައެކަނި މާތް اللّــــه ގެ އިސްމުފުޅުތައްކަމެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ އެމާތް ސާހިބާގެ ބޮޑުބޭބޭފުޅުގެ އަރިހުގައި قـــــريـش ންނަށް އެޚަބަރު ދެއްވާން ވިދާޅުވެފައެވެ. أبـــوطــالــب ގެފާނު هـــاشــــم ވަންހައިގެ ބައެއް ބޭކަލުން ގޮވައިގެން ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެންނެވީ قـــــريـش ންނަށް އެޚަބަރު ދެއްވާށެވެ.

أبـــوطــالــب ގެފާނު އެންމެފުރަތަމަ قـــــريـش ން ލައްވާ ފަތުގެ އުރަޔާއެކު ފަތް ގެންނެވީއެވެ. އެއަށްފަހު قـــــريـش ން ގާތު ވިދާޅުވިއެވެ. "އަހަރެންގެ އަޚާގެ ދަރިކަލުންވަނީ މިވެނިގޮތަކަށް ޚަބަރު ދެއްވައިފައެވެ. އެއީ އިތުރުފުޅެއް ކަމުގައި ވެއްޖެކަމުގައިވާނަމަ އަހަރެން ތިޔަބައިމީހުންނާ އެކަލޭގެފާނާ ދެމެދުން އެއްފަރާތަކަށް ޖެހިލާނަމެވެ. ތިޔަބައިމީހުން ބޭނުންގޮތަކަށް އެކަލޭގެފާނާމެދު ކަންތައް ކުރާށެވެ. އެކަމަކު އެއީ ތެދުފުޅެއް ކަމުގައިވާނަމަ އެކަމުންވެސް ޢިބްރަތެއް ހޯދާށެވެ. އަނިޔާވެރިކަމާއި ބޭއިންސާފުން އެއްކިބާވާށެވެ. ތިޔަބައިމީހުންގެ މުޤާޠަޢާ ނިމުމަކަށް ގެންނާށެވެ. އަހަރެމެންގެ އެންމެން މަރުވެހުސްވިޔަސް އެކަލޭގެފާނު ދޫކޮށެއް ނުލާނޫއެވެ. قـــــريـش ން ތިޔައީ އިންސާފުވެރި ވާހަކަފުޅެކޭ ދަންނަވައިފައި އުރަ ހުޅުވައިގެން ފަތްނެރެ ބެލިއިރު ކަންހިނގައިފައިވަނީ أبـــوطــالــب ގެފާނު ވިދާޅުވިގޮތަށެވެ. ގެފުޅުގައި އެލުވި ފަތުގައި ކަތުރުފަނި ނުކައިއޮތީ ހަމައެކަނި بِــاسْمـِكَ الـلَّــهُــــمَّ މިބަސްފުޅެވެ. ދެންވެސް މާތް اللّــــه ގެ އިސްމުފުޅެއް އޮތްނަމަ އެ އިސްމުފުޅެކެވެ. مطـــعـــم بـــن عـــدى އެކިއެކި ވަންހަތަކުގައިހުރި ފަތްތައް ވީދައިލާން ބެލިއިރު އެފަތްތަކުގައިވާ ހުރިހައި އިސްމުފުޅުތަކެއް ވަނީ ކަތުރުފަނި ކައިފައެވެ. ދޫކޮށްލައިފައިވަނީ އަނިޔާގެ ވާހަކަތަކެވެ. އެވަރުންވެސް قـــــريـش ން ބައިކޯޓް ނިންމައިލާކަށެއް އެއްބަހެއް ނުވިއެވެ. ދެކޮޅުވެރިކަން ކުރީ ވަރުގަދައެވެ.

إبـــن ســعـــد ލިޔުއްވައިފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބަސްފުޅު ޙަޤީޤަތަކަށްވުމުން قـــــريـش ންގެ ހޭބުއްދި ފިލައިފިކަހަލައެވެ. އިސްދަށަށް ޖަހައިގެން ތިބެއްޖެއެވެ. أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "ޙަޤީޤަތް އެނގި ބަޔާންވުމުން ބައިކޯޓު ދަމަހައްޓާންއޮތީ ކޮން ޙުއްޖަތެއް ހެއްޔެވެ؟" قـــــريـش ން ޖަވާބު އެރުވިއެވެ. "ތިޔަހަރީވެސް ކަލޭގެފާނުގެ އަޚާގެ ދަރިކަލުންގެ ސިހުރުވެރިކަމެވެ." أبـــوطــالــب ގެފާނު އެއަށްފަހު އެކަލޭގެފާނުގެ އަރިހުގައި ގެންނެވި ބޭކަލުން ގޮވައިގެން ވަޑައިގެން ގެފުޅުގެ އުރަކޮޅާއި ބިތްކޮޅާ ދެމެދަށް ވެދެވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. "އޭ اللّــــه އެވެ! އަޅަމެންގެ މައްޗަށް އަނިޔާވެރިވެ ތިމާގެކަމުގެ ގުޅުން ކަނޑާ މީހުން އެ އިޚްތިޔާރުކުރަނީ އެބައިމީހުންނަށް ހުއްދަވެގެންވާ ރަވައްޔާއެއް ނޫނެވެ. އެބައިމީހުން ކުރިމަތިލުމުގައި އަޅަމެންނަށް މަދަދު ދެއްވާނދޭވެ!" أبـــوطــالــب ގެފާނު އެދުޢާ ކުރެއްވުމަށްފަހު ޝިޢުބަށް އެނބުރި ވަޑައިގެންފިއެވެ. އިސްވެދިޔަތާނގައި އަޅުގަނޑު ބަޔާންކުރި ފަތް ވިދައިލުމުގެ ކަންތައް ހިނގީ މި ހާދިސާއަށްފަހުގައެވެ. މުޤާޠަޢާ އުވައިލެއްވުމުގެ މުހިންމަތު ހިންގެވި ބޭކަލުން ހަތިޔާރު އަޅުއްވައިގެން ޝިޢުބަށް ވަޑައިގެން މުޙާސިރުން ޝިޢުބުން ނެރުއްވައި އެބޭކަލުންގެ ގޭގެޔަށް ފޮނުއްވައިލެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި މި މުހިންމަތު ހިންގެވި ބޭކަލުންގެ ލިސްޓުގައި عــدى بــــن قـيس ގެ ނަންވެސް އާދެއެވެ. ނަމަވެސް އޭނާ އަދާކުރި ދައުރުގެ ވާހަކައެއް އަޅުގަނޑަކަށް ފެނިފައެއް ނުވެއެވެ. إبـــن ســعـــد ރިވާކުރައްވާ ގޮތުގައި قـــــريـش ންގެ ބައިކޯޓު ނިމުމަކަށްއައީ ނަބީކަމުގެ ދިހަވަނަ އަހަރުއެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ، އައުރާޤެ ސީރަތު مـــولانـــا ســيّــد جـــلال الــدّيـــن عـمـــــرى، ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

(ނުނިމޭ)