މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރުކުރުމަށް އެޗްޕީއޭ އިން މިއަދު ވަނީ އެދިފައެވެ.

ބޭރަށް ހިންގުމުގެ އިތުރުން ނުރައްކާތެރި ބައެއް އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އޭގެ ތެރޭގައި ގިނަގިނައިން ހޮޑުލުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުން ހިމެނެއެވެ.

މީގެ އިތުރުން ބޮލަށް އެނބުރުން އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވާ ނަމަ ސަމާލުވުމަށް ވަނީ އަންގައިފައެވެ. އަދި ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމާއި، ކުޑަކަމުދާ މިންވަރު މަދުވުމަކީ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭނެ ސަބަބުތައް ކަމަށް އެ އެޖެންސީން ބުނެއެވެ.

ބޭރަށް ހިންގާ ނަމަ ގޭގައި ދެވިދާނެ ފަރުވާތަކާއި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ގިނަގިނައިން ލޮނުޕެކެޓާއި، ފެނާއި، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ. ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުގެ ގޮތުން، ފާހާނާ ކުރުމަށް ފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި، ފާހާނާ ބޭނުންކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވަނީ އެދިފައެވެ.

ބަލި ފެތުރުން ކުޑަކުރުމަށްޓަކައި، ބަލީގެ އަލާމާތްތައް ނުފެންނަތާ އެއް މަސް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ހަމަ އެ މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.