އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިންޖިނިއާ އަދީބް ޔޫސުފް އަލް-އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު މުލިއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އިގުތިސާދީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު ދެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވައިފައެވެ.