ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން 15 ދުވަހުގެ ތެރޭގައި ލެގޫންސް ސްޕޯޓްސް ކްލަބްގެ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވަން ސިވިލްކޯޓުން ކޮށްފައިވާ ހުކުމާ އެެއްގޮތަށް އިންތިހާބު ބާއްވާފައިވާތީ، ކޯޓު އަމުރު ނިމުމަކަށް އައިސްފައިވާ ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ، ކްލަބް ލެގޫންސްގެ ހިންގާ ކޮމިޓީއަށް 11 މާޗް 2023 ގައި މެންބަރުން އިންތިހާބު ކޮށްފައިވަނިކޮށް، އެ ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް، ހިންގާ ކޮމިޓީގައި ހިމެނޭ ހަތަރު މެންބަރަކު ކޮމިޓީގެ މެންބަރު ކަމުންނާއި ކުލަބްގެ މެންބަރުކަމުން ވަކިކޮށް، ބައި އިލެކްޝަނެއް ބާއްވައި، ހިންގާ ކޮމިޓީއަށް ބަދަލު ގެނެސްފައިވާތީ ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ލެގޫންސް ސްޕޯޓްސް ކުލަބުގެ މައްޗަށް އެ ކުލަބްގެ ދެ މެންބަރުން ކަމަށްވާ، އަބްދުލް ވާހިދާއި އަހްމަދު އަލީ ސިވިލްކޯޓުގައި ކުރި މި ދައުވާގައި، އެ ކްލަބްގެ ހިިންގާ ގަވާއިދާ ހިލާފަށް ކުލަބްގެ އާންމު މެންބަރުން ވަކިކޮށްފައިވާ ކަމަށްވެސް ހުށަހެޅިއެވެ.
މިކަމުގެ ސަބަބުން ހިންގާ ކޮމިޓީގެ އާ ދައުރަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އާންމު މެންބަރުންގެ ޖަލްސާގައި އިންތިހާބުގައި ވާދަކުރުމަށާއި، އިންތިހާބުގައި ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭތީ، ކުލަބްގެ ހިންގާ ގަވާއިދާ ހިލާފަށް ނިންމާފައިވާ އެންމެހާ ނިންމުންތައް ބާތިލުކޮށްދިނުމަށް މި މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ވަނީ އެދިފައެވެ.
މި ދައުވާގެ ލިޔެކިޔުންތައް މިދިޔަ މެއި މަހުގެ 13 ގައި ދައުވާ ލިބޭ ކުލަބްގެ ރައީސް އިބްރާހިމް މަމްނޫނަށް ކޯޓުން ރައްދުކުރިއެވެ.
އެހެންކަމުން ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފެއްްދުމަށާއި، ދައުވާ ދިފާއުކުރުން ހިމެނޭހެން ދައުވާއަށް ރައްދު ދިނުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މެއި 13 އިން ފެށިގެން 14 ދުވަހުގެ މުއްދަތެއް އެ ފަރާތަށް ލިބޭނެއެވެ.
ނަމަވެސް މައްސަލަ ދިރާސާކޮށް ދިފާއު ހުށަހެޅުމަށް ދިން ވަގުތު އިތުރުކޮށްދީގެންވެސް ކޯޓުން ދިން ހުއްދައާ އެއްގޮތަށް އެ ފަރާތުން ދައުވާއަށް ދިފާއު ހުށަހަޅާފައެއް ނުވެއެވެ.
ކޯޓުގެ ހުއްދައާ ނުލައި، ކޯޓުން ދިން މުއްދަތު ހަމަވިފަހުން ދައުވާގެ ދިފާއު ފޯމު ލެގޫންސްގެ ފަރާތުން ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ނުގަތުމަށް ދައުވާކުރާ ފަރާތުގެ އިއުތިރާޒެއް އޮތްތޯ ކޯޓުން ބަލަންޖެހެއެވެ.
އެގޮތަށް ބެލުމުން ދައުވާކުރާ ފަރާތުން ބުނެފައިވަނީ ދިފާއު ހުށަހަޅަން ހުއްދަކޮށްފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވާތީ، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ދިފާއު ފޯމު ބަަލައިގަތުމާ މެދު އިއުތިރާޒު ކުރާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ކޯޓު އަމުރަށް އެދޭ ފޯމުވެސް އެ ފަރާތުން ހުށަހެޅިއެވެ.
އެހެންކަމުން މި މައްސަލައިގައި ދައުވާ ލިބޭ ކުލަބްގެ ރައީސް އިބްރާހިމް މަމްނޫންގެ ގައިރު ހާޒިރުގައި 17 ޖޫންގައި ސިވިލް ކޯޓުން ހުކުމް ކުރީ، ކުލަބުގެ ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށްބުނެ އެ ކުލަބުގެ ފަރާތުން 19 އޯގަސްޓް 2025 ގައި ވައިބާ މެދުވެރިކޮށް ބޭއްވި އިންތިހާބަކީ ހިންގާ ގަވާއިދާ ހިލާފަށް ބާއްވާފައިވާ އިންތިހާބަކަށްވާތީ އެއީ ބާތިލު އިންތިހާބެއް ކަމަށެވެ.
ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށް ނިންމާފައިވަނީ ހިންގާ ގަވާއިދުގައި ބުނާ އިޖުރާއަތް ފުރިހަމަކުރުމާ ނުލައި ކަމަށްވާތީ، ޖެނެރަލް ސެކްރެޓަރީގެ މަގާމުން އަހްމަދު އަހްލަމް އިސްތިއުފާ ދީފައިވާ ކަމަށް ބަލައި ހިންގާ ކޮމިޓީ އާއި ކުލަބްގެ މެންބަރުކަމުން އޭނާ ވަކިވެފައިވާ ކަމަށް ނިންމާފައިވާ ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމުން، މުހައްމަދު ޝަރީފާއި ރާމިޒް އިބްރާހިިމް، އިސްތިއުފާދީފައިވާ ކަމަށް ބަލައި އެ މީހުން ހިންގާ ކޮމިޓީގެ މެންބަރުކަމާއި ކުލަބްގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމާފައިވަ ނިންމުންވެސް ވަނީ ބާތިލުކޮށްފައެވެ.
އޭގެ އިތުރުން ވައިބާ މެދުވެރިކޮށް ކުރިއަށްގެންދިޔަ އިންތިހާބުގައި ހިންގާ ކޮމިޓީގެ ޖެެނެރަލް ސެކްރެޓަރީއަކަށް އިބްރާހިމް ލަތީފް އައްޔަންކުރަން ނިންމި ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމަށް ހަސަން ސުނާނާއި ހަސަން އިހްސާން އައްޔަންކުރަން ނިންމި ނިންމުމަކީ، ގާނޫނާހިލާފު ނިންމުންތަކެއް ކަަމަށްވެސް ކަނޑައަޅައިފައެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނީގޮތުން ސައްހަ ހިންގާ ކޮމިޓީއަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީ ކަމަށެވެ. އެހެންކަމުން ހިންގާ ކޮމިޓީއަށް ގެނައި ބަދަލު ބާތިލުކޮށް އެކަން އިސްލާހުކޮށް ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ފޮނުވުމަށް ލެގޫންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އަދި ކްލަބްގެ އާންމު މެންބަރުކަމުން އަހްމަދު އަލީ އާއި އަބްދުލް ވާހިދު ވަކިކޮށްފައިވަނީ، ހިންގާ ގަވާއިދާ ހިލާފަށް ކަަމަށް ކަނޑައަޅައި ހިންގާ ގަވާއިދާ ހިލާފަށް ހިންގާ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ބަދަލު ގެނެސްފައިވާ ކަމަށްބުނެ ބަލައިނުގަތުމަށް ނިންމާފައިވާ މެންބަޝިޕް ފޯމުތައް ބަލައިގަތުމަށްވެސް ކުލަބުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ކުލަބުގެ އާންމު މެންބަރުން ވަކިކުރުމަށް ނިންމާފައިވާ އެންމެހާ ނިންމުންތަކަކީ ހިންގާ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާތިލުކުރުމަށާއި، އެކި ގޮތްގޮތުން ކުލަބަށް ލިބޭ އާމްދަނީ އާއި ހަރަދުތައް ހިންގާ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދަން ކޯޓު ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.
ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް، ހިންގާ ކޮމިޓީގެ އާ އިންތިހާބު ކުރިއަށް ގެންދިއުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިއުމަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ޒިންމާއެއް ކަަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމާ ހަމައަށް އެ ތާރީހުގެ ނިޔަލަށް ކްލަބްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި، ކްލަބް އުފެދުނުއިރު ކްލަބްގެ ދަފްތަރުގައި ތިބި 89 މެންބަރުން ހިމެނޭހެން މެންބަރުންގެ ދަފްތަރެއް އެކުލަވާލައި، ގިނަވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުުގެ ދަށުން އިންތިހާބު ބާއްވައި ނިންމުމަށްފަހު އެކަން ދަފްތަރު ކުރުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށްވެސް ވަނީ މިދިޔަ ޖޫން މަހުގެ 17 ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި އަމުރުކޮށްފައެވެ.
ނަމަވެސް ކްލަބްގެ ގައިރު ހާޒިރުގައި ކޮށްފައިވާ މި ހުކުމް ބާތިލުކޮށްދިނުމަށް، ނުވަތަ ހުކުމް ބަދަލުކޮށްދިނުމަށް އެދި، މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ލެގޫންސް ސްޕޯޓްސް ކުލަބުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.
މި ހުށަހެޅުމާ ގުޅިގެންވެސް ސިވިލް ކޯޓުން ހުކުމް ކުރީ، ލެގޫންސް ސްޕޯޓްސް ކުލަބުން ހުކުމް ބަދަލުކުރުމަށް އެދި ހުށަހަަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ ހުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަަމަށް ކަނޑައަޅާ ކަމަށެވެ. އަދި ކުރިން ކޮށްފައިވާ ހުކުމްގައިވާގޮތަށް އަމަލުކޮށް 15 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި އެކަން ދަފްތަރު ކުރުމަށް ހުށަހަޅަން އަނެއްކާވެސް އަމުރުކުރިއެވެ.
ލެގޫންސް ސްޕޯޓްސް ކުލަބުން ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓުގެ އިސްތިއުނާފަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ، ސިވިލްކޯޓުން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަަމަށެވެ.
އެއާ ގުޅިގެން ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ދިނުމުގެ މައްސަލައާއި އެކަމުގެ އަމުރަކަށް އެދި އަބްދުލް ވާހިދާއި އަހްމަދު އަލީ އަނެއްކާވެސް ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ ދެމީހުން މި މައްސަލަ ހުށަހެޅީ، މައްސަލައިގެ ދައުވާ ލެގޫންސް ސްޕޯޓްސް ކްލަބާއި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މައްޗަށެވެ. މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ރައްދުވަނީ ހަތް ފަރާތަކަށެވެ.
ވަގުތީ އަމުރު ރައްދުވާ ފަރާތްތައް:
- ލެގޫންސް ސްޕޯޓްސް ކްލަބް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- އިބްރާހިމް މަމްނޫން
- ނަހީޒު އަބްދުލްގަފޫރު އާދަމް
- ހުސައިން ފަޔާޒް
- އިބްރާހިމް އީސާރު
- މުހައްމަދު އިމްރާން
އަމުރަށް އެދޭ ސަބަބެއް ކަމަށް ބުނެފައިވަނީ، އިންތިހާބު ބާއްވަން ސިވިލްކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް އާ މެންބަރުންތަކެއް ހިމަނައިގެން، ކޮމިޝަނާގެ ދައުރެއް ނެތި، އިންތިހާބެއް ބާއްވަން، ކުލަބްގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް މަމްނޫނާއި ކުރީގެ ހަޒާންދާރު ނަހީޒު އަބްދުލްގަފޫރު އާދަމް އާއި އަހްމަދު އިމްރާނާއި ކުރީގެ މެންބަރުން ކަމަށްވާ އިބްރާހިމް އީސާރު އާއި ހުސެއިން ފަޔާޒް މަސައްކަތްކުރަމުންދާތީ ކަމަށެވެ.
މި ހުށަހެޅުމާ ގުޅިގެން މިދިޔަ އޯގަސްޓް މަހުގެ 17 ގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.
ކޯޓުން ނެރުނު ވަގުތީ އަމުރު:
- ތިނެއް މާޗްގެ ނިޔަލަށް ލެގޫންސްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ 138 މެންބަރުންގެ ލިސްޓާއި، އެ ކުލަބު އުފެދުނުއިރު މެންބަރުންގެ ގޮތުގައި ދަފްތަރުގައި ތިބި 89 މެންބަރުންގެ ލިސްޓްގެ އިތުރަށް އާ މެންބަރުންތަކެއް ހިމަނައިގެން އާ އިންތިހާބެއް ބޭއްވުމަށް ލެގޫންސްގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ކުރީގެ ރައީސް މަމްނޫނާއި ކުރީގެ ހަޒާންދާރު ނަޒީހާއި ކުރީގެ މެންބަރުން ކަމަށްވާ އިމްރާން އާއި އީސާރާއި ފަޔާޒް އިސްވެ ކުރަމުންދާ އެންމެހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް އަމުރުކުރުން.
- ލެގޫންސްގެ ނަމުގައި އެއްވެސް މުއާމަލާތެއް މިހިނދަށް ނުކުރުމަށް މަމްނޫން އާއި ނަހީޒާއި އިމްރާން އާއި އީސާރާއި ފަޔާޒްގެ މައްޗަށް އަމުރުކުރުން.
- ހުކުމާ އެއްގޮތަށް ކޮމިޝަނާ އޮފް ސްޕޯޓްސް ކަނޑައަޅާ ގޮތެއްގެމަތިން ކޮމިޝަނާގެ ބެލުމުގެ ދަށުން މެނުވީ އާ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ނުދިނުމަށާއި، އެއާ ހިލާފަށް ކުރަމުންދާ އެންމެހާ މަސައްކަތެއް ވަގުތުން ހުއްޓާލުމާއި ހުކުމް ތަންފީޒު ކުރުމުގެ ބޭނުމަށް ވަކި ގޮތެއް އަންގަންދެން ކުލަބުގެ އާއްމު މެންބަރުންގެ މަސްލަހަތު ހިފެހެއްޓުމަށް ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް ކޮމިޝަނާ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށްފަހު، އިންތިހާބު ބާއްވާ ނިމެންދެން ކުލަބުގެ ހިންގުން ވަގުތީގޮތުން ކޮމިޝަނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކޮމިޝަނާއަށް އަމުރުކުރުން.
- ލެގޫންސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްްސްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭގޮތަށް، ނަމަވެސް ފައިސާ އެކައުންޓުން ނުނެގޭގޮތަށް ލެގޫންސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރުމަށް ބޭންކަށް އަމުރުކުރުން.
- ކޮމިޝަނާގެ ދައުރެއްނެތި ލެގޫންސްގެ ނަމުގައި އެއްވެސް ފަރާތަކުން ލެގޫންސްގެ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ކުރާނަމަ ވަގުތުން އެކަމެއް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރު ކުރުުން.
- ކޮމިޝަނާގެ ބެލުމުުގެ ދަށުން ނޫން ގޮތަކަށް ލެގޫންސްގެ ނަމުގައި އެއްވެސް އިންތިހާބެއް ބާއްވައި ހިންގާ ކޮމިޓީގެ މެންބަރުން ދަފްތަރު ކުރުމަށް ކޮމިޝަނާއަށް ހުށަހެޅި ނަމަވެސް އެކަން ރަސްމީކޮށް އެންޑޯޒް ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް އަންގައި، ކޮމިޝަނާގެ ބެލުމުގެ ދަށުން 17 އޮގަސްޓުން ފެށިގެން 15 ދުވަހުގެ ތެރޭގައި ލެގޫންސްގެ ހިންގާ ކޮމިޓީ ހޮވުމަށް ބާއްވާ އިންތިހާބާ ބެހޭ ކަންކަންކޮށް ނިންމުމަށް ކޮމިޝަނާގެ މައްޗަށް އަމުރުކުން.
ނަމަވެސް މި ކޯޓު އަމުރު މުރާޖައާކުރަން ކްލަބްގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަައިގައި، މި ސެޕްޓެމްބަރު 3 ގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ، ކޯޓުގެ ހުކުމާ އެއްގޮތަށް އިންތިހާބު ބާއްވައި 12 އޯގަސްޓްގެ ނިޔަލަށް ހުކުމް ތަންފީޒުކޮށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް އިންތިހާބު ބާއްވައި ނިންމުމަށްފަހު ހިންގާ ކޮމިޓީ ކޮމިޝަނާގެ ފަރާތުން ދަފްތަރު ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި 12 އޯގަސްޓްގައި ލެގޫންސްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންަބރުން އިންތިހާބު ކުރުމަށްފަހު، އަލަށް އިންތިހާބުކުރި ހިންގާ ކޮމިޓީ ރަޖިސްޓްރީ ކޮށްފައިވާކަން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ އިންތިހާބު ކުރިއަށް ގެންދިޔައީ ކޮމިޝަނާގެ އެންގުމުގެ ތެެރެއިން ކަމަށާއި، 17 އޯގަސްޓްގައި ވަގުތީ އަމުރު ނެރެފައިވަނީވެސް އިންތިހާބު ކުރި ލެގޫންސްގެ ހިންގާ ކޮމިޓީ 16 އޯގަސްޓްގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން ރަޖިސްޓްރީކޮށްދީފައި ވަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އެކަންތައްތަކަށް ބެލުމަށްފަހު، މި މައްސަލައިގައި ސިވިލްކޯޓުން ނިންމާފައިވަނީ ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް