އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކަށް ކިޔަވަންދާ ބިދޭސީ ދަރިވަރުންގެ އަދަދު މަދުވުމާ ގުޅިގެން، އެ ކުދިންގެ ޓިއުޝަން ފީތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ދޭން ފަށައިފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މަދުވެގެން 22 ޔުނިވާސިޓީއަކުން މިހާރު އަންނަނީ ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް އޮޓޮމެޓިކް ޑިސްކައުންޓުތައް ދެމުންނެވެ. މީގެ ތެރޭގައި ޔުނިވާސިޓީ އޮފް އެބަޑީންއިން 8،000 ޕައުންޑްގެ ޑިސްކައުންޓެއް ދޭއިރު، ޔުނިވާސިޓީ އޮފް ކެންޓުން 5،000 ޕައުންޑް އަދި ޔުނިވާސިޓީ އޮފް ނޮޓިންހަމްއިން 3،000 ޕައުންޑްގެ ޑިސްކައުންޓެއް ދެއެވެ.

މި ބަދަލު ގެނެސްފައިވަނީ ބިދޭސީ ދަރިވަރުންނަށް އާއިލާގެ މެންބަރުން ނުގެންދެވޭ ގޮތަށް އިނގިރޭސި ސަރުކާރުން ވިސާގެ ގަވާއިދުތައް ހަރުކަށިކުރުމާ ގުޅިގެން ދަރިވަރުންގެ އަދަދު ދަށްވުމުންނެވެ. އިނގިރޭސިވިލާތުގެ ހޯމް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ އޭޕްރީލް މަހު ސްޓަޑީ ވިސާއަށް ހުށަހެޅި މީހުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 40 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު 14،800 މީހުން ވިސާއަށް ހުށަހެޅިއިރު، މި އަހަރު ހުށަހަޅާފައިވަނީ 8،900 މީހުންނެވެ.

ދަރިވަރުން މަދުވުމުގެ ސަބަބުން ޔުނިވާސިޓީތަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ބައެއް ތަންތަނުން އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޔުނިވާސިޓީ އޮފް އެބަޑީންއިން 100 ވަޒީފާ މަދުކުރަން ނިންމާފައިވާއިރު، ނޮޓިންހަމް ޔުނިވާސިޓީން 600 އަށް ވުރެ ގިނަ ވަޒީފާ މަދުކުރާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.