ރަޝިއާއަށް އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ މުދާ އެތެރެކުރާ މަގެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ފަދަ ކަމެއް ހިނގާފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ތަހުގީގީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށްޓަކައި ރާއްޖެ މެދުވެރިކޮށް އަސްކަރީ މުދާ ދަނީ އެތެރެކުރަމުންނެވެ. އެފަދަ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް އާއި މައިކްރޯޗިޕްސް އާއި ސެޓެލައިޓް އޮޕްޓިކަލް އިކުއިޕްމަންޓްގެ އިތުރުން މަތިންދާބޯޓަށް ބޭނުންވާ މުހިންމު ސްޕެއާޕާޓްސް ހިމެނޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ޕީއެސްއެމް ގޯތިތެރޭގައި ހުންނަ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކެފޭގައި ނުރަސްމީކޮށް ނޫސްވެރިންނާ އެކު ބޭއްވި ސައެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އެފަދަ ތަހުގީގު ރިޕޯޓުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ މުވައްސަސާތަކުން ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ މުދަލެއް ރާއްޖެ މެދުވެރިކޮށް އެތެރެ ވެފައިވާ ނަމަ، އެކަން ހިނގާފައިވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެފަދަ ތަކެތި ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ނެތިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ އުފެދޭ ސުވާލަކީ ވީއައިއޭގައި އެފަދަ ކެޕޭސިޓީއެއް އެބަހުރިތޯ، އެ ބުނާ ލެވެލްގެ ކަމެއް ދެނެގަންނަން،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ބޭރުގެ އެއްވެސް ފަރާތަކުން ސަރުކާރަށް ޕްރެޝަރެއް ކޮށްފައިނުވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ގައުމުތަކުގެ ސަލާމަތާ ގުޅޭ މިފަދަ މައުލޫމާތަކީ އާންމު އުސޫލުން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ މައުލޫމާތު ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެ މެދުވެރިކޮށް އެތެރެކުރާ ކަމަށް ބުނާ ބައެއް ތަކެއްޗަކީ ރަޝިއާގެ މިސައިލް ނިޒާމުތަކަށާއި ޑްރޯން ފަދަ ތަކެއްޗަށް ބޭނުންކުރެވޭ ބާވަތްތަކެވެ. އަދި މި މުދާތައް މާލެ ގެނައުމަށްފަހު ލިޔެކިޔުންތައް ބަދަލުކޮށް، މާލެއިން މޮސްކޯއަށް ދަތުރުކުރާ ސީދާ ފްލައިޓްތަކުގައި ފޮނުވާ ކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
އަލީ ޔާމިން
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ކޮމެންޓް