ސީ ސްޕޯޓްސް ދިވެހި ސާފް ލީގު 2026ގެ ދެވަނަ އިވެންޓް، ލ. މާބައިދޫ ކެރަންޑޫ އިވެންޓްގެ ފިރިހެން އޯޕަން ޗެމްޕިއަންކަން ޔާސިން އަހުމަދު ނާޝިދު ހޯދައިފިއެވެ.
މިދިޔަ އަހަރު ގައުމީ ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީއާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމުގެ އިތުރުން، އެއަހަރު ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް އުމުރުން 15 އަހަރު ހާސިލްކުރި ޔާސިން މިހާތަނަށް މިފަހަރުވެސް މިވަނީ ތިން އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ މިފަހަރު ފުވައްމުލަކު ސިޓީގައި ބޭއްވި ސާފް ލީގުގެ ފުރަތަމަ އިވެންޓްގެ އޯޕަން ބައިގެ އިތުރުން މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑު އިވެންޓްވެސް ކާމިޔާބު ކޮށްފައެވެ.
މާބައިދޫ ކެރަންޑޫ އިވެންޓްގެ ޝޯޓްބޯޑު ފައިނަލުގައި ޔާސިން ވާދަކުރީ މުހައްމަދު އިނާން އަބްދުލް ހަންނާނާ ދެކޮޅަށެވެ. ފައިނަލް ހީޓްގައި ޔާސިން ވަނީ 16.00 ގެ ސްކޯއެއް ހޯދައިފައެވެ. އިނާންގެ ސްކޯއަކީ 12.57 އެކެވެ. ޔާސިން ޖޫނިއާ ޗެމްޕިއަންކަންވެސް ހޯދި އިރު، ޖޫނިއާ ފައިނަލްގައި އޭނާއާ ވާދަކުރީވެސް އިނާނެވެ. ޔާސިން ޖޫނިއާ ފައިނަލް ހީޓްގައި 15.00 ގެ ސްކޯއެއް ހޯދި އިރު، އިނާންގެ ސްކޯއަކީ 12.00 އެކެވެ.
ކެރަންޑޫ އިވެންޓްގައިވެސް ފިރިހެން ބޮޑީބޯޑިން ޑިވިޝަނެއް ކުރިއަށް ގެންގޮސްފައިވާ އިރު، ޗެމްޕިއަންކަން ހޯދީ އަލީ ޖާވިދު (ޖާއްޓެ) އެވެ. އޭނާ ފައިނަލް ހީޓްގައި ވާދަކުރީ މުހައްމަދު ނިފާޒާ ދެކޮޅަށެވެ. ޖާއްޓެ 15.50 ގެ ސްކޯއެއް ހޯދި އިރު، ނިފާޒްގެ ސްކޯއަކީ 12.17 އެކެވެ.
ސާފް ލީގުގައި ދެން ބާކީ އޮތީ ރަންނަމާރި ޗެލެންޖެވެ. އެއީ ނޮވެމްބަރު މަހުގައެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
ކޮމެންޓް