އެއާބަސް މަތިންދާބޯޓުތަކެއް 2013 ވަނަ އަހަރު ގަތުމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ މިއަދު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ކޮރަޕްޝަން ތަހުގީގުކުރާ މައި އިދާރާ (ސިއާބޮކް) އިން ބުނި ގޮތުގައި، އުމުރުން 40 އަހަރުގެ ނަމާލް ހައްޔަރުކުރީ އެއާބަސް މުއާމަލާތާ ގުޅޭގޮތުން ސުވާލުކުރުމަށް ހާޒިރުކުރުމަށް ފަހުގައެވެ. އަދި އޭނާ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކުރާނެ ކަމަށް އެ ކޮމިޝަނުގެ އޮފިޝަލަކު ބުންޏެވެ. ނަމާލްގެ ގާނޫނީ ވަކީލު ނިޝާންތަ ދަޔާނަންދަ ވަނީ، 2.3 ބިލިއަން ޑޮލަރުގެ މި މުއާމަލާތާ ގުޅިގެން ނަމާލް ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމަކީ 2016 ވަނަ އަހަރު އައި އާ ސަރުކާރުން ބާތިލުކޮށްފައިވާ އެއްބަސްވުމެކެވެ.
މަތިންދާބޯޓު ގަތުމުގެ މި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުގައި، ސިއާބޮކް އިން ވަނީ މިދިޔަ މެއި މަހު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް ސުވާލުކޮށްފައެވެ. މި ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ޔޫރަޕުގެ ކުންފުންޏަކުން ސްރީލަންކާގެ އިސް އޮފިޝަލުންނާއި ސިޔާސީ ބޭފުޅުންނަށް ފައިސާ ދިން ކަމަށް ބުނާ މައްސަލައަށެވެ. ނަމަވެސް، ރާޖަޕަކްސަ އާއިލާއިން ވަނީ ރިޝްވަތު ނެގިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ މަގުސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.
ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެގްޒެކެޓިވް ކަޕިލަ ޗަންދްރަސޭނަ ވަނީ، ނަމާލް ރާޖަޕަކްސައަށް ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް މިދިޔަ މާޗު މަހު ތަހުގީގުކުރާ ފަރާތްތަކަށް ކިޔައިދީފައެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، 2013 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން 60 މިލިއަން ރުޕީސް (އެ ދުވަސްވަރުގެ ނިސްބަތުން 461،000 ޑޮލަރު) ނަމާލްއަށް ދިން ކަމަށް އޭނާ ފުރަތަމަ ބުންޏެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެއީ މަޖުބޫރުކޮށްގެން ދިން ބަޔާނެއް ކަމަށް ބުނެ، އެ ވާހަކަތައް އަނބުރާ ގެންގޮސްފައެވެ. އޭގެ ފަހުން، އަލުން ހައްޔަރުކުރަން ތައްޔާރުވެފައި ވަނިކޮށް، މިދިޔަ މެއި މަހު އާއިލާ މީހެއްގެ ގޭގައި ޗަންދްރަސޭނަ މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. އޭނާ މަރުވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގަކުން މީގެ ކުރިން ހޯދި ގޮތުގައި، ސްރީލަންކާގައި 16 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމަށް އެއާބަސް އިން އޮތީ އެއްބަސްވެފައެވެ. އަދި މި މައްސަލަ ފަޅާއެރުމުގެ ކުރިން އޭގެ ތެރެއިން 1.7 މިލިއަން ޑޮލަރު ޗަންދްރަސޭނައަށް ލިބިފައިވާ ކަމަށް އެ ތަހުގީގުން ދައްކައެވެ. މި ފައިސާއަކީ 2005 އިން 2015 އަށް ރާޖަޕަކްސަގެ ވެރިކަމުގައި ކެބިނެޓުގެ ހުއްދައާއެކު ގަތް 10 އެއާބަސް މަތިންދާބޯޓުގެ މުއާމަލާތާ ގުޅޭ ފައިސާއެވެ. ސްރީލަންކަން އެއާލައިންސްއަށް ލިބިފައިވާ ގެއްލުން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރަށް އަރާފައިވާ އިރު، ދަރަނި ބޮޑުވެފައިވާ އެ ކުންފުނި ޕްރައިވެޓައިޒް ކުރުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް