(28 އޯގަސްޓުގެ އަދަދާ ގުޅޭ)

سلطان محمود ދުޢާފުޅު ނިންމަވައިލެއްވި އިރު، އެމަނިކުފާނުގެ އަނގަފުޅުން ލަފުޒުތަކެއްގެ ބަދަލުގައި އިވެނީ ގިސްފުޅު ލެއްވޭ އަޑުފުޅެވެ. ކުއްލިޔަކަށް ރަސްގެފާނަށް އިވިވަޑައިގެންނެވީ އެމަނިކުފާނުގެ ލަޝްކަރުގެ ފޭލިގެތަކުގެ އެއް ފަރާތުން ފާރަވެރީންގެ ހަޅޭއްފަޅޭކުގެ އަޑެވެ. އެއާއެކު، ފޭލިގެތަކުގެ އެއް ކޮޅުން އަނެއް ކޮޅަށް ބެރުތަކުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. سلطان محمود ދުޢާފުޅު ނިންމަވައިލައްވައިފައި ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ލަޝްކަރުގެ ބައެއް އޮފިސަރުން ފޭލިގެކޮޅުގެ ބޭރުގައި ތިއްބެވިއެވެ. އެ ބޭފުޅުން ގެންދެވީ އެ ބޭފުޅުންނަށް ކުރީން ލަފާ ކުރެވިފައި ނެތް ކޮންމެ ޙާލަތަކާ ކުރިމަތި ލައްވާން އެ ބޭފުޅުންގެ އެކުވެރީން ތައްޔާރު ކުރައްވަމުންނެވެ.

سلطان محمود ކުރިމަތި ވެގެން އުޅޭ މައްސަލަޔަކާ މެދު ސުވާލު ކުރެއްވުމުން، އޮފިސަރަކު ޖަވާބު އަރުވައިފިއެވެ. "ޢިއްޒަތްތެރި ރަސްގެފާނެވެ! ފޭލިގެތަކުގެ އިރުއުތުރު ކަނުގައި ތިބި ފާރަވެރީން ކުއްލިޔަކަށް ހަޅޭއްލަވާން ފެށީއެވެ. ލަޝްކަރު އޮތީ ދިމާ ވެދާނޭ ކޮންމެ ނުރައްކަލަކަށް ސަމާލު ވެގެންނެވެ. ނަމަވެސް މިހާރު ބެރުގެ އަޑުން އެނގެނީ އެ ދިމާއިން ދުޝްމަނުންގެ ޙަމަލައިގެ ނުރައްކަލެއް ނެތްކަމެވެ. ލަފާ ކުރެވޭ ގޮތުގައި ކޮންމެވެސް ޖާސޫސަކު އަތުލައިގަނެވުނީއެވެ. އިރުކޮޅަކުން ހުރިހައި ޚަބަރެއް ސާފު ވެދާނެއެވެ."

سلطان محمود އަމުރު ކުރެއްވިއެވެ. "އަހަރެންގެ އަސް ގެނުވާށެވެ."

سلطان محمود އިރުކޮޅެއްގެ ފަހުން އޮފިސަރުންގެ ބަޔަކާ އެކު ވަޑައިގެންނެވީ މުސްލިމުންގެ އަސްކަރުގާހުގެ އިރުދެކުނު ކަނާ ދިމާޔަށެވެ. އޭނާއަށް ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ، ފެނިވަޑައިގެންނެވީ ދަންމަރުތަކެއް ހިފައިގެން ތިބި ފާރަވެރީންގެ ބަޔަކު އެ ދިމާޔަށް އަންނަތަނެވެ. ރަސްގެފާނުގެ އަރިހުގައި ވަޑައިގަންނަވާ އޮފިސަރުންގެ ތެރެއިން އެއް ބޭފުޅަކު ކުރިޔަށް ޖެހިވަޑައިގެންފައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ހުއްޓޭށެވެ!"

ފާރަވެރީން ހުއްޓިއްޖެއެވެ. އެ ވަގުތު އޭގެ ތެރެއިން އެކަކު ބުނެފިއެވެ. "އަޅުގަނޑުމެން މި ދަނީ ރަސްގެފާނުގެ އަރިހަށެވެ."

"ރަސްގެފާނު މިތާނގައި މި ހުންނެވީއެވެ." ރަސްގެފާނުގެ އަރިހުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ފާރަވެރީން ރަސްގެފާނުގެ އަރިހަށް ޒުވާނަކު ގެނެސްފިއެވެ. އެ ޒުވާނާ ކުރިޔަށް އަންނަމުން ބާރު އަޑުން ދަންނަވައިފިއެވެ. "މާތް ރަސްގެފާނެވެ! އަޅުގަނޑުގެ ނަމަކީ ރަންބީރެވެ. މަނިކުފާނުގެ ލަޝްކަރުގެ ހިންދީ ޖަނަރަލް عبدالواحد އަޅުގަނޑު ދެނެވަޑައިގަންނަވާނެއެވެ. ރުހަތުގެ ހަނގުރާމަޔަށް ފަހު އަޅުގަނޑަށް ވަނީ މަނިކުފާނުގެ އަރިހަށް ހާޒިރު ވުމުގެ ޝަރަފު ލިބިފައެވެ."

سلطان محمود އަސްކޮޅު ކުރިޔަށް ޖައްސަވައިލައްވައިފައި ރަންބީރުގެ ވާހަކަފުޅު މެދު ކަނޑުއްވައިލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް މަނިކުފާނު އެނގިއްޖެއެވެ. ވިދާޅުވާން ތިޔަ އުޅުއްވަނީ ކޮން ވާހަކަފުޅެއްތޯއެވެ؟"

"މާތް ސާހިބާއެވެ! އަޅުގަނޑާ އެކު އަޅުގަނޑުމެންގެ ހިސާބުގަނޑުގެ ފަނަރަ އަމީރުން ދެހާސް ސިފައިން ގޮވައިގެން މަނިކުފާނުގެ ލަޝްކަރަށް އެހީ ވުމަށް އެބަ ވަޑައިގަންނަވައެވެ. އަޅުގަނޑުމެން ޖަންގަލި ހުރަސް ކުރަނިކޮށް، ހަވީރު މިތާނގެ އިރުމަތީ ފަރާތުން ދިހަވަރަކަށް ކޯހުގެ ދުރުން އަސްތަކެއް ގޮވާ އަޑު އިވިއްޖެއެވެ. އަޅުގަނޑު އަޅުގަނޑުގެ އެކުވެރީންނަށް އުތުރުފަރާތަށް ޖެހެމުން ދާން އަންގައިފައި، އެ އަޑު އިވޭ ދިމާޔަށް ހިނގައްޖައީމެވެ. އަޅުގަނޑު ގޮސް ބެލި އިރު، ޖަންގަލިތެރޭގައި ކަލަންޖަރުގެ ލަޝްކަރުގެ އެތައް ގެމަތަކެއް މަޑު ކޮށްގެން އެބަތިއްބެވެ. އަޅުގަނޑު ތަންކޮޅެއް ދުރުގައި އަޅުގަނޑުގެ އަސް ބަނދެލައިފައި، ރޭގަނޑުގެ އަނދިރީގެ އެހީގައި ގޮސް އެބައިމީހުންގެ ތެރެޔަށް ވަދެއްޖައީމެވެ. އެތާ ތިބި ސިފައިންގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ އެބައިމީހުން އެތަނަށް އެއް ވެގެން އެތިބީ އިރުމަތީ ފަރާތުން ޖަންގަލި ވަށައިލައިފައި ގޮސް މުސްލިމުންގެ ފޭލިގެތަކަށް ޙަމަލަ ދޭންކަމެވެ. އެބައިމީހުން ރޭގަނޑުގެ އަނދިރީގައި މިހާރު ކުރިޔަށް ދަތުރު ކުރާނެއެވެ. ތަންކޮޅެއް ދުރުގައި އަސްވާރުން މަޑު ކޮށްލުމުން ފައިމަތީގައި ހަނގުރާމަ ކުރާ މީހުން މުސްލިމުންގެ ފޭލިގެތަކާ ކައިރިޔަށް އަންނާނެއެވެ. ފަތިސް ވުމާ އެކު އެބައިމީހުން މުސްލިމުންނާ ޙަމަލަ ދޭނެއެވެ. އެހައިތަނުން އަސްވާރުން ވެސް އެބައިމީހުންނަށް އެހީ ވާން އަންނާނެއެވެ. ކަލަންޖަރުގެ ލަޝްކަރު އާންމު ޙަމަލައެއް ދޭނީ އޭގެ ފަހުންނެވެ. އަޅުގަނޑަށް އެ މަޢުލޫމާތު ލިބުމާ އެކު، ދުވެފައި އަޅުގަނޑުގެ އެކުވެރީންގެ ގާތަށް ހިނގައްޖައީމެވެ. އެ ބޭފުޅުންނަށް ދުޝްމަނުންގެ ފަހަތުގައި ތިއްބެވުމަށް ދަންނަވައިފައި، އަޅުގަނޑު މި އައީ މަނިކުފާނުގެ ލަޝްކަރާ ދިމާޔަށެވެ. އަޅުގަނޑުގެ ވަރަށް ގިނަ ވަގުތު ނަގައިލެވިއްޖެއެވެ. މަނިކުފާނުގެ ފާރަވެރީންނަށް އަޅުގަނޑަކީ ޖާސޫސެއް ނޫންކަން ޔަޤީން ކޮށްދިނުމުގައެވެ."

ރަސްގެފާނު ސުވާލު ކުރެއްވިއެވެ. "އެބައިމީހުންގެ ޢަދަދާ މެދު މަނިކުފާނަށް ހީފުޅު ވަނީ ކިހައިވަރެއް ވާނެ ކަމަށްތޯއެވެ؟"

"އަޅުގަނޑަށް ހީ ވާ ގޮތުން އެބައިމީހުންގެ ޢަދަދު ވިހިހާހަށް ވުރެ ގިނަ ވާނެއެވެ. އަސްވާރުންގެ ޢަދަދު ހަތަރު ހާސް ވަރު ވާނެއެވެ. ދެން ތިބީ ފައިމަތީގައި ހަނގުރާމަ ކުރާ މީހުންނެވެ." ރަންބީރު ޖަވާބު ދެއްވިއެވެ.

އޭރު އިސްލާމީ ލަޝްކަރުގެ ކުރިޔަށް ތިއްބެވި ހުރިހައި ބޭފުޅުން ތިއްބެވީ އެތަނަށް ހާޒިރު ވެވަޑައިގެންނެވެ. ރަސްގެފާނު އެމަނިކުފާނުގެ އިސް ލަޝްކަރުގެ ނަންހުރި ޖަނަރަލް أبو عبد الله محمد އަށް އެންގެވިއެވެ. "މަނިކުފާނު އަށްހާސް ސިފައިންނާއިގެން އަވަހަށް އެ ދިމާޔަށް ވަޑައިގަންނަވާށެވެ."

އެޔަށްފަހު ދެން ތިއްބެވި އޮފިސަރުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ، އިރު އެރުމާ އެކު ރާޖާ ގުންޑާ އޭނާގެ ޚިޔާލުފުޅު ބަދަލު ކޮށްލައްވާނެއެވެ. ނަމަވެސް ތިޔަ ބޭފުޅުން ދިފާޢަށް ތައްޔާރު ވެވަޑައިގަންނަވާށެވެ. ދުޝްމަނުން އަޅުގަނޑުމެންނާ ޙަމަލަ ނުދީ ލަސް ކޮށްފި ކަމުގައި ވާނަމަ، أبو عبد الله ގެ ކާމިޔާބީއަށް ފަހު ދުޝްމަނުންނަށް ލިބޭ ސިހުމުން އަޅުގަނޑުމެން ފައިދާ ލިބިގަންނާނީއެވެ. عبدالواحد އެވެ! މަނިކުފާނު ހުސިޔާރު މީހުންކޮޅެއް ގޮވައިގެން ދުޝްމަނުންގެ ފޭލިގެތަކުގެ ކައިރިޔަށް ވަޑައިގަންނަވާށެވެ. އެބައިމީހުންގެ ޙަރަކާތްތައް ބައްލަވައި، އަޅުގަނޑުމެންނަށް ޚަބަރު ދެއްވަމުން ގެންދަވާށެވެ."

އިރުކޮޅެއްގެ ތެރޭގައި أبو عبد الله ގެ ވެރިކަމުގެ ދަށުގައި ފަސްހާސް އަސްވާރުންނާއި ފައިމަގުގައި ހަނގުރާމަ ކުރާ ތިންހާސް ސިފައިން އިރުމަތީ ފަރާތަށް މިޞްރާބު ޖަހައިފިއެވެ. އެބައިމީހުންނަށް މަގު ދައްކަވަމުން ގެންދެވީ ރަންބީރެވެ. ހައެއްކަ ކޯހަށް ދަތުރު ކުރެއްވުމަށް ފަހު ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑަށް ހީ ވާ ގޮތުން، މިހާރު އަޅުގަނޑުމެންނާ ދުޝްމަނުންނާ މާކަ ދުރެއް ނުވާނެއެވެ."

أبو عبد الله ލަޝްކަރަށް މަޑު ކޮށްލުމަށް އަންގަވައިފިއެވެ. އެޔަށްފަހު، ފައިމަގުގައި ހަނގުރާމަ ކުރާ ސިފައިންގެ ކޮމާންޑަރަށް އެންގެވިއެވެ. "މަނިކުފާނު ސިފައިން ގޮވައިގެން ރައްކައުތެރިކަމާ އެކު ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ދުޝްމަނުން ދެ ފަރާތުން ވަށައިލުމަށް ފަހު، އެބައިމީހުންގެ ފަހަތަށް ގެންދެވޭތޯ މަސައްކަތް ކުރާނޫއެވެ. ރަންބީރަށް ލަފާ ކުރެއްވުނީ ރަނގަޅަށް ކަމުގައި ވާނަމަ، ފަޖުރު ލުމުގެ ކުރީން ދުޝްމަނުން ތިބޭނީ ތިޔަ ބޭފުޅުންގެ ދުނިފަށުގައެވެ. އަޅުގަނޑުމެން ދެ އަރިމަތީންނާއި ފަހަތުން އެބައިމީހުން ލަވަމުން ގެންދާނޫއެވެ. ދުޝްމަނުން ތިޔަ ބޭފުޅުންގެ ސަފުތައް ބުރި ކޮށްލައިފައި ނުކުންނާން އުޅެފި ކަމުގައި ވާނަމަ، އަސްވާރުންގެ ޖަމާޢަތްތައް ތިޔަ ބޭފުޅުންނަށް ވަގުތުން އެހީ ވާނެއެވެ.

+ + + +

އިރުމަތީ ފަރާތުގެ އުދަރެހުން ފަޖުރު ތަރި ފިޔަ ޖަހައިލައިފިއެވެ. ރާޖާ ގުންޑާ ހުންނެވީ އޭނާގެ އެތުގެ ރަންކުލައިގެ މަޙުމަލުގެ ތެރޭގައެވެ. އޭނާ އޭނާގެ ސިފައިންގެ ބާރާއި ހައިބަތު ބައްލަވަމުން ގެންދަވަނީއެވެ. އޭނާގެ ވާތް ކަނާތްޕުޅު ފަރާތުގައްޔާއި ފަހަތްޕުޅުގައި އަސްވާރުންނާއި އެތްތަކުގެ ދިގު ސަފުތައް ވަނީ ދަމައިލައިފައެވެ. ފައިމަތީގައި ހަނގުރާމަ ކުރާ ސިފައިން ވެސް ސަފުސަފަށް ތިއްބެވެ. ސަންގު ފުމެމުން ދީނީ ލަވަތައް ކިޔަމުން ގެންދާ ބުރަހުމަނުންގެ ޖަމާޢަތްތައް ސަފުތަކުގެ ތެރޭގައި ހިނގަމުން ދެއެވެ. "ބަގުވާނަށް ނަޞްރެވެ. ދޭވަތާއިންނަށް ނަޞްރެވެ. ޝަހެންޝާހަށް ނަޞްރާއި ނަޞީބެވެ!" ކިޔައިފައި ނަޢުރާ ކުރަމުން ގެންދާ މީހުންގެ އަޑުފަށްގަނޑު ފަލަކުތަކާ ހަމަޔަށް އަރަމުން ދެއެވެ. އެ މަންޒަރު ފެނުމުން ހީ ވަނީ އިންޑިޔާގެ ހުރިހައި ދިފާޢީ ބާރެއް އެއް ބިމަކަށް އެއް ވެފައި ވާ ހެންނެވެ. ރާޖާ ގުންޑާ އޭނާގެ ވާތް ކަނާތްޕުޅު ފަރާތުގައި އެތްތަކަށް ސަވާރު ވެވަޑައިގެން ތިއްބެވި އޭނާގެ ޑޯލާ ރަސްރަސްކަލުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ބާރަށް ހަޅޭއްފުޅު ލައްވައިގެންނެވިއެވެ. "ކަލާނގެ ގަންދެމެވެ. އަހުރެންނަށް މި ލަޝްކަރާ އެކު ދުނިޔޭގެ އެންމެ ދުރު ކަންކޮޅާ ހަމަޔަށް ދުޝްމަނުންގެ ފަހަތުން އެބައިމީހުން ފަހަމުން ދެވިދާނެއެވެ."

"ޢިއްޒަތްތެރި ރަސްގެފާނަށް ނަޞްރާއި ކާމިޔާބީއެވެ." ރަސްގެފާނުގެ ސިފައިން ނަޢުރާ ކުރިއެވެ.

އަސްމަތީގައި ވަޑައިގެންނެވި އަމީރެއް ރަސްގެފާނުގެ އަރިހަށް އަސް މަޑު ކޮށްލައްވައިފައި ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! އަމުރުފުޅު ދެއްވާށެވެ. މިހާރު ފަތިސް ވަނީއެވެ."

ރަސްގެފާނު ޖަވާބު ދެއްވިއެވެ. "ނޫނެކެވެ. ރާޖް ކުމާރުގެ ފަރާތްޕުޅުން ކޮންމެވެސް ޚަބަރެއް ނުލިބެނީހެއް އަހަރެމެންނަކަށް ކުރިޔަކަށް ނުދެވޭނެއެވެ. އޭނާގެ ޙަމަލައިގެ ކުރީން ދުޝްމަނުން ސަމާލު ކުރުވުމަކީ އަހަރެމެންނަށް ގެއްލުން ހުރި ކަމެކެވެ. އަހަރެމެން ޙަމަލަ ދޭނީ ރާޖް ކުމާރު ދުޝްމަނުންގެ ހުރިހައި ސަމާލުކަމެއް އޭނާއާ ދިމާޔަށް ހުއްޓުވައިލެއްވުމުންނެވެ."

ރަސްގެފާނުގެ އަރިހުގައި މަޙުމަލުގައި ހުންނެވި އަމީރެއް އެކި ފަރާތްފަރާތް ބައްލަވަމުން ގެންދަވައެވެ. އޭނާ ކުރިމައްޗަށް އިޝާރާތް ކުރައްވައިފައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! ކޮންމެވެސް މީހަކު ރާޖް ކުމާރުގެ އަރިހުން ޚަބަރެއް ހިފައިގެން އަންނަނީކަން ނޭނގެއެވެ."

ރަސްގެފާނު ހަމަހިމޭންކަމާ އެކު ކުރިފުޅުމަތި ބައްލަވާން ފައްޓަވައިފިއެވެ. ފަތިހުގެ ފަނޑު އަލީގެ ތެރެއިން ތަންކޮޅެއް ދުރުން ކަޑަބޮއް ޖަހައިފައި އަންނަ އަސްތަކެއް ފެނިވަޑައިގެންފިއެވެ. އިރުކޮޅެއްގެ ތެރޭގައި އަސްވާރެއް އެތްތަކުގެ ސަފުތަކުގެ ކުރިމަތީން ލައިފައި އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް އަސް މަޑު ކޮށްލައިފިއެވެ. އެއީ ކަލަންޖަރުގެ ވަލީޢަހުދެވެ. ރާޖާ ގުންޑާއަށް އޭނާ ފެނިވަޑައިގަތުމާ އެކު ހިތްޕުޅަށް ހަމަނުޖެހުމެއް ވެރި ވެގެންފިއެވެ.

(ނުނިމޭ)