ފައިސާގެ މުއާމަލާތްތައް ކުރުމަށް މަގުފަހިކޮށްދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ޕޭމަންޓް ހިދުމަތްތަކާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓްކޮށްފިއެވެ.
މި ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޕޭމަންޓް އެކުއަޔާ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން، މުއާމަލާތް ހިނގާތާ މަސައްކަތު ދެ ދުވަހުގެ ތެރޭގައި އެ މުއާމަލާތަކާ ގުޅޭ ބެނެފިޝިއަރީގެ ރާއްޖޭގެ ބޭންކު އެކައުންޓަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭނެއެވެ. މީގެ އިތުރުން، ޕޭމަންޓް ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމާއި، ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ އިތުރުން ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު ދެ މިލިއަން ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ. އަދި ޕޭމަންޓް އިނީޝިއޭޝަން ހިދުމަތާއި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު ވަނީ އެއް މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.
ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު
- އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް: 500،000 ރުފިޔާއިން 2،000،000 ރުފިޔާއަށް.
- ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔާކުރުމުގެ ހިދުމަތް: 200،000 ރުފިޔާއިން 2،000،000 ރުފިޔާއަށް.
- ރެމިޓެންސްގެ ހިދުމަތް: 200،000 ރުފިޔާއިން 2،000،000 ރުފިޔާއަށް.
- ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް: 100،000 ރުފިޔާއިން 1،000،000 ރުފިޔާއަށް.
- އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް: 100،000 ރުފިޔާއިން 1،000،000 ރުފިޔާއަށް.
އެމްއެމްއޭއިން ބުނި ގޮތުގައި، ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް މި ބަދަލުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު މެދުނުކެނޑި ހިދުމަތްތައް ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުމެވެ. ހަމައެއާއެކު، މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީ ގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަކީ ވެސް މި އިސްލާހުގެ މަގުސަދެއް ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް