ރާއްޖޭގައި އެންމެ ގިނައިން ދަރިމައިވަނީ 30-34އ ދެމެދުގެ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީން ސްޓެޓިސްޓިކް މޯލްޑިވްސްއާ ގުޅިގެން އާންމުކޮށްފައިވާ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" އިން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި (ޖޫން މަހުގެ ނިޔަލަށް) 2،538 ކުދިން އުފަންވެފައިވެއެވެ. އެއީ 1،229 އަންހެން ކުދިންނާއި 1،309 ފިރިހެން ކުދިންނެވެ.

މި އަހަރު އެންމެ ގިނަ ކުދިން އުފަންވެފައިވަނީ އޭޕްރީލް މަހުއެވެ. އެ މަހު 664 ކުދިން އުފަންވެފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަންހެނުން އެންމެ ބޮޑަށް ދަރިމައިވާ އުމުރަކީ 30-34 އަހަރެވެ. އެގޮތުން އެ އުމުރުފުރާގެ މީހުންނަށް މިދިޔަ ޖޫންގެ ނިޔަލަށް 818 ކުދިން ލިބިފައިވެއެވެ.

އަންހެނުން ދަރިމައިވުމުގެ އުމުރުފުރާތަކާއި ލިބުނު ކުދިންގެ އަދަދު:

  • 15-19: 30 ކުދިން
  • 20-24: 338 ކުދިން
  • 25-29: 688 ކުދިން
  • 30-34: 818 ކުދިން
  • 35-39: 494 ކުދިން
  • 40-44: 162 ކުދިން
  • 45-49: 7 ކުދިން
  • 50+: 1 ކުއްޖަކު

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން މަރުވެފައިވަނީ 793 މީހުންނެވެ. އޭއީ 301 އަންހެނުންނާއި 490 ފިރިހެނުންނެވެ. އަދި ވަކި ޖިންސެއް ކަށަވަރުނުވާ ދެ މީހަކު މަރުވެފައިވެއެވެ.

އެ މުއްދަތުގައި ރާއްޖެއިން އުމުރުން އެއް އަހަރުން ދަށުގެ 26 ކުއްޖަކު މަރުވެފައިވާ އިރު، ފަސް އަހަރުން ދަށުގެ 30 ކުއްޖަކުވެސް މަރުވެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި މަރުވި މީހުންގެ 90.5 ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ.