އެތައް އަހަރެއް ކުރިން ކުޑަ ކުއްޔަކަށް ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ކުލި އާ ގާނޫނުގެ ދަށަށް ބަދަލުކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެ މުއްދަތު ދީފައިވަނީ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީގު ކުރެއްވި އެ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ކުރީގެ ބާ ގާނޫނު އުވާލައި ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރި ތާރީހުން ފެށިގެން އެއް މަސް ފަހުން ކަމަށްވާއިރު، އެއާއެކު މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވިގެންދާނެއެވެ.

އާ ގާނޫނު ބަޔާންކުރާ ގޮތުގައި، މިހާރު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ އެއްބަސްވުންތައް އާ ގާނޫނުގެ އިޖުރާއަތްތަކާ އެއްގޮތަށް މުރާޖައާކޮށް، އާ ރޭޓުތަކަށް ކުލި ބަދަލުކުރަން ޖެހޭނެއެވެ. އަދި އެގޮތަށް އިސްލާހުކުރާ އެއްބަސްވުންތަކަށް އަމަލުކުރަން ފަށަންޖެހޭނީ އާ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައެވެ.

ފަޅުރަށްތައް ދޫކުރާ ބޭނުމަށް ބަލައި، ކުލި ނެގުމަށް އާ ގާނޫނުގައި ކަނޑައަޅާފައިވާ ރޭޓުތަކަކީ:

  • ސިނާއީ އަދި އިގްތިސާދީ މަސައްކަތްތަކަށް: އަކަމީޓަރަކަށް އަހަރަކު 3.00 ރުފިޔާ
  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް: އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ
  • އިޖުތިމާއީ ބޭނުންތަކަށް: އަކަމީޓަރަކަށް އަހަރަކު 2.00 ރުފިޔާ