(31 އޯގަސްޓުގެ އަދަދާ ގުޅޭ)

هـــاشــــم ވަންހަޔަކީ އެހައިތަނާ ހަމަޔަށް މައްކާގެ ފަޚުރެވެ. އެވަންހަޔާ ރަޙްމަތްތެރިކަން އޮތުމަކީވެސް އެހައިތަނަށް މައްކާގެ މީހުން ޝަރަފެއްކަމުގައި ބަލައިއުޅޭ ކަމެކެވެ. ނަމަވެސް އެހައިތަނުން އެންމެން އެވަންހަޔާ ދުޝްމިނުވެގަތެވެ. أبـــوطــالــب ގެފާނަށް މަޖްބޫރުވެވަޑައިގެން بـــنـــو هـــاشــــم އާއި بـــنـــو مـطّــلــب ވަންހައިގެ އެންމެން (أبـــولــهب ފިޔަވައި) ގޮވައިގެން شعب أبـــوطــالــب އަށް (މިހާރުގެ ޝިއުބު ޢަލީ) ވެދެވަޑައިގެން ރައްކައުތެރިކަން ހޯއްދަވައިފިއެވެ. އެތާނގައި ޙިޞާރުވެވަޑައިގެންފިއެވެ. هـــاشــــم ވަންހައާއި مـطّــلــب ވަންހައިގެ ބޭބޭކައުކަނބަލުން ތިންއަހަރު ވާންދެން އެއަނިޔާވެރި ޙިޞާރުގައި ތިއްބެވިއެވެ. شعب أبـــوطــالــب އަކީ މައްކާގެ އާބާދީއިން ބޭރެވެ. ފަރުބަދަތަކުގެ ތެރޭގެ ތަނެކެވެ. هـــاشــــم ވަންހަޔާއި مـطّــلــب ވަންހައިގެ ބޭކަލުން ފިޔަވައި ބައެއް އެހެނިހެން މުސްލިމުންވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙިމާޔަތުގައި ޝިޢުބަށް ވެދެވަޑައިގެންނެވިއެވެ. އެބޭކަލުން ޝިޢުބަށް ވެދެވަޑައިގެންނެވީ ނަބީކަމުގެ ހަތްވަނަ އަހަރުގެ މުޙައްރަމްމަހުގެ އެއްވަނަ ރޭގައެވެ. މުސްލިމުން ޝިޢުބުގައި ތިންއަހަރު ހޭދަކުރެއްވިއެވެ. އިންތިހާދަރަޖައިގެ ދަތި ޙާލުކޮޅުގައެވެ. އެބޭކަލުން ފަތްޕިލާވެއްޔާއި މުޅަތަކެތިވެސް ފަރީއްކުޅުއްވައި އުޅުއްވިއެވެ. عــلاّمــــة سهــيــلــــى، روض الأنـف ގައި ލިޔުއްވައިފައިވެއެވެ. سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. އެއްރެޔަކު އަހަންނަށް ނަޢަމްސޫތްޕެއްގެ ހިކި ހަމެއް ލިބުނެވެ. އަހަރެން އެހަން ދޮވެގެން އަލިފާނުން މުރަނަކޮށްގެން ފެނާއެކު ކައިލީމެވެ.

قـــــريـش ންގެ ބައިކޯޓުގެ (ބޮއިކޮޓު) ސަބަބުން هـــاشــــم ވަންހަޔާއި مـطّــلــب ވަންހައިގެ ބޭކަލުންނަށް ގޮވާމާއި ކާބޯތަކެތި ލިބިވަޑައިގެންނެވުން މުޅީން ބަންދުވިއެވެ. މައްކާއަށް އަންނަ އެފަދަ ހުރިހައި އެއްޗެއްސެއް މުޝްރިކުން އަވަސްއަވަހަށް ގަނެލައެވެ. އެހެންކަމުން މަޙްޞޫރުންގެ ހާލުކޮޅު ވަރަށް ދެރަވިއެވެ. އަންހެން ބޭފުޅުންނާއި ތުއްޕުޅު ބޭފުޅުން ހައިހޫނުފުޅުކަމުގެ ސަބަބުން ކީރިތިކުރައްވާ އަޑުފުޅު ޝިޢުބުގެ ބޭރަށް އެތައްހިސާބަކަށް އިވިއިވި ހުރެއެވެ. މުޝްރިކުންނަށް އެއަޑު އިވުމުން ހީނ އުފާކުރެއެވެ.

އެއިން ބޭކަލަކަށް ޝިޢުބުން ބޭރަށް ނުކުމެވަޑައިގެންނެވެނީ ޙުރުމަތްތެރި މައްސަރުތަކުގެ ތެރެއިން މައްސަރެއްގެ ދުވަހެއްގައެވެ. އެދުވަސްތަކުގައިވެސް އެބޭކަލުންނަށް ލިބިވަޑައިގަންނަވަނީ ކޮންމެވެސް ގާތްމީހަކު ސިއްރުސިއްރުން ވިއްކި އެއްޗެކެވެ. އެއެއްޗެއްވެސް ލިބިވަޑައިގަންނަވަނީ ނުހަމަ ނުލާހިކު ބޮޑު އަގުގައެވެ. މުޝްރިކުން ވަނީ އެބޭކަލުންނަށް ބައްލަވައިނުގެންނެވޭވަރަށް ތަކެތީގެ އަގު އަރުވައިފައެވެ.

قـــــريـش ވަންހައިގެ ބޮޑުންގެ ތެރެއިން މަދުބަޔަކު ސިއްރިޔާތުގައި ކޮންމެވެސްވަރަކަށް ޝިޢުބަށް ކާބޯތަކެތި ފޮނުއްވައި އުޅުއްވިއެވެ. އެހެންނޫންނަމަ އެދެވަންހައިގެ އެންމެ ބޭކަލުން ހައިހޫނުކަމުގެ ސަބަބުން ހަނާވެވަޑައިގެންފީހެވެ. ސިއްރިޔާތުގައި ޝިޢުބަށް ކާބޯތަކެތި ފޮނުއްވައި އުޅުއްވި ބޭކަލުންގެ ތެރޭގައި ގިނައިން ތިއްބެވީ أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ ތިމާގެފުޅު ބޭކަލުންނެވެ. އެބޭކަލުންގެ ތެރެއިން އެންމެބޮޑަށް ފާހަގަކުރެވޭ ބޭކަލަކީ حــكــيــم بـــن حــــــزام بـــن خــويــلد އެވެ. އެކަލޭގެފާނަކީ أمّ المــؤمــنـــيـــن އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ. ޝިޢުބަށް ކާބޯތަކެތި ފޮނުއްވައި އުޅުއްވި ބޭކަލުން އެތަކެތި ފޮނުއްވާއިރު ޢާންމުކޮށް ކަންތައްކުރައްވާ ގޮތްކޮޅަކީ އެތަކެތި ކޮންމެވެސް ސޫތްޕަކަށް އަރުއްވައިގެން ރޭގަނޑު ސިއްރުން ގެންނަވައި، ޝިޢުބުގެ އަނގަމަތީގައި ތިއްބަވައިފައި އެސޫތްޕެއް ފައްސަވައި ޝިޢުބުގެ ތެރެއަށް ވައްދަވަނީއެވެ. އެތެރޭގައި ތިއްބަވާ ބޭކަލުން އެތަކެތި ބާލުއްވައިފައި އެސޫތްޕެއް ފައްސަވައި ބޭރަށް ނެރުއްވަނީއެވެ.

އެގޮތުން حــكــيــم بـــن حــــــزام އެއްރެޔަކު އޭނާގެ ޚާދިމަކުލައްވައި ޝިޢުބަށް ގޮދަން ބަސްތާތަކެއް ވައްދަވަނިކޮށް أبــــو جــهـــل އާ ދިމާވެއްޖެއެވެ. އޭނާ ހަޅޭއްލަވައިގެންފައި އެކަން މަނާކުރާން އުޅެގަތެވެ. އޭނާ ބުންޏެވެ. "ތިޔަހަރަ މާތް މީހާ بـــنـــو هـــاشــــم އަށް ގުލާނުކޮށްދެއްވަނީތޯއެވެ! ތިޔަކަންތައް ހުއްޓައިލައްވާށެވެ. އެހެންނޫނީ ހަޅޭއްފަޅޭއްލަވައި މުޅި މައްކާއަށް ބޭޒާރުކޮށްލާނަމެވެ." އެވަގުތު أبــــوالـبخـــتـــــرى އަށްވެސް އެތަނަށް އާދެވިއްޖެއެވެ. އޭނާ أبــــو جــهـــل އާ ދިމާޔަށް ބުންޏެވެ. ތިޔަކަމާ އަޅާނުލާށެވެ. އޭނާގެ ބޮޑުދައިތާފުޅު خـــديجــــة ގެ ގޮދަންތަކެއް އޭނާގެ ޙަވާލުގައި އެބަހުއްޓެވެ. އޭނާ އެއުޅުއްވަނީ ބޮޑުދައިތާފުޅު ބަނޑުހައިފުޅުކަމުގައި އިންނަވާތީ އެތަނުން ގޮދަންކޮޅެއް ގެންގޮސްދެއްވާން ވެގެންނެވެ. أبــــو جــهـــل ދޫނުކޮށް ހަޅޭއްލަވާން ފެށުމުން أبــــوالـبخـــتـــــرى ވަރަށްބޮޑަށް އެއްޗެހި ގޮވައިފައި އެތާނގައި އޮތް ޖަމަލުކަށިގަނޑެއް ނަގައިފައި އެކަށިގަނޑުން أبــــو جــهـــل ގެ ބޮލުގައި ޖެހިޖެހީނުން أبــــو جــهـــل ގެ ބޯފަޅައިލައިފިއެވެ. އޭރު حــمــــــزة رضـــــى اللّـــه عــنـــــه ވެސް ޝިޢުބުގެ ތެރޭގައި އެމަންޒަރު ބައްލަވާން ހުންނެވިއެވެ. أبــــو جــهـــل އަށް އެކަލޭގެފާނު ފެނެއެވެ. އެހެންކަމުން ހިމޭންވެގެން ހުރެއްޖެއެވެ.

هـــاشــــم ވަންހައާއި مـطّــلــب ވަންހައިގެ ބޭކަލުން ޝިޢުބުގައި ތިއްބެވިއިރު އެބޭކަލުންނަށް ސިއްރުން އެންމެބޮޑަށް އެހީތެރިވެދެއްވާ ބޭކަލުންގެ ތެރޭގައި هـشــام بـــن عــمـــــــرو بـــن الحـــــارث الـيـعـمـــرى ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މާމާފުޅާ هـــاشــــم ވަންހަޔާ ތިމާގެފުޅުކަމެއް އޮވެއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޤައުމުގައި ޤަދަރުހުރި ބޭކަލެކެވެ. ޢިއްޒަތްތެރިކަމުގެ ނަޒަރުން ބެލެވޭ ބޭކަލެކެވެ. އެކަލޭގެފާނުވެސް ޖަމަލުތަކަށް ކާބޯތަކެތި އަރުއްވައިގެން ވަޑައިގެން ޖަމަލުތައް ޝިޢުބަށް ވައްދަވައި އުޅުއްވައެވެ. ޝިޢުބުގައި ތިއްބަވާ ބޭކަލުން ޖަމަލުމަތީގައި ހުންނަ އެއްޗެހި ބާލުއްވައިފައި ޖަމަލު ބޭރަށް ނެރުއްވަނީއެވެ. هـشــام ބައެއްފަހަރު ފޭރާންވެސް ގެންގޮސްދެއްވައެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅު أبـــوطــالــب ގެފާނު އެމާތް ސާހިބާ ޙިމާޔަތްކުރައްވާން ވަރަށްބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ބޭރުމީހަކު ޝިޢުބަށް ވަދޭތޯ ބައްލަވާން ފޯރިމެރުއްވުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. ކޮންމެ ރެޔަކުވެސް އިރާދަން ހުސްވާއިރަށް ރަޙްމަތުގެ ނަބިއްޔާ އަވަހާރަފުޅު ލައްޕަވާން ދާންމަތިކޮޅުގައި ވަޑުއްވަވައެވެ. އެހެންމީހުން ނިދައި ފައިހިލަވަޅު އޮބުމުން އިތުރު ސާހިބާއަށް ދަންނަވައި ދާންމަތިކޮޅުން ނަންގަވައި އެކަލޭގެފާނުގެ ދަރިކަލަކު ނުވަތަ އަޚަކު ނުވަތަ ބޮޑުބޭބެ ވިދާޅުވާ ބޭކަލަކު ކައުސާހިބާގެ ދާންމަތިކޮޅަށް ބަދަލުކުރައްވައި ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބޭކަލެއްގެ ތަންމަތިކޮޅުގައި ރޭކުރުއްވައެވެ. (އައުރާޤެ ސީރަތު صــلّـــــى اللّــــه عــلـيــــه وســلّـــــم: مـــولانـــا ســيّــد جـــلال الــدّيـــن عـمـــــرى)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ންގެ އިޖްތިމާޢީ ބައިކޯޓުގެ ދުވަސްވަރުވެސް އެމާތް ސާހިބާގެ މަސައްކަތްޕުޅަށް ކުޑައިކޮށްވެސް ހުއްޓުމެއް އަޔަކަ ނުދެއްވައެވެ. މައްކާގެ އާބާދީގެ ތެރެޔަށް ވެދެވަޑައިގެންނެވޭން ނެތުމުން ވަޑައިގަންނަވަނީ މައްކާގެ ވަށަވަށައިގެން ހުންނަ އަވަށްއަވަށަށެވެ. އެތަންތާނގެ މީހުންނަށާއި، ފޭލިގެ ހިފައިގެން ދަތުރުކުރާ ޤަބީލާތަކަށާއި ދަތުރުކުރަމުންދާ ޤާފިލާތަކަށް އެއްކައުވަންތަކަމުގެ ދީނަށް ދަޢުވަތު ދެއްވައެވެ. އެމާތް ސާހިބާގެ އިންޤިލާބީ ތަޙްރީކުގެ އެކުވެރީންނާވެސް ބަރާބަރަށް ގުޅުން ދަމަހައްޓަވަމުން ގެންދެވިއެވެ. އެބޭކަލުންވެސް އެބޭކަލުންގެ ސިއްރު ދަޢުވަތުގެ މަސައްކަތްޕުޅު ހީވާގިފުޅުކަމާއެކު ރެޔާދުވާލު ކުރިޔަށް ގެންދެވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބޭކަލުންނަށް ބަރާބަރަށް އިރްޝާދު ދެއްވަމުން ގެންދަވައެވެ. އިތުރު ސާހިބާއަށް ބާވައިލައްވަމުންގެންދަވާ قــــــرآن كـــــريـــــم ގެ ބައިތައް ޞަޙާބީންނަށް ދަސްފުޅުކޮށްދެއްވަމުން ގެންދެވިއެވެ. އެމާތް ކަލާމްފުޅާ އެއްގޮތަށް މުސްލިމުންގެ ޢަމަލުތައް ބައްޓަންކުރުއްވަމުން ގެންދެވިއެވެ.

އިސްލާމީ ރަޙްމަތުގެ ތަޙްރީކުގެ ޚާއްޞަ މޮޅުކަމަކީ އެތަޙްރީކުގެ ހުރިހައިކަމެއް އެންމެ މާތް ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ސީދާ ގުޅިފައިވުމެވެ. އެމާތް ސާހިބާގެ މެދުވެރިކަމުގައި އަރަހުށި ހުސްޠާހިރުވަންތަ މާތް اللّــــه سبحـــانــــه وتــعــــالــــى އާ ގުޅިފައިވުމެވެ. އެމަތިވެރި ޒާތުފުޅަކީ އިންސާނީ ނަސްލުގެ ހުރިހައި އެންމެންގެ ރައްބެވެ. އިލާހެވެ. އެތަޙްރީކުގެ މަޤްޞަދަކީ އައިތަވެރި އިސްލާމީ އިންސާނީ މުޖްތަމަޢެއް ބިނާކުރުމެވެ. އެތަޙްރީކަކީ ޢާލަމްތަކަށް ރަޙްމަތުގެ ތަޙްރީކެކެވެ. އެތަޙްރީކުގެ ޗާޓަރަކީ އިލްހާމީ ޗާޓަރެކެވެ. އަރަހުށި މާތް اللّــــه އެތަޙްރީކުގެ ޗާޓަރު ބާވައިލައްވަމުން ގެންދެވީ އެންމެފަހުގެ އަދި އެންމެ މާތް ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށެވެ. އެކަލާނގެ ވަޙީގެ ޒަރީޢާއިންނެވެ. އެތަޙްރީކަކީ އެއްވެސް އިސްތިސްނާއެއްނެތި ހުރިހައި ތަނަކާއި ހުރިހައި ޒަމާނެއްގެ އިންސާނުންނަށްޓަކައި اللّــــه سبحـــانــــه وتــعــــالــــى ގެ "ހިދާޔަތުނާމާ" އެކެވެ. އާދެ އެއީ قــــــرآن كـــــريـــــم އެވެ.

މުޖްތަމަޢުތައް އުފެދެނީ އަފްރާދުންތަކެއް އެކުވެގެންނެވެ. އެ މުޖްތަމަޢެއްގެ ފަރުދުންނަކީ ޞާލިޙު ބަޔަކުކަމުގައިވާނަމަ އެބައިމީހުންގެ އެކުވުމުން އުފެދޭ މުޖްތަމަޢުވެސްވާނީ ޞާލިޙު މުޖްތަމަޢަކަށެވެ. އަފްރާދުން ފާސިދުކަމުގައިވާނަމަ އެއުރެންގެ އެކުވުމެއްކަމުގައިވާ މުޖްތަމަޢުވެސްވާނީ ފާސިދު މުޖްތަމަޢަކަށެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ ބައިކޯޓުގެ ދުވަސްވަރުވެސް ގެންދެވީ މުސްލިމުންނަށް قــــــرآن كـــــريـــــم އުނގަންނައިދެއްވަމުންނެވެ. قــــــرآن ގެ މާނައާއި މަޠުލަބު ޝަރަޙަކޮށްދެއްވައި މުސްލިމުންގެ ނަފުސުތަކާއި ހިއްސުތަކާއި ހިތްތައް ތަހްޒީބުކުރައްވަމުންނެވެ. ޢިލްމާއި ޙިކުމަތް އުނގަންނައިދެއްވުމުންނެވެ. އެބޭކަލުން ތަޒްކިޔާ ކުރައްވަމުންނެވެ. ކުރިޔަށްއޮތް މުސްތަޤްބަލުގައި ޙަޤީޤީ މާނައިގައި ޞާލިޙު ނަމޫނާ މުޖްތަމަޢެއް އުފެއްދެވޭނެ ގޮތުންނެވެ.

ބައިކޯޓުގެ މުޢާހަދާ އުވައިލެއްވުން

قـــــريـش ންގެ މި އަނިޔާވެރި މުޤާޠަޢާއަށް ދެއަހަރުފުރި ތިންވަނަ އަހަރުގެ މެދަކާ ހަމަޔަށް ދިޔައިރު ޚުދު قـــــريـش ންގެ ބޮޑުގެ ތެރޭގައިވެސް ވަނީ އެ އަފޫރުއްބަ އަނިޔާއާއި މިނެއްނެތް ބޭއިންސާފާ ދެކޮޅަށް އެތައް ބައެއްގެ ޒަމީރު ހޭލައިފައެވެ. އެފަދަ މީހުންގެ ތެރޭގައި ގިނައިން ތިއްބެވީ އެބޭކަލުންގެ މައިފުށުން هـــاشــــم ވަންހަޔާ ގުޅުންހުރި ބޭކަލުންނެވެ. އެފަދަ ބޭކަލުންނަށް އެބޭކަލުންގެ ލޭގެ ގުޅުންދިޔައީ އެ މުޤާޠަޢާ އާދެކޮޅަށް ތެދުވަޑައިގަންނަވާން ދަޢުވަތު އަރުވަމުންނެވެ.

އެ އަނިޔާވެރި މުޢާހަދާ އުވައިލައްވާން އެންމެފުރަތަމަ އިސްނެންގެވީ هـشــام بـــن عــمـــــــرو بـــن الحـــــارث الـيـعـمـــرى އެވެ. އެކަލޭގެފާނުގެ ވާހަކަ އަޅުގަނޑު ވަނީ ކުރީންވެސް ބަޔާންކޮށްފައެވެ. އެކަލޭގެފާނަކީ قـــــريـش ވަންހައިގެ عـــامــــــر بـــن لـــؤىّ ވަންހައިގެ ޤަދަރުހުރި ބޮޑެކެވެ. އޭނާ އެއްރެޔަކު زهـيــــــر بــــن أبــــى أمــيّــــة المــخــــــزومـــــى ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ زهـيــــــر އެވެ. ކަލޭގެފާނުގެ މާބެއާއި އަޚުން އުޚުތުން އިންތިހާދަރަޖައިގެ ހައިހޫނުފުޅުކަމުގައި ފަރީއްކުޅުއްވާނެ އެއްޗެއް ލިބިވަޑައިނުގެންފައި ތިއްބަވާއިރު ކަލޭގެފާނު ބަނޑުފުޅު ބޮޑުވާންދެން މީރުކޮށް ފަރީއްކުޅުއްވައި ރީތި ހެދުންކޮޅުތައް ތުރުކުރައްވައި އުޅުއްވާއިރު ހިތްޕުޅަށް ފަސޭހަފުޅުތޯއެވެ. ކަލޭގެފާނު ކާވެނިފުޅުގެ އުފާ ހޯއްދަވާއިރު އެބޭފުޅުން އެތިއްބެވީ އެ ފިޠުރީ އުފާ ހޯއްދެވުމުންވެސް މަޙްރޫމުކޮށްފައެވެ. (زهـيــــــر ގެ މައިކަނބަލުންނަކީ عــاتـــكــة بـنـت عــبـــدالمـطّــلــب އެވެ. އެކަމަނާއަކީ أبـــوطــالــب ގެފާނުގެ ކޮއްކޯފުޅެކެވެ.) މާތް اللّــــه ގަންދެމެވެ. ކަލޭގެފާނުގެ އަޚުން އުޚުތުންނާމެދު ކޮށްގެން މިއުޅޭ ޒާތުގެ ބައިކޯޓެއް أبــــوالحـــكــــم (أبــــو جــهـــل) ގެ މާބެއިންނާއި އަޚުންނާމެދު ކުރެވުނުނަމަކަ އޭނާ ކަލޭގެފާނު ތިޔަ ހުންނަވާގޮތަށް ރުހިގެންނަކުން ނުހުރީހެވެ." زهـيــــــر ވިދާޅުވިއެވެ. "ހިތާމަހުއްޓެވެ. ތިޔަކަމާ އަސަރުކުރީމާ ކުރާނީ ކީއްތޯއެވެ. އަޅުގަނޑަކީ އެންމެ މީހެކެވެ. އަޅުގަނޑާ ބައިވެރިވާނެ އެހެން މީހަކު ހުރިނަމަ އަޅުގަނޑު ތިޔަކަމާ ތެދުވީމުހެވެ. ތިޔަ ފަތްގަނޑު ވީދައިލީމުހެވެ." هـشــام ވިދާޅުވިއެވެ. "އެމީހާ ކަލޭގެފާނުގެ ކުރިފުޅުމަތީގައި މިހިރީއެވެ. އެމީހަކީ އަޅުގަނޑެވެ." زهـيــــــر ވިދާޅުވިއެވެ. "އެހެންވީއިރު ތިންވަނަ މީހަކު ހޯއްދަވާށެވެ."

(ނުނިމޭ)