ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން ނާސަރީ ހަދަން އިތުރު 10 ރަށެއްގެ ކައުންސިލަށް އެހީ ދީފިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކުރުމާއި ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.

އެންވައިރަމަންސް މިނިސްޓްރީ ބުނީ ފަސް މިލިއަން ގަސް އިންދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށްޓަކައި, ދެވަނަ ބުރުގެ 10 ރަށުގެ ކައުންސިލާ އެކު އިއްޔެ ވަނީ ސޮއިކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ސޮއި ކުރީ ހދ. ނޮޅިވަރަމް، އދ. ދިއްދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ލ. ހިތަދޫ، ލ. ފޮނަދޫ، ފުވައްމުލަކު ސިޓީ، ސ. މީދޫ، ގދ. ވާދޫ، ކ. ހިންމަފުށި ކައުންސިލާ އެކުއެވެ.

3 ސެޕްޓެމްބަރު 2026: 5 މިލިއަން ގަސް: ނާސަރީ އަޅަން އިތުރު 10 ރަށެއްގެ ކައުންސިލަށް އެހީ ދިނުމަށް ސޮއިކުރުން --- ފޮޓޯ/ އެންވައިރަމަންޓް މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގައި ނާސަރީ ހަދަން 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 10 ރަށަށް ޖުމްލަ ފަސް މިލިއަން ރުފިޔާ ދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުން ކުރާނެ ތަންތަނެވެ.

ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށް މިނިސްޓްރީން ބުނެެއެވެ. އެ މަޝްރޫއު އިތުރަށް ހަރުދަނާ ކުރުމަށް، ނާސަރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.