އާންމު ގޮތެއްގައި އުމުރުން 22 އަހަރުގެ ޒުވާނުން ވިސްނާނީ ކިޔަވައި ނިމިގެން ރަނގަޅު ވަޒީފާއަކަށް ވަނުމަށާއި، އަމިއްލަ ދިރިއުޅުމެއް ފެށުމަށެވެ. ނަމަވެސް އިންޑިއާއަށް އުފަން އާދޭޝް ސޯނީގެ ވިސްނުން މުޅިން ތަފާތެވެ. އާދޭޝް އިހުތިޔާރުކުރީ އޭނާގެ އަމިއްލަ ކެރިއަރެއް ބިނާކުރުމަށްވުރެ ބޮޑަށް، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ޖަންގަލިތަކެއް ބިނާކުރުމަށެވެ. އޭނާގެ އަމާޒަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި 10 މިލިއަން ގަސް އިންދުމެވެ. މި ބޮޑު އަމާޒާ ދިމާއަށް އޭނާ ދަތުރު ފެށިއިރު، ގިނަ ބަޔަކު ދުށްގޮތުގައި މިއީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ. އަދި ބައެއް މީހުން އޭނާއަށް މަލާމާތްކޮށް ހެދި ނަމަވެސް، އޭނާގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އާދޭޝްގެ މި ދަތުރު ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭނާގެ އަމިއްލަ ފައިސާ ހަރަދުކޮށްގެން ގަސް ގަނެ، 42 ޑިގްރީ ސެލްސިއަސްގެ ހޫނުގަދަ ދުވަސްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. މިއަދު އޭނާއަކީ ތިމާވެއްޓަށް ލޯބިކުރާ އެތައް ބަޔެއްގެ ނަމޫނާއެކެވެ.
ގަސް އިންދުމުގެ ބޮޑު ހަރަކާތް އެންމެ ގަހަކުން ފެށި މި މަސައްކަތް މިއަދު ވަނީ މުޅި އިންޑިއާގައި ފާހަގަކޮށްލެވޭ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. "ދަ ބެޓަރ އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދޭޝް އިސްވެ ހުރެ އުފައްދާފައިވާ "ޓަޗް ފޯ އާތު" ޖަމިއްޔާގެ ދަށުން މިހާތަނަށް ވަނީ 14 ލައްކަ ގަސް އިންދާފައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާގެ މާހައުލާ ގުޅޭ، އެ ގައުމަށް ހާއްސަ ގަސްގަހާގެއްސެވެ. ބޭރުން ގެންނަ ގަސްތަކުގެ ބަދަލުގައި އަމިއްލަ ގައުމުގެ ގަސްތައް އިންދުމަށް އޭނާ އިސްކަންދެނީ، އެ ސަރަހައްދެއްގެ ފަސްގަނޑަށާއި މޫސުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ވާތީއެވެ.
މި ގަސްތައް އިންދާފައިވަނީ ދިއްލީ، ރާޖަސްތާން، އުއްތަރަ ޕްރަދޭޝް އަދި މަދްޔަ ޕްރަދޭޝް ފަދަ ސްޓޭޓުތަކުގައެވެ. ދާދި ފަހުން ހަރްޔާނާގެ ބިވާނީގައި ކުރިއަށްގެންދިޔަ ހަރަކާތެއްގައި އެކަނިވެސް 100،000 ގަސް އިންދާފައިވެއެވެ. މި މަސައްކަތުގައި 100 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވެ، ބިން ސާފުކުރުމާއި، ފަސްގަނޑު ތައްޔާރުކުރުމުގެ މަސައްކަތް 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އާންމުންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ދައްކައިދޭ ކަމެކެވެ.
އިންޑިއާ ފަދަ އާބާދީ ބޮޑު، އަދި ސިނާއީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމެއްގައި ޖަންގަލިތައް ކޮށައި، ބިންތައް ސާފުކުރުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން ވައި ނުސާފުވުމާއި، ފެންބޮޑުވުން ފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އާދޭޝް ފަދަ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ މުޖުތަމައަށް އޮތް ވަރަށް ބޮޑު އުއްމީދެކެވެ. އޭނާގެ ޖަމިއްޔާއިން ގަސް އިންދުމުގެ އިތުރުން، އެ ގަސްތައް ހެދި ބޮޑުވަންދެން ބެލެހެއްޓުމުގެ ޒިންމާވެސް ނަގައެވެ. ގިނަ ފަހަރަށް ގަސް އިންދުމަށްފަހު އެއަށް އަޅައިނުލެވުމުގެ ސަބަބުން ގަސްތައް މަރުވެގެން ދެއެވެ. ނަމަވެސް އާދޭޝްގެ ޓީމުން ގަސްތަކަށް ފެންދީ، ގަސްތައް ހިމާޔަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ.
މި ގަސްތައް ހެދި ބޮޑުވުމާއެކު، އެ ސަރަހައްދުތަކުގެ ދިރުންތަކަށް ވަނީ އާރޯކަން އައިސްފައެވެ. ކުރިން ހަނަފަސްކޮށް އޮތް ބިންތަކުގައި ގަސްތައް ހެދި، ހިޔާ ލިބެން ފެށުމުން، ދޫނިސޫފާސޫތްޕާއި ކޮކާ ފަދަ ދިރުންތައް އެ ސަރަހައްދުތަކަށް އަންނަން ފަށާފައިވާ ކަމަށް އާދޭޝް ފާހަގަކުރެއެވެ. މިއީ ތިމާވެށީގެ ނިޒާމު އިއާދަކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ގަސްތައް ގިނަވުމަކީ ވައި ސާފުވެ، ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްވެސް މަގުފަހިވާ ކަމެކެވެ.
އަންނާން އޮތް ޖީލުތަކަށް އުނގަންނައިދިނުން
އާދޭޝްގެ މަސައްކަތަކީ ހަމައެކަނި ބިމުގައި ގަސް އިންދުމެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ އަންނާން އޮތް ޖީލުތަކުގެ ހިތްތަކުގައި ތިމާވެއްޓަށް ލޯބި ޖެއްސުމެވެ. މިގޮތުން، "ޓަޗް ފޯ އާތު" ގެ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ ކުޑަކުދީންނަށް ވަނީ ގަސް ހަދިޔާކޮށް، ގަސް އިންދުމުގެ މުހިންމުކަން ދަސްކޮށްދީފައެވެ.
މި ހަރަކާތުގެ ސަބަބުން ކުޑަކުދީންނަށް ތިމާވެއްޓާ ގުޅޭ ކަންކަން އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބެއެވެ. މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ހަމައެކަނި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އަމިއްލަ އަތުން ގަހެއް އިންދައި، އެ ގަސް ބޮޑުވަމުން އަންނަ މަންޒަރު ފެނުމަކީ ކުދިންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް އާދޭޝް ބުނެއެވެ. ގަސް އިންދުމުގެ ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުމުން، މުސްތަގުބަލުގައި ތިމާވެށި ހިމާޔަތްކުރާނެ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ.
ކުޑަކުދިންނަށް ގަސް އިންދަން ދަސްކޮށްދިނުމަކީ ދިރިއުޅުމުގެ ރަނގަޅު އާދަތަކެއް އަށަގަންނުވައިދޭ ކަމެކެވެ. ގަހަށް ފެންދީ، އެ ގަސް ބަލަހައްޓަން ދަސްވުމުން، ކުދިންގެ ކިބައިގައި ޒިންމާދާރުކަން އިތުރުވެގެންދެއެވެ. އަދި ގުދުރަތީ ވެއްޓާ އޮންނަ ގުޅުން ބަދަހިވެ، ސްކްރީންތަކާ ދުރުގައި ވަގުތު ހޭދަކުރުމަށް ބާރުއެޅެއެވެ. މީގެ އިތުރުން، ސްކޫލްތަކާ ގުޅިގެން "ޓަޗް ފޯ އާތު" އިން ދަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކުގައި ގަސްގަހާގެހިން ލިބޭ ފައިދާތަކާއި، ތިމާވެށި ހަޑިވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުދިންނަށް ކިޔައިދެއެވެ. މިއީ ހަމައެކަނި އިންޑިއާއަށް ނޫން ކަމަށާއި، މުޅި ދުނިޔެއަށްވެސް ބޭނުންތެރި ނަމޫނާ މަސައްކަތެއް ކަމަށް ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
10 މިލިއަން ގަހުގެ އަމާޒު
މިހާތަނަށް 14 ލައްކަ ގަސް އިންދިފައި ވީނަމަވެސް، އާދޭޝް ބުނާ ގޮތުގައި މިއީ އަދި ނިމުމެއް ނޫނެވެ. އޭނާގެ ދުރު ރާސްތާގެ އަމާޒަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި 10 މިލިއަން ގަސް އިންދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އޭނާ އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އޭނާގެ މި އަމާޒަކީ ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.
އާދޭޝްގެ މި ދަތުރުން ދައްކައިދެނީ، ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ބޮޑެތި ޖަމިއްޔާތަކެއް ނުވަތަ ގިނަ ވަސީލަތްތަކެއް ކޮންމެހެން ބޭނުން ނުވާ ކަމެވެ. އެންމެ މީހެއްގެ ހިތްވަރާއި އަޒުމުން ފެށޭ ކުޑަ ކަމެއް، މުޅި މުޖުތަމައު ބަލައިގަންނަ ބޮޑު ހަރަކާތަކަށް ބަދަލުވެދާނެކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އޭނާގެ މި މަސައްކަތުގައި މިހާރު އެތައް ހާސް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ސަރުކާރުތަކާއި ބޮޑެތި އިދާރާތަކުން ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ ފަރުދަކަށްވެސް އެމީހެއްގެ ފެންވަރުން މިކަމުގައި ބައިވެރިވެވިދާނެއެވެ. އާދޭޝްގެ މަސައްކަތުން ހިތްވަރު ލިބިގަނެ، އަޅުގަނޑުމެންގެ އަމިއްލަ ގޯތިތެރޭގައި ނުވަތަ ރަށުގެ ހުސް ބިންތަކުގައި ގަހެއް އިންދުމަކީ، އަންނާން އޮތް ޖީލުތަކަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ.
އާދޭޝްގެ 10 މިލިއަން ގަހުގެ އަމާޒަށް ވާސިލުވުމަށް އޭނާ ކުރަމުން އަންނަ މަސައްކަތުގައި އިތުރު ވޮލަންޓިއަރުންނާއި އާންމުންގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އޭނާގެ މި ހަރަކާތް އިތުރު ސްޓޭޓުތަކަށް ފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އެމްޓީސީސީ
ބޮލީވުޑް
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
އިންޑިއާ
ކޮމެންޓް