މާފަންނު ކްރާސާ ފިހާރަ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދު ދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުވާ ކުރާ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީ ބަންދުގައި ބަހައްޓަން އަމުރު ކުރާނެ ހާލަތެއް ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ދެމީހުންގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް، މިދިޔަ އޭޕްރީލް މަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެދުނެވެ. ބަންދުގެ މައްސަލަ ވަކިގޮތަކަށް ނުނިމި އޮތުމުން މައުލޫއީ މައްސަލައިގެ ޝަރީއަތް މިހާތަނަށް ވެސް އޮތީ މަޑުޖެހިފައެވެ.
ނަމަވެސް އެމީހުން ބަންދު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ހައިކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.
ބަންދު ކުރަން ހުށަހެޅި ކަމަށް، ހުކުމްގައިވާ ބައެއް ސަބަބުންތައް:
- އެމީހުން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި ހާލަތު ވުޖޫދުގައި އޮތުން
- މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑް އޮތް ބަޔަކަށްވުން
- މައްސަލައިގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގު ރިޕޯޓަށާއި ހުށަހަޅާފައިވާ ހެކިތަކުން، އެ ފަރާތްތަކަކީ މާލޭގައި ގޭންގް ހަރަކާތްތަކުގައި އިސްވެ މަސައްކަތް ކުރާ ބައެއްކަން އެނގެން އޮތުން
- ތޫނު އެއްޗެއް ބޭނުންކޮށްގެން އެތައް ހަމަލާއެއް ދިނުމުގެ ސަބަބުން މީހަކު މަރާލުމުގެ ތުހުމަތު އެ ފަރާތްތަކުގެ މައްޗަށް ކުރެވުން
- ކުށް ކޮށްފައިވަނީ މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް އަދި އަނިޔާވެރިކަން އިންތިހާއަށް އެކުލެވޭކަން. މުހައްމަދު އަހްމަދުދީދީ މަރާލާފައި ވަނީ ރަހުމްކުޑަ ގޮތަށްކަން. މި ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑު ކުށްކަން އަދި ކުށް ސާބިތުވާ ހާލުގައި ކަނޑައެޅިގެން ދާނީ މަރުގެ އަދަބުކަން
- މުހައްމަދު އަހްމަދު ދިދީއަށް ހަމަލާދީފައި ވަނީ ގްރޫޕް ހަދައިގެން ފާރަލުމަށްފަހު ގިނަ ބަޔަކު އެކުލެވޭ ގޮތަށް ދުރާލާ ރާވައިގެންކަން
ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ އިސްތިއުނާފީ މަރުހަލާގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރުމަކީ ފަނޑިޔާރުންގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި ކުރީ ކިތައްމެ ބޮޑު ކުށެއް ނަމަވެސް ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރަން ވާނީ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް ކޯޓުގެ ނިންމުމާ ހަވާލާދީ އެ ފަރާތުން ބުނެފައިވެއެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދިފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ކަމަށްވާއިރު، މި އިސްތިއުނާފު ހުށަހެޅުމާ ހަމައަށް ވަރަށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، އެ މުއްދަތުގައި އެއްވެސް ކުށެއް ކޮށް ފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މުއްދަތުގައި އެ މީހުންގެ ފުށުން ކަންބޮޑުވާ ފަދަ އަމަލެއް ހިނގާފައިވާ ކަމަށް ދައުލަތުން ހުށަހަޅާފައި ނުވާއިރު، އެ މީހުންގެ ނުރައްކާ މުޖުތަމައަށް އޮތް މިންވަރު ވަޒަންކުރުމުގައި މިކަންކަމަށް ރިއާޔަތް ކޮށްދިނުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ މީހުންނަކީ އެއްވެސް ކޯޓަކުން އެއްވެސް ކުށެއް ސާބިތުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ބައެއް ނޫން ކަމަށާއި ދަށު ކޯޓުގެ ޝަރީއަތް ދިގުލައިގެން ގޮސް ބަންދުގައި އެ މީހުން ވަރަށް ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާހާލު ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރާ އިރު ޝަރީއަތް ލަސްވެގެން ދާ ހާލަތުގައި ބަންދުގައިވާ މީހާގެ މަސްލަހަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ހޭދަވާ މުއްދަތު، އެއްކޮށް ބަންދުގައި ތިބެން ޖެހިއްޖެނަމަ އެފަރާތްތައް މައުސޫމް ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް ކުށެއް ނެތި އަދަބު ތަންފީޒު ކުރަންޖެހޭ ފަދަ ނަތީޖާއެއް އެ ފަރާތްތަކަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށާއި މީހަކު ބަންދުގައި ހުރުމާއި ބަންދުގައި ހޭދަވާ މުއްދަތުގައި އެމީހަކަށް ލިބޭ އެތައް ބައިވަރު ހައްގުތަކެއް ގައިދުވެގެންދާތީ ބަންދުގައި ހުންނަ މީހާގެ މަސްލަހަތަށް ރިއާޔަތްކޮށްދޭން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ހެންކަމުން ދައުލަތުން ބުނާ މަސްލަހަތުތައް ހިމާޔަތް ކޮށްދޭނެ އެ ނޫން އެއްވެސް ގޮތެއް އޮތްނަމަ އެކަމަށް ރިއާޔަތްކޮށް ދިނުމަށާއި އެ މީހުން ބަންދުގައި ބަހައްޓައިގެން ނޫން ގޮތަކަށް ދައުލަތުން އެދޭ މަސްލަހަތުތައް ހިމާޔަތް ކުރެވިދާނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެކަންކަމަށް ރިއާޔަތްކޮށް ޖަލު ބަންދު ނޫންގޮތެއް ކަނޑައަޅައިދިނުމަށް އެ ފަރާތުން ކޯޓުގައި އެދުނެވެ.
އިސްތިއުނާފް ރައްދުވާ ފަރާތްތަކުގެ ޖަވާބުތަކާ ގުޅިގެން، އެ މީހުން ބަންދުކޮށް ދިނުމަށް ދައުލަތުން ފުރަތަމަ ހުށަހެޅި ގޮތް ބަދަލުކުރިއެވެ.
އެގޮތުން ބަންދުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަކީ މައުލޫއީ ގޮތުން މައްސަލަ ކުރިއަށްގެންދަން ލަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަވާތީ ޝަރީއަތް ނިމެންދެން އެމީހުން ބަންދު ނުކުރި ނަމަވެސް ދައުލަތުން އެދުނީ، އެމީހުން ބަންދުން ދޫކޮށްފައި ތިބޭއިރު ގައިދުތަކެއް ކަނޑައެޅުމަށެވެ.
އެ މީހުންގެ މައްޗަށް ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކުރުމަށް ނިންމުމަކީ އަސްލު މައުލޫއީ މައްސަލަ ހިންގުމަށް ފަސޭހަވާނެ ކަމެއްކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދައުލަތުގެ އިއުތިރާޒެއް ނެތްކަމަށް ވެސް ފާހަގަ ކުރިއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޝަރުތު ކުރުމަށް ދައުލަތުން އެދުނީ، އާއްމު ގޮތެއްގައި ވެސް ދަށު ކޯޓުތަކުގައި އެދޭ ޝަރުތުތައް ކަމަށާއި އެއީ އަނިޔާ ލިބުނު ފަރާތުގެ އާއިލާގެ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމާއި އިތުރު ކުށެއް ނުކުރުމާއި ކޯޓުން އަންގާ ގަޑިތަކުގައި ކޯޓަށް ހާޒިރުވުމާއި ކޯޓަށް އެނގިގެން ނޫނީ އެއްވެސް ތަނަކަށް ފުރައިގެން ނުދިއުމެވެ.
ދައުލަތުގެ މި ވާހަކަތާކަ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައި ވަނީ މައްސަލައިގެ މައުލޫއާ ގުޅިގެން އަވަހަށް ގޮތެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ދައުލަތުން ފާހަގަކުރި ޝަރުތަކާ ގުޅިގެން އެ ފަރާތުން ބުނެފައި ވަނީ އަނިޔާ ލިބުނު ފަރާތްތަކާ މުއާމަލާތް ކުރުމުގެ އެއްވެސް ގަސްތެއް ނެތް ކަމަށާއި ދައުލަތުގެ ޝަރުތުތައް އެމީހުންގެ މައްޗަށް ކަނޑައެޅުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
މި ކަންކަމަށް ރިއާޔަތްކޮށް މި މައްސަލައިގައި ހައިކޯޓުން އިއްޔެ ހުކުމް ކުރީ، ޝަރީއަތް ނިމެންދެން ފައިހު އާއި ސިރުހާން ބަންދު ކުރުމުގެ އަމުރު ނެރެދިނުމަށް ދައުލަތުން ފުރަތަމަ ހުށަހެޅި، ހުށަހެޅުން އަނބުރާ ގެންގޮސްފައިވާތީ އާއި ކުށުގެ ތުހުމަތުގައި ބަންދުގައި ނެތް ފަރާތްތަކެއް ޝަރުތު ކުރުމަށްފަހު ބަންދުން ދޫ ކުރުމަށް އެދެވިދާނެ އެއްވެސް ގާނޫނީ އަސާސެއް ބަޔާންކޮށްދެވިފައި ނުވާތީ، ދައުލަތުން އެދޭ ފަދަ އަމުރެއް ނެރެ ދެވޭނެ ހާލަތެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑީޔާރުންގެ އަގުލަބިއްޔަތުން ކަޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް