ކެމެރާއަކާއި އޭއައި ޓެކްނޮލޮޖީ ހިމެނޭ ސްމާޓް ދަތްއުނގުޅާ ބުރުހެއް ޑައިސަން ކުންފުނިން ބާޒާރަށް ނެރެފިއެވެ. މި އުފެއްދުން ނެރެފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި އިއްޔެ ބޭއްވި ހަފުލާއެއްގައެވެ.
"ޑައިސަން ކެމެރާޖެޓް"ގެ ނަމުން ނަންދީފައިވާ މި ބުރުހަކީ ދަތް އުނގުޅުމުގެ އިތުރުން، ދަތްތަކުގެ ދޭތެރެ ސާފުކުރުމަށް އަމިއްލައަށް ފެން ޖަހައިދޭ ނިޒާމެއް އެކުލެވޭ އުފެއްދުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ޑައިސަންއިން ބުނި ގޮތުގައި، މި ބުރުހުގައި ހިމެނޭ 100،000 ޕިކްސެލްގެ މެކްރޯ ލެންސް ކެމެރާއިން ސިކުންތަކު 28 މަންޒަރު ނަގައި، އޭއައި މެދުވެރިކޮށް ދަތްތަކުގެ ދޭތެރޭގައި ހުންނަ ހުސްތަންތަން ވަގުތުން ދެނެގަންނާނެއެވެ. އަދި ހުސްތަނެއް ފެންނަތާ 100 މިލިސިކުންތުގެ ތެރޭގައި އެ ތަނަކަށް މައުތުވޮޝް ނުވަތަ ފެން ޖަހައިދޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، "މައިޑައިސަން" އެޕްލިކޭޝަން މެދުވެރިކޮށް، ދަތްއުނގުޅާއިރު އަނގައިގެ އެތެރެ ލައިވްކޮށް ފެންނާން ހުންނާނެ ކަމަށް ޑައިސަންއިން ބުނެފައިވެއެވެ. ނަމަވެސް ކެމެރާއިން ނަގާ އެއްވެސް މަންޒަރެއް ރެކޯޑުކޮށް ސޭވް ނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.
ޑައިސަންއިން ބުނި ގޮތުގައި، މި ބުރުހުގައި ބޭނުންކުރާ "ގެޕް އޮޕްޓިކަލް ޓާގެޓިން" ޓެކްނޮލޮޖީ ތަރައްގީކޮށްފައިވަނީ 470،000 އަށް ވުރެ ގިނަ ދަތުގެ މަންޒަރުތައް ބޭނުންކޮށްގެންނެވެ. މި ބުރުހާއެކު ބޭނުންކުރުމަށް ހާއްސަ، ފޮނު ނާރާ ދަތްއުނގުޅާ ބޭހަކާއި މައުތުވޮޝްއެއް ވެސް އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ފޮނު ނާރާ ބޭހެއް އުފެއްދީ ކެމެރާއަށް މަންޒަރުތައް ސާފުކޮށް ފެންނާނެ ގޮތް ހެދުމަށެވެ.
މި އުފެއްދުމާ ގުޅޭގޮތުން ޑައިސަންގެ ބާނީ ޖޭމްސް ޑައިސަން ވިދާޅުވި ގޮތުގައި، މިއީ އަނގައިގެ ސިއްހަތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ތައާރަފުކުރި މުޅިން އާ ގޮތެކެވެ. މި ބުރުސް ފަރުމާކުރުމަށް 600 އަށް ވުރެ ގިނަ އިންޖިނިއަރުން ހަ އަހަރު ދުވަހުގެ މަސައްކަތް ކޮށްފައިވާ ކަމަށް ޑައިސަންއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ބާޒާރުގައި 499 ޑޮލަރަށް ވިއްކަން ފަށާފައިވާ މި ބުރުސް، ޑައިސަންގެ ވެބްސައިޓުންނާއި ހޮވާލެވޭ ބައެއް ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ކޮމެންޓް