އެޕަލް ކުންފުނިން ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ފުރަތަމަ ފޯލްޑަބަލް ފޯނު، "އައިފޯން އަލްޓްރާ" ގެ ޑިޒައިނާއި ސްޕެސިފިކޭޝަންތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް އޮންލައިންކޮށް ލީކުވެއްޖެއެވެ.

މި މައުލޫމާތުތައް އާންމުކޮށްފައިވަނީ އެޕަލްގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު އެނަލިސްޓުން ކަމަށްވާ މިންގް-ޗީ ކުއޯ އާއި ބްލޫމްބާގްގެ މާކް ގާމަންގެ އިތުރުން ޗައިނާގެ ވެއިބޯގެ ބައެއް ޓިޕްސްޓަރުންނެވެ. މީގެ އިތުރުން ލީކުކުރާ ފަރާތެއް ކަމަށްވާ ސޮނީ ޑިކްސަން ވަނީ މި ފޯނުގެ ކަމަށް ބުނާ ޑަމީތަކެއް ވެސް އާންމުކޮށްފައެވެ.

މި ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިފޯން އަލްޓްރާގައި ހިމެނޭނީ ފޮތެއް ގޮތަށް ހުޅުވޭ ޑިޒައިނެކެވެ. އެގޮތުން އެތެރޭގެ ސްކްރީންގައި 7.8 އިންޗި ހުންނާނެ ކަމަށާއި، ބޭރު ސްކްރީންގައި 5.5 އިންޗި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ފޯނު ހުޅުވާފައި އޮންނައިރު ބޯމިނުގައި ހުންނާނީ އެންމެ 4.5 މިލިމީޓަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، ފޯނު ތުނިކުރުމުގެ ގޮތުން ފޭސް އައިޑީގެ ބަދަލުގައި މި ފޯނުގައި ބޭނުންކުރާނީ އަރިމަތީ ބަޓަނުގައި ހަރުކޮށްފައިވާ ޓަޗް އައިޑީއެއް ކަމަށް ވެސް ލީކުތަކުގައި ބުނެފައިވެއެވެ. އަދި ކެމެރާގެ ގޮތުގައި 48 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭއިރު، އޭ20 ޗިޕަކާއި 12 ގިގަބައިޓްގެ ރޭމް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ސްކްރީން ފަތްޖެހޭ ތަނުގައި ރޫ ނުޖެހޭނެ ގޮތް ހެދުމަށް ލިކުއިޑް މެޓަލް ހިންޖެއް ބޭނުންކުރާނެ ކަމަށް ވެސް އެނަލިސްޓުން ފާހަގަކުރެއެވެ.

މި ފޯނުގެ އަގު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2،000 ޑޮލަރާއި 2،500 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް، މިއީ އަދި ކަށަވަރުނުވާ ރިޕޯޓުތަކަކާއި ލަފާކުރުންތަކެކެވެ.

މި މަހު މަހު ބާއްވާ އެޕަލްގެ އިވެންޓުގައި މި ފޯނު ތައާރަފުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މި ލީކުތަކާ ގުޅޭގޮތުން އެޕަލް އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.