މާލެ ސިޓީގެ މަގުމަތިން ދޫކޮށްފައިވާ ޕާކިން ޖާގަތަކުގެ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމާ މެދު އިތުރަށް މަޝްވަރާކުރުމަށް، އެ މައްސަލަ މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފުރުޝާނެވެ. އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ މަގުމަތި ވިއްކައި ހުސްކުރި ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ. އަދި މި ހުށަހެޅުމަކީ އޭރު މަގުމަތިން ވިއްކާފައިވާ 800 އަށް ވުރެ ގިނަ ޕާކިން ޖާގަތަކާ ގުޅޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރުޝާން ވިދާޅުވި ގޮތުގައި، މަގުމަތިން ޕާކިން ޒޯންތައް ނުވިއްކޭނެ ކަމަށް ބަޔާންކޮށް 10 ފެބުރުއަރީ 2022 ގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވެއެވެ. މީގެ އިތުރުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް އެކަން ހުއްޓާލުމަށް އަންގާފައިވަނިކޮށް، އޭރުގެ ސިޓީ ކައުންސިލުން ވަނީ ޕާކިން ޖާގަ ވިއްކުން ކުރިއަށް ގެންގޮސްފައެވެ.

އެޓާނީ ޖެނެރަލްގެ ލަފައަކާ ގުޅިގެން، މަގުމަތިން ޕާކިން ޖާގަ ނުވިއްކޭނެތީ އެ ޖާގަތައް ކެންސަލް ކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާކަން ވެސް ފުރުޝާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.