ރާއްޖޭގެ ދެކުނުގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްގެންދިޔަ "ދެކުނު ފޯރި 2026" ކުލަގަދަކޮށް ނިންމާލައިފިއެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އިވެންޓުގައި ކުޅިވަރު މުބާރާތްތަކާއި މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ހިންގައިފައެވެ.
މިއަހަރުގެ އިވެންޓުގައި ބައިވެރިވެފައިވަނީ ލ. ފޮނަދޫ، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ ސިޓީ، ސ. ހުޅުމީދޫ އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުންނެވެ. ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިން ފަސް ޓީމަކަށް ބަހާލައިގެންނެވެ. މިގޮތުން ވޮލީބޯޅަ، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ކެރަމް އަދި ޗެސް މުބާރާތް ބާއްވައި، ޕޮއިންޓް ދީގެން އެންމެ މޮޅު ތިން ޓީމު ވަނީ ހޮވައިފައެވެ.
ކުޅިވަރުގެ އިތުރުން، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މުހިންމު ތަމްރީނުތަކެއް ވެސް މި އިވެންޓުގެ ތެރެއިން ވަނީ ދީފައެވެ. އޭގެ ތެރޭގައި ފަސްޓް އެއިޑް، ފަޔާ އެވެއާނަސް، ފޯނުން މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް، ޓީމް ބިލްޑިން، އަދި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީނުތައް ހިމެނެއެވެ.
ދެކުނު ފޯރި ނިންމުމުގެ ގޮތުން ހާއްސަ ޑިނާ ނައިޓެއް ބާއްވާފައިވާ އިރު، މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި މުބާރާތްތަކުން ވަނަތަކަށް ދިޔަ ޓީމުތަކަށް މި ހަފްލާގައި ވަނީ އިނާމު ދީފައެވެ.
އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް "ސްޓޯކް" ގެ އިސްނެގުމުގެ ދަށުން އަހަރަކު އެއްފަހަރު ބާއްވާ މި އިވެންޓުގެ މައިގަނޑު މަގުސަދަކީ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްތާކުން ބައްދަލުވެ، ގުޅުން ބަދަހިކޮށް، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމާއި، ތަމްރީނު ލިބިފައިވާ ގާބިލު މުވައްޒަފުންތަކެއް ބިނާކުރުމެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް