އެކްސިޑެންޓުތައް ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ކޮންމެ އެކްސިޑެންޓަކަށް ފަހު، އެ އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރާ ވާހަކަ ނުވަތަ އެކަންކަން ބެލުމަށް އޮފީހެއް ގާއިމު ކުރާ ވާހަކަ ނުވަތަ ގާނޫނު އިސްލާހު ކުރާ ވާހަކަ ދެއްކުން ވަނީ އާންމު ކަމަކަށްވެފައި ކަމަށެވެ.

އޭގެ ބަދަލުގައި އެކްސިޑެންޓުތައް ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ސަރުކާރުން ގައުމީ ފެންވަރުގެ ކެމްޕެއިނެއް މިވަގުތުން މިވަގުތު ވެސް ފަށަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ އެކްސިޑެންޓުތައް ހުއްޓުވުމަށް ސަރުކާރުން ކުރިޔަށް ގެންދަން ޖެހޭ ބައެއް ކަންކަމުގެ ލިސްޓެއް ދެއްވައިފައެވެ. އެއީ

  • ސަރުކާރުން ގައުމީ ފެންވަރުގެ ކެމްޕެއިނެއް މިވަގުތުން މިވަގުތުވެސް ފަށައި ރައްކާތެރިކަން އެންމެނަށް-މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން.
  • ‏ސްޕީޑް ބްރޭކަރާއި އުފުލިފައި ހުންނަ ޖަންކްޝަން މަތި ފަދަ ތަންތަން ރަނގަޅު ކުރުމާއި އާންމުކޮށް މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދުތަކުގައި ޒިބްރާ ކްރޮސްއަށް ސަމާލުވުމަށް ހުންނަ ލައިޓް ބޭނުން ކުރުން‏
  • ނުރައްކާތެރި ހާދިސާއެއް ހިނގުން ދުރުކޮށްދޭނެ އެންމެ މުހިއްމު ކަމަކީ ސްޕީޑް މެނޭޖްމަންޓް އަދި އެންފޯސްމަންޓް ފިޔަވަޅުތައް ދާއިމީގޮތެއްގައި އެޅުން.‏
  • މަގު މަތިން މީހުން އެރުވުމާއި ބޭލުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެ އާދަ އާންމު ކުރުން.‏
  • ލައިސަންސް ދިނުމުގައި ގަވާއިދުތަކާއި އުސޫލުތައް ރަނގަޅަށް ދަސްވެފައި ހުރިކަން ކަށަވަރު ކުރުމަށްފަހު ނޫނީ ލައިސަންސް ނުދިނުން.‏
  • ދުއްވާ އުޅަނދުގެ ބާވަތާއި އަދަދަށް ބަލައި މަގުތަކާއި މަގުތަކުގެ ގަވާއިދުތައް އެންމެންގެ ރައްކާތެރިކަމަށް ފަރުމާކުރުން.‏
  • ފުލުހުންނާއި ޓެކްސީ ސެންޓަރުތަކާއި އުޅަނދުތައް ދުއްވާ ފަރާތްތަކާއި ސްކޫލުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް އަދި އޮފީސްތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދިގު މުއްދަތުގެ މަސައްކަތްތަކެއް ފެށުން‏
  • އެހެން މީހުންގެ ފުރާނަ އާއި ތިމާގެ ފުރާނަ އަށް ބެލުމެއް ނެތި ދުއްވާ ފަރާތްތަކާ މެދު އަލުން އެފަދަ ކަންކަން ތަކުރާރު ނުކުރާނެ ފަދަ ފިޔަވަޅު އެޅުން.

‏ސަރުކާރުން މިކަންކަމަށް އިސްކަން ދީ، އާންމުންނަށް ފައިދާކުރާނެ ކަންކަމަށްދޭ ސަމާލުކަން އިތުރު ކުރުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވައިފައެވެ.

2 ސެޕްޓެމްބަރު 2026: އެކްސިޑެންޓްތަކުން ރައްކާވެތިބުމަށް ކުރިޔަށްގެންދިޔަ ޕްރްގަރާމެއްގެ ތެރެއިން --- ފޮޓޯ/ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އެފްބީ ޕޯސްޓް

މި ހަފުތާގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:04 ހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު، އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު ވަނީ މަރުވެފައެވެ.

އޭގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބި ބައްޕަގެ އުންމީދު ވަނީ ކަނޑާލައިފައެވެ.

މި ހާދިސާތަކާ ގުޅިގެން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ އެފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރާއި، ބެލްކަނި އަދި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހާއްސަ އިސްކަމެއް ދީގެން ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ.