ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންގެ ތެރެއިން ބައްޕަގެ އުންމީދު ކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައިވަނީ ހިޔާ ޓަވަރު 9 ގެ ކައިރީގައި ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ލިބުނު އަނިޔާތަކުގެ ސަބަބުން ބައްޕައަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، ޑޮކްޓަރުން ވަނީ ބައްޕަގެ އުންމީދު ކަނޑާލައިފައެވެ. އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާއަކީ ކުރީގެ ޓީޗަރެކެވެ. ބަލި ހާލަތު ހުރި ގޮތުން ޑަޔަލިސިސް ހަދަންޖެހޭތީ، ވަޒީފާއިން ވަކިވުމަށްފަހު އޭނާ ދިޔައީ ގޭގައި ޓިއުޝަން ދެމުންނެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އޭނާގެ ދަރިއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 7:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ހުޅުމާލޭ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ކައިރިން ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް