ބަދަލު ދިނުމަށްފަހު، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓު 26 ވަނަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

ގާނޫނަށް މި އިސްލާހު ގެނައުމުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމެވެ.

މި ބިލާއެކު ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތު ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ކައުންސިލްތަކުގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ގައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް ވަނީ މި ބިލުގައި ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ގައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ހިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް ގާއިމުކޮށް އެ ސެންޓަރުތަކުން ހިދުމަތް ދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މި ގާނޫނަށް ގެނެސްފައިވާ 17 ވަނަ އިސްލާހާއެކު ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، މި އިސްލާހަށް މަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.

ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ގައުމީ އިދާރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.