އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންނަށް އީރާނުން ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާތަކަށް އެމެރިކާއިން ރައްދުދޭނެއެވެ. “އަހަރެމެން އެމީހުންނަށް ވަރުގަދައަށް ހަމަލާދޭނަން،” ޓްރަމްޕް ވިދާޅުވިއެވެ. އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ފޮނުވާލި ގިނަ މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. މި ޑްރޯން ވައްޓާލާފައިވަނީ މިސައިލުން ހަމަލާދީ ކަމަށާއި، ޑްރޯން ވެއްޓުނީ ކަނޑަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުން އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންނަށް ހަމަލާދީފައިވަނީ، ހޮރުމުޒް ކަނޑުއޮޅީގައި އޮންނަ ލަރަކް ޖަޒީރާގައި ހުރި އީރާނުގެ އަސްކަރީ އަމާޒުތަކަކަށް އެމެރިކާއިން ދިން ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުން ކަމަށް އައިއާރްޖީސީން ބުނެއެވެ. އުރުދުންގައި ހުންނަ ކިންގް ހުސައިން އަދި އަލް-އަޒްރަގް ވައިގެ މަރުކަޒަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް އައިއާރްޖީސީން ބުނެފައިވެއެވެ.

އެމެރިކާގެ މަރުކަޒީ ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާއިން ލަރަކް ޖަޒީރާއަށް ހަމަލާދިނީ އީރާނުން ކަނޑުގެ މައިދާނުގައި މައިން ހަރުކުރަން އުޅޭ ކަމަށް ތުހުމަތުކޮށެވެ.