މޭގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރާއި ޕްރިތްވީރާޖް ސުކުމާރަން ލީޑު ރޯލުން ފެނިގެންދާ ކްރައިމް ތްރިލާ ފިލްމު "ދާއިރާ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ޔޫޓިއުބްގައި އާންމުކުރި މި ޓްރެއިލާއިން ފެންނަ ގޮތުގައި، ކަރީނާ ކުޅެނީ ޑީސީޕީ އަޖޫނީ ކޯލީގެ ރޯލެވެ. އަދި ޕްރިތްވީރާޖް ފެނިގެންދަނީ ޑީސީޕީ ރާމަން ކުމާރުގެ ރޯލުންނެވެ. ޓްރެއިލާއިން ކަށަވަރުވާ ގޮތުގައި، މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ގޭންގް ރޭޕް މައްސަލައެއްގައި ތުހުމަތުކުރެވޭ ބަޔަކު އެންކައުންޓާކޮށް މަރާލުމާ ގުޅިގެން ހިނގާ ތަހުގީގަކަށެވެ.

ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެނީ، ޕްރިތްވީރާޖްގެ ކެރެކްޓަރު ގާނޫނުގެ ބޭރުން ކުށްވެރިންނަށް އަދަބުދޭ މަންޒަރެވެ. އަދި ކަރީނާގެ ކެރެކްޓަރު އެ މައްސަލަ ތަހުގީގުކުރަން ފެށުމުން، ގާނޫނާއި އިންސާފާ ދެމެދު އުފެދޭ ބޮޑު ކުރިމަތިލުމެއް ފެނިގެންދެއެވެ. ޓްރެއިލާގައި ކަރީނާ މަސައްކަތްކުރަނީ ގާނޫނުގެ އިމުގެ ތެރޭގައި ކަމަށް ބުނުމުން، ޕްރިތްވީރާޖް އެކަމާ ދެކޮޅުހަދާ މަންޒަރު ފެނެއެވެ.

މި ފިލްމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ކަރީނާ ބުނީ، މޭގްނާއާއެކު މަސައްކަތްކުރުމަކީ ތަފާތު ތަޖުރިބާއެއް ކަމަށާއި، ކެރެކްޓަރާ މެދު ވިސްނާ ގޮތް ބަދަލުކޮށްލަން އޭނާ މަޖުބޫރުކުރުވި ކަމަށެވެ. އަދި ޕްރިތްވީރާޖް ފާހަގަކުރި ގޮތުގައި، މި ފިލްމުން ބެލުންތެރިންނަށް އިންސާފާ ގުޅޭގޮތުން އަމިއްލަ ނިންމުމެއް ނިންމުމުގެ ފުރުސަތު ލިބޭނެއެވެ.

ޖަންގްލީ ޕިކްޗާސްއާއި ޕެން ސްޓޫޑިއޯސްއިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 18 ގައެވެ.