މަގުބޫލު ސެލެބްރިޓީ ޓޯކްޝޯ ކޮފީ ވިތު ކަރަންގެ ސީޒަން 8 ގެ އެޕިސޯޑް ހަތަރެއް ވަނީ ރޭ ރިލީސްކޮށްފައެވެ.

މިފަހަރުގެ އެޕިސޯޑުން ފެނިގެންގޮސްފައި ވަނީ ކަރީނާ ކަޕޫރާއި އާލިޔާ ބަޓް އެވެ.

އާލިޔާ އާއި ރަންބީރުގެ ކައިވެނީގެ ވާހަކައަކީ އެ ދެމީހުން އިނީއްސުރެ ކޮންޓްރޮވޯޝަލްކޮށް ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ. ބެލުންތެރީން ދެކޭގޮތުގައި ރަންބީރު އަކީ ޓޮކްސިކް މީހެކެވެ. އޭނާ އާލިޔާއަށް އަޅައެއްނުލައެވެ. އަދި ދޭން ޖެހޭ އިހުތިރާމްވެސް ނުދޭ ކަމަށް މީސްމީޑިއާގައި ރަންބީރާ ގުޅޭގޮތުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުކުރެ އެވެ.

ވަރަށް ފަހުން އާލިޔާ ޕޯސްޓުކުރި ބިއުޓީ ޓިއުޓޯރިއަލް ވީޑިއޯއެއްގައި އޭނާ ވަނީ ލިޕްސްޓިކް ޖެއްސުމުން އެކަމާ ރަންބީރު ހިތްހަމަނުޖެހޭ ކަމަށާއި އެ ފުހެން ބުނާ ކަމަށް ބުނެފައެވެ. އާލިޔާ އެހެން ބުނީ ރަންބީރު ގުދުރަތީ ރީތި ކަމަށް ލޯބިކުރާތީ ކަމަށް ވިޔަސް މީސް މީޑިއާގައި ގިނަ ބަޔަކު ދިޔައީ ރަންބީރަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ. އެމީހުންގެ ގުޅުން އެހާ ރަނގަޅު ނޫންކަމުގައިވެސް ގިނަ ބަޔަކު ދިޔައީ ވާހަކަފަތުރަމުންނެވެ.

އެހެންކަމުން މި އެޕިސޯޑުގައި ޝޯގެ ހޮސްޓް ކަރަން ޖޯހަރު މިވަނީ އާލިޔާއަށް އެ ސުވާލު އަމާޒުކޮށްފައެވެ.

އެއަށް ޖަވާބު ދެމުން އާލިޔާ ބުނި ގޮތުގައި ރަންބީރު މީސް މީޑިއާގައި ނޫޅޭތީ ގިނަ ބަޔަކު އޭނާއަށް ޓްރޮލްކޮށް ފާޑުކިޔުން އަމާޒުކުރަނީއެވެ.

"އަސްލު މައްސަލައަކީ ދައްކާ ވާހަކައިގެ މާނަ އޮޅުވާލައިގެން އެ ބަޔަކު ބޭނުން ގޮތަކަށް މިނަގަނީ. އެ ވީޑިއޯގެ މައްސަލައިގައި އަހަރެން ދެއްކި ވާހަކައިގެ ސަބަބުން އަތަށް ގޮވަނީ ކަމަށް އަހަރެންގެ ޓީމުންވެސް ބުނި. އަހަރެން ބުނިން. އޯކޭއޭ. އަތަށް ގޮވަން ބަހައްޓާށޭ. ނަމަވެސް ދެން ފެނިގެން ދިޔަ އާޓިކަލްތަކުން ސިހުން ލިބުނު. އޭނާއަކީ ޓޮކްސިކް މީހެކޭ ކިޔާފަ ލިޔެފަ އޮތީ. އަހަރެން ހިތަށް އެރި މިއަށްވުރެ މާ ބޮޑެތި ކަންކަން އެބަހުއްޓެއްނޫންހޭ މީހުން އެޓެންޝަން ދޭންޖެހޭ!" އާލިޔާ ބުންޏެވެ.

އާލިޔާ ބުނިގޮތުގައި އޭނާ އެންމެ ދެރަވާ ސަބަބަކީ ރަންބީރަކީ އެބުނާ ގޮތާ މުޅިން ތަފާތު މީހެއް ކަމަށްވާތީއެވެ.

"ލައިނެއް އެބަ ހުރަސްކުރޭ އަސްލު. ރަންބީރު ބުނާނެ؛ މިހާރު އޯޑިއަންސް އަހަރުމެން އޯން ކުރާ ވާހަކަ. އެމީހުނަށް އަހަރުމެންނާ ބެހޭގޮތުން ބޭނުން އެއްޗެއް ބުނެވޭނޭ. ބަލަންވީ ރަނގަޅު ފިލްމުތަކެއް ގެނެސްދެވޭތޯއޭ! އެނޫން ކަމަކަށް ކޮމްޕްލެއިން ކުރުމުގެ ބޭނުމެއް ނެތް!" އާލިޔާ އިތުރަށް ބުންޏެވެ.

މީގެ ކުރިން ހިންދުސްތާން ޓައިމްސްގެ ލީޑާޝީޕް ސަމިޓްގައި ވާހަކަ ދައްކަމުން އާލިޔާ ބުނެފައި ވަނީ އޭނާ އަދި އޭނާގެ ލޯބިވެރިންނާ ގުޅޭގޮތުން މީހުން ދައްކާ ދޮގު ވާހަކަތަކާ ހެދި ކަންބޮޑުވެ ދެރަވާކަމަށާއި ނަމަވެސް އޯޑިއަންސްއާ ފައިޓްކުރަން ބޭނުން ނުވާކަމަށެވެ.

އާލިޔާ އަދި ރަންބީރު ކައިވެނި ކުރީ މިދިޔަ އަހަރު އޭޕްރިލްގައެވެ. އެދެމީހުނަށް ވަނީ އަންހެން ދަރިއަކުވެސް ލިބިފައެވެ. ރާހާ ކަޕޫރަށް މިމަހު ވަނީ އެއްއަހަރުވެފައެވެ.