ދަރިންގެ ކަންކަމުގައި ސައިފް އަލީ ހާން މާ ކަންފަސޭހަ ކުރާކަމަށް ކަރީނާ ކަޕޫރު ހާން ބުނެފިއެވެ.
މީގެ ކުރިން އިންޑިއާގެ ކޮސްމޯޕޮލިޓަން އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ ގޭތެރޭގެ ދިރިއުޅުމުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިއްސާކޮށްފައެވެ. އޭނާ ބުނީ ދަރީން ތަރުބިއްޔަތުކުރުމުގައި އޭނާ އަކީ ހަރުކަށި މީހެއް ނޫން ކަމަށާއި ނަމަވެސް ސައިފްގެ ކަންތައް ހުންނަ ގޮތުން ބައެއް ފަހަރު އޭނާއަށް ހަރުކަށި ވާން ޖެހޭ ކަމަށެވެ.
ކަރީނާ ބުނީ ގޭތެރޭގައި އާއްމުކޮށް ގެންގުޅުނު އުސޫލުތައް ކޮވިޑުގެ ލޮކްޑައުންގެ ދުވަސްކޮޅު ބޮއްސުން ލައިގެން ދިޔަ ކަމަށެވެ.
އެގޮތުން އެއް ފަހަރަކު ސައިފް އެމީހުންގެ ދޮށީ ދަރިފުޅު ތައިމޫރު އާއެކީ ރޭގަނޑު 10.00 ގެ ފަހުން ފިލްމެއް ބަލަން ނިންމި ކަމަށާއި ނަމަވެސް އެއީ ދަރިފުޅު ނިދަން ޖެހޭ ގަޑި ކަމަށް ބުނެ އެކަން މަނާ ކުރަން ކަރީނާއަށް މަޖުބޫރުވި ކަމަށެވެ. ކަރީނާ އިތުރަށް ބުނީ މިހާރު އަދި އަމުދުން އެމީހުންނަށް ދެކުދިން ލިބިފައިވާއިރު ކުދިން ނިދާގަޑިތަކާއި ކާން ޖެހޭ ގަޑިތައް ވަކި އުސޫލެއްގެ ދަށުން ކަނޑައަޅައި ބެލެހެއްޓުން އޭނާއަށް ވަރަށް މުހިއްމު ކަމަށެވެ.
''ދަރިންގެ ކަންކަމުގައި އުސޫލުތައް ކަނޑައެޅުމުގައި ސައިފް މާ ކަންފަސޭހަ ކުރާތީ އަހަންނަށް ގޮތް ނިންމަން މަޖުބޫރު ވޭ. އަހަރެން ގަބޫލުކުރަނީ ކުދިން ބޮޑެތި ވާން ޖެހޭނީ ރަނގަޅު އާދަތަކާއެކު ތަރުބިއްޔަތުވެގެން ކަމަށް.'' ކަރީނާ ބުނެފައިވެއެވެ.
ކަރީނާ ކަޕޫރު ހާން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވުމުގެ ސަބަބުން ސައިފް އަދި ދަރިންނާ ދުރުގައި ކަރަންޓީނުގެ ދުވަސްތައް ހޭދަކުރަމުން އަންނައިރު އޭނާ އަންނަނީ އިންސްޓަގުރާމްގައި ކަންކަން ހިއްސާކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން