(27 އޯގަސްޓުގެ އަދަދާ ގުޅޭ)

ކޮންމެއަކަސް މަދީނާގައި އިސްލާމްދީން ފެތުރޭންފެށީ ޙަބަޝާގެ މުހާޖިރުންކުރެ މައްކާއަށް ވަޑައިގެންނެވި ބޭކަލުންވެސް އެނބުރި ޙަބަޝާއަށް ވަޑައިގެން އަމާންކަމާއެކު ޙަބަޝާގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށެވެ. މަދީނާގައި އިސްލާމްދީން ފެތުރޭން ފެށުމުން ބައެއް ބޭކަލުން މައްކާގެ މަގުން ވަނީ މަދީނާއަށް ހިޖްރަކުރައްވައިފައެވެ. މުހާޖިރުން އެކި ސިފަސިފައިގައި މަދީނާއަށް ވަޑައިގަންނަވަމުން ގެންދަވައި ޙަބަޝާގައި އެންމެފަހަށް ތިއްބެވި ބޭކަލުން މަދީނާއަށް ގެންނެވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބޭކަލުންނަށް ފަތްކޮޅެއް ފޮނުއްވައިގެންނެވެ. އެކަން ހިނގީ ހިޖްރައިން ހަތްވަނަ އަހަރުއެވެ. އެބޭކަލުން ޢަރަބިކަރަޔަށް ވަޑައިގެންފައި އެންމެފުރަތަމަ ވަޑައިގެންނެވީ ޚައިބަރަށެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އޭރު ހުންނެވީ ޚައިބަރު ހަނގުރާމަޔަށް ވަޑައިގެން ޚައިބަރުގައި ކަމުގައިވާތީއެވެ.

أبـــوطــالــب ގެ ޝިޢުބުގައި

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ގެ މިންވަރުފުޅުގައިވަނީ މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް އެކަލާނގެ ދީން ފުރިހަމަކުރައްވާށެވެ. އެހެންކަމުން އިންސާނީ ރަޙްމަތުގެ ތަޙްރީކުގެ ކާމިޔާބީ ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. سـيّـــد الـشّـهـــداء حــمــــــزة بـــن عــبــد المـطّـلـــب رضـــــى اللّـــه عــنـــــه އާއި عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه އާ ދެބޭކަލުންވަނީ ދާދިއެކުއެކީގައި އިސްލާމްވެވަޑައިގެންފައެވެ. އެދެބޭކަލުންނަކީ قـــــريـش ވަންހައިގެ ނަންފުޅު މަޝްހޫރު ޢަސްކަރީ ދެ ބަހާދުރުންނެވެ. عــمـــــر رضـــــى اللّــــه عــنـــــه ގެންދެވީ އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން އިސްލާމީ ރަޙްމަތުގެ ސައިލު ދެމިގެންދިޔަ ނުދެއްވާން ބާރުލެއްވެވި ވަރަށްވުރެ މާގަދަ ބުންވަރުފުޅަކާއި ކެރިވަޑައިގެންނެވުމާއެކު އެތަޙްރީކަށް ނަޞްރު ދެއްވާން ހީވާގިފުޅުކަމާއެކު މަސައްކަތްޕުޅު ކުރައްވަމުންނެވެ. عــمـــــر ގެފާނު ދީނީ މުޢާމަލާތަކުގައި އެކަކަށްވެސް ފުކެއްވެސް ދުލެއް ނުދެއްވައެވެ. އެކަލޭގެފާނު ގެންދެވީ ފިސާރި ސާބިތުކަމާއެކު ދީން ފާޅުކުރައްވަމުންނެވެ. ޙަރަމްފުޅުގެ ތެރޭގައި ފާޅުގައި ނަމާދު ކުރައްވަމުންނެވެ. މީހަކު އެކަލޭގެފާނާ ދިމާޔަށް އެއްޗެކޭ ދަންނަވައިފިކަމުވައިވާނަމަ އެކަލޭގެފާނު ހުންނަވަނީ ހަނގުރާމަ ކުރައްވާންވެސް ތައްޔާރަށެވެ. ނަތީޖާއެއްގެގޮތުން އިސްލާމްވެވަޑައިގަންނަވާ އެހެނިހެން ބޭބޭކަލުންވެސް ބިރުފުޅެއްނެތި ދީން ފާޅުކުރައްވާން ފަށްޓަވައިފިއެވެ. އެހައިތަނަށް ފަރުބަދަތަކުގެ ތެރޭގައި ވަންހަނާވެވަޑައިގެން ތިއްބަވައި ނަމާދުކުރެއްވި ބޭކަލުން ފާޅުގައި كــعـــبـــة اللّــــه ގައި ޤިޔާމުކުރައްވައި ނަމާދުކުރައްވާން ފަށްޓަވައިފިއެވެ.

ޙަބަޝާގެ ޝަހެންޝާހު މުސްލިމު މުހާޖިރުންނަށް ޙިމާޔަތް ދެއްވުމަކީ ބޭރުގެ ދުނިޔެއިން އިސްލާމީ ތަޙްރީކަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެކެވެ. މިހުރިހައި ކަމަކާ ވިދިގެން މައްކާގެ ވަށައިގެން ދިރިއުޅޭ ޢަރަބި ޤަބީލާތަކުގެ ވަރަށްގިނަ ބަޔަކު ފާޅުގައި އިސްލާމީ ތަޙްރީކުގެ ވާހަކަ ދައްކައިއުޅޭން ފަށައިފިއެވެ. އިސްލާމްވާ މީހުންގެ ޢަދަދު ނުހަނު ހަލުވިކަމާއެކު އިތުރުވާން ފަށައިފިއެވެ.

އެހައިތަނުން قـــــريـش ންނަށް އިޙްސާސްވާންފެށީ އެބައިމީހުންގެ އަނިޔާވެރިކަމަށް ބަދަލެއް ނުގެނެސްފި ކަމުގައިވާނަމަ حــمــــــزة رضـــــى اللّـــه عــنـــــه އާއި عــمـــــر رضـــــى اللّــــه عــنـــــه ފަދަ ޢަސްކަރީ މާހިރުން ފާޅުގައި މައިދާނަށް ނުކުމެވަޑައިގެންފާނެކަމެވެ. އެފަދަ ޙާލަތެއްގައި ޙަބަޝާއިން މުސްލިމުންނަށް އެހީލިބުމުގެ އެކަށޭނަކަންވެސް އެބައޮތްކަމެވެ. އެހެންވެއްޖެ ހިނދެއްގައި މައްކާއިން އިސްލާމްވެވަޑައިގެންނެވި ބޭބޭކައުކަނބަލުންގެ ގާތްތިމާގެފުޅު ބޭކަލުންވެސް ފާޅުގައި ދެކޮޅުވެރިކަން އިޢުލާން ކުރައްވައިފާނެކަމެވެ. އެހެންކަމުން قـــــريـش ން ޤަޞްދުކުރީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކޮށްލާށެވެ. (حــــيــات محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم، محــمّــــدحَسَـنَــيْــنِ هـيـكـــل، ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

أبـــوطــالــب ގެފާނު އެއްވެސް އަގެއްގައި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދޫކޮށްނުލައްވާނެކަން قـــــريـش ންނަށް ޔަޤީންވެއެވެ. އެކަލޭގެފާނު ހުންނެވީ قـــــريـش ންގެ ޢަދާވަތްތެރިކަމާއި ދުޝްމިނުކަން ޤަބޫލުކުރައްވާންވެސް ތައްޔާރަށްކަން ޔަޤީންވެއެވެ. އެބައިމީހުން ولــيــد بـــن المــغــــيـــرة ގެ ދަރިފުޅު عُـمَـــارَة ގޮވައިގެން أبـــوطــالــب ގެފާނުގެ އަރިހަށް ހިނގައްޖެއެވެ. އެބައިމީހުން ދެންނެވިއެވެ.

"އޭ أبـــوطــالــب ގެފާނެވެ. މިހިރީ قـــــريـش ވަންހައިގައިހުރި އެންމެ ހިތްވަރުގަދަ އެންމެރީތި ޒުވާނާއެވެ. މީނާ ކަލޭގެފާނުގެ ދަރިކަލަކަށް ހައްދަވައިފައި ބަހައްޓަވާށެވެ. މީނާގެ ދިޔައިގެ ވެރިޔަކު ކަމުގައްޔާއި މީނާގެ ނަޞްރު ދިނުމުގެ ޙައްޤުވެރިޔަކަށް ކަލޭގެފާނު ވެވަޑައިގަންނަވާނޫއެވެ. އޭގެ ބަދަލުގައި ކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުން އަޅުގަނޑުމެންނާ ޙަވާލުކުރައްވާށެވެ. އެކަލޭގެފާނު ވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ކާބަފައިކަލުންގެ ދީނަށް ފުރައްސާރަ ކުރައްވައިފައެވެ. ކަލޭގެފާނުގެ ޤައުމުގެ ހީރަސް ކަނޑުއްވައި ވިއްސިވިހާލި ކުރައްވައިފައެވެ. އެބައިމީހުންނަކީ ބުއްދި ހަމަނުވާ މޮޔައިންކަމުގައި ހައްދަވައިފައެވެ. އަޅުގަނޑުމެން އެކަލޭގެފާނު ޤަތުލުކޮށްލާނޫއެވެ. އޭރުން މިހުރިހައި ފިތުނައެއްގެ އަސްލު ނައްތައިލެވުނީއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ދަރިކަލެއްގެ ބަދަލުގައި ދަރިކަލަކު އަރުވައިފީމުއެވެ."

أبـــوطــالــب ގެފާނު ވިދާޅުވިއެވެ. މާތް اللّــــه ގަންދެމެވެ. ތިޔަބައިމީހުން އަހަރެންނާ ކުރާންތިޔަ އުޅެނީ ވަރަށް ނުބައި ވިޔަފާރިއެކެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރިފުޅު އަހަންނަށް ތިޔަދެނީ އަހަރެން އޭނާއަށް ކާންބޯންދީ ގެންގުޅެ ބޮޑުކުރާށެވެ. ތިޔަބައިމީހުން އަހަރެންގެ ދަރިފުޅު ތިޔައަތުލަނީ އޭނާ ޤަތުލުކުރާށެވެ. މާތްކަލާނގެ ރަސްކަންފުޅު ގަންދެމެވެ. ފަހަރެއްގައިވެސް ތިޔަކަމެއް ހަމަހިލާ ނުވާނެއެވެ."

أبـــوطــالــب ގެފާނު އެހެން ވިދާޅުވުމުން نـــوفـــل بـــن عــبـــد مـــنـــــاف ގެ ކާފަދަރިފުޅު مطـــعـــم بـــن عـــدى ދެންނެވިއެވެ. "އޭ أبـــوطــالــب ގެފާނެވެ. މާތްކަލާނގެ ގަންދެމެވެ. ކަލޭގެފާނުގެ ޤައުމު ކަލޭގެފާނާމެދު އިންސާފުވެރި ވެއްޖައޫއެވެ. ކަލޭގެފާނު ރުހިވަޑައިނުގަންނަވާނެ ޙާލަތެއް ކުރިމަތިވިޔަނުދޭން މަސައްކަތް ކޮށްފޫއެވެ. އެކަމަކު އަޅުގަނޑު މިދެކެނީ ކަލޭގެފާނު އެއުރެންގެ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރައްވާތަނެވެ."

أبـــوطــالــب ގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "ކަލާނކޮށްޓަކައެވެ. ތިޔަބައިމީހުން އަހަންނަކާ އިންސާފުވެރި ވާހަކައެއް ނުދައްކަމުއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން އަހަރެން ދޫކޮށްލައިފައި ތިޔަ ފައިވިއްދަނީ އަހަރެންނާ އިދިކޮޅު ފަރާތްތަކަށް ވާގިދޭށެވެ. އެންމެރަނގަޅެވެ. ތިޔަބައިމީހުން ބޭނުންގޮތަކަށް ކަންތައް ކުރާށެވެ." (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

أبـــوطــالــب ގެފާނަށް އެކަލޭގެފާނުގެ ކޮއްކޯފުޅު (ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم) ޝަހީދުކުރާން قـــــريـش ން ކަނޑައަޅައިފިކަން ޔަޤީންވެވަޑައިގެންނެވުމުން އެކަލޭގެފާނު ހަށިކޮޅު ރޫރޫއެޅިއެވެ. އެކަލޭގެފާނުގެ މުނިކާފާފުޅު عــبـــد مـــنـــــاف ގެ ބޭފުޅުންކުރެ هـــاشــــم ގެ ބޭފުޅުންނާއި مـطّــلــب ގެ ބޭފުޅުން އެއްކުރައްވައި ކޮއްކޯފުޅު ޙިމާޔަތްކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެދެވަންހައިގެ ބޭކަލުންކުރެ أبـــولــهب ފިޔަވައި އެހެން އެންމެން أبـــوطــالــب ގެފާނަށް އެއްބާރުލެއްވުން ދެއްވާން ޢަހްދުކުރެއްވިއެވެ. އެދެވަންހައިން އީމާންވެވަޑައިގެން ތިއްބެވި ބޭކަލުން އެބޭކަލުންގެ ދީނާއި އީމާނަށްޓަކައެވެ. އީމާންވެވަޑައިނުގެން ތިއްބެވި ފަރާތްތަކުން ޢަރަބީންގެ އާދައިގެމަތީން ޤަބީލީ ޙުމިއްޔަތުގައެވެ. عــبـــد مـــنـــــاف ގެ ބޭފުޅުންކުރެ عــبـــد الـشّـمس ގެ ބޭފުޅުންނާއި نـــوفـــل ގެ ބޭފުޅުން هـــاشــــم ގެފާނުގެ ޒަމާނުއްސުރެ (ޚާއްޞަކޮށް عــبـــدالمـطّــلــب ގެފާނުގެ ދުވަސްވަރުން ފެށިގެން) ތިއްބަވަނީ هـــاشــــم ގެފާނާއި هـــاشــــم ވަންހަޔާ އިދިކޮޅު ކޭމްޕުގައެވެ. أبـــوطــالــب ގެފާނު އެދުވަސްވަރު ވިދާޅުވެފައިވާ ޅެންބައިތެއްގައި އެޙަޤީޤަތް ބަޔާންކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

جَــــزَاللَّــــهُ عَــنَّـــا عَــبْــدَ شَمْــسٍ وَنَـــوْفَــلاَ

عُـــقُـــوبَـــةَ شَـــــرٍّعَــاجِــلاً غَــيْـــــرَ اَجِـــلٍ

قـــــريـش ން އެއްވެ ސައްލާކޮށް هـــاشــــم ވަންހަޔާއި مـطّــلــب ވަންހަ ބައިކޯޓު (ބޮއިކޮޓް) ކުރާން އެއްބަސްވެ އެއްބަސްވުމެއް އެކުލަވައިލިއެވެ. އެ އެއްބަސްވުމުގައިވަނީ:

1. قـــــريـش ން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކުރާން އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ންނަށް ދޫކޮށްނުލައިފި ކަމުގައިވާނަމަ هـــاشــــم ވަންހައާއި مـطّــلــب ވަންހަ އިޖްތިމާޢީގޮތުން މުޤާޠަޢާ (ބައިކޯޓު/ބޮއިކޮޓް) ކުރުން.

2. އެދެވަންހައިންކުރެ ވަންހަޔަކާ ކާވެނީގެ ގުޅުމެއް ނުބޭއްވުން.

3. އެދެވަންހައިންކުރެ ވަންހައެއްގެ މީހަކާ ވިޔަފާރިޔެއްކޮށް ލޭންދޭނެއްކޮށް ނެހެދުން.

4. އެދެވަންހައިންކުރެ ވަންހައެއްގެ މީހަކަށް ކާބޯއެއްޗެއް ލިބުނަ ނުދިނުން.

5. އެދެވަންހައިންކުރެ ވަންހައެއްގެ މީހަކާ ބައްދަލުވިޔަސް ސަލާމްގަލާމްކޮށް ވާހަކަދައްކައި ނެހެދުން.

6. އެދެވަންހައިންކުރެ ވަންހައެއްގެ މީހަކު ބާޒާރަށްނުކުމެ ގަނެވިއްކައި ހެދިޔަނުދިނުން.

قـــــريـش ންވަނީ މިދެންނެވި ކަންކަމުގެ މައްޗަށް އެއްބަސްވެ ފަތްލިޔެ އެއް ނުސްޚާ ގެފުޅުގައި އެލުވައި ކޮންމެ ވަންހަޔަކަށް ނުސްޚާއެއް ބަހައިފައެވެ. މިފަތުގެ ނުސްޚާތައް ލިޔުނީ ހަމީހަކު ކަމުގައި އައްސިޔަރަތުއް ނަބަވިއްޔާ (صــلاح الـدّيــــن) ގައިވެއެވެ. ނަމަވެސް عــلاّمـــة إبـــن الــقــيـــم އާއި ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم (عــلاّمــــة شـبـــلـــى نـعــمـــانـــى އާއި عــلاّمــــة سـيّـــد ســلـيـمــان نــــدوى) އާއި ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު (ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر) ގައި ލިޔުއްވާފައިވާގޮތުން އެފަތް ލިޔުނީ مـنـصــــور بـــن عكـــرمــــة އެވެ. ނަމަވެސް مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ الـــرّحــيـــق المـخــتـــــوم ގައި ލިޔުއްވައިފައިވާގޮތުން ޞައްޙަގޮތަކީ އެފަތް ލިޔުނީ بـغــيــض بــــن عـــامــــــر بــــن هـــاشــــم ކަމުގައި އައިސްފައިވާ ރިވާޔަތެވެ. އެފަތް ލިޔުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އޭނާގެ އަތް ވަނީ ވައުވެފައެވެ.

هـــاشــــم ވަންހަޔަކީ އެހައިތަނާ ހަމަޔަށް މައްކާގެ ފަޚުރެވެ. އެވަންހަޔާ ރަޙްމަތްތެރިކަން އޮތުމަކީވެސް އެހައިތަނަށް މައްކާގެ މީހުން ޝަރަފެއްކަމުގައި ބަލައިއުޅޭ ކަމެކެވެ. ނަމަވެސް އެހައިތަނުން އެންމެން އެވަންހަޔާ ދުޝްމިނުވެގަތެވެ. أبـــوطــالــب ގެފާނަށް މަޖްބޫރުވެވަޑައިގެން بـــنـــو هـــاشــــم އާއި بـــنـــو مـطّــلــب ވަންހައިގެ އެންމެން (أبـــولــهب ފިޔަވައި) ގޮވައިގެން شعب أبـــوطــالــب އަށް (މިހާރުގެ ޝިއުބު ޢަލީ) ވެދެވަޑައިގެން ރައްކައުތެރިކަން ހޯއްދަވައިފިއެވެ. އެތާނގައި ޙިޞާރުވެވަޑައިގެންފިއެވެ. هـــاشــــم ވަންހައާއި مـطّــلــب ވަންހައިގެ ބޭބޭކައުކަނބަލުން ތިންއަހަރު ވާންދެން އެއަނިޔާވެރި ޙިޞާރުގައި ތިއްބެވިއެވެ. شعب أبـــوطــالــب އަކީ މައްކާގެ އާބާދީއިން ބޭރެވެ. ފަރުބަދަތަކުގެ ތެރޭގެ ތަނެކެވެ. هـــاشــــم ވަންހަޔާއި مـطّــلــب ވަންހައިގެ ބޭކަލުން ފިޔަވައި ބައެއް އެހެނިހެން މުސްލިމުންވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙިމާޔަތުގައި ޝިޢުބަށް ވެދެވަޑައިގެންނެވިއެވެ. އެބޭކަލުން ޝިޢުބަށް ވެދެވަޑައިގެންނެވީ ނަބީކަމުގެ ހަތްވަނަ އަހަރުގެ މުޙައްރަމްމަހުގެ އެއްވަނަ ރޭގައެވެ. މުސްލިމުން ޝިޢުބުގައި ތިންއަހަރު ހޭދަކުރެއްވިއެވެ. އިންތިހާދަރަޖައިގެ ދަތި ޙާލުކޮޅުގައެވެ. އެބޭކަލުން ފަތްޕިލާވެއްޔާއި މުޅަތަކެތިވެސް ފަރީއްކުޅުއްވައި އުޅުއްވިއެވެ. عــلاّمــــة سهــيــلــــى، روض الأنـف ގައި ލިޔުއްވައިފައިވެއެވެ. سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. އެއްރެޔަކު އަހަންނަށް ނަޢަމްސޫތްޕެއްގެ ހިކި ހަމެއް ލިބުނެވެ. އަހަރެން އެހަން ދޮވެގެން އަލިފާނުން މުރަނަކޮށްގެން ފެނާއެކު ކައިލީމެވެ.

(ނުނިމޭ)