އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބޭއްވި 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް، (އައިސީއައިއޭ) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައިސީއައިއޭއަކީ، އެކި ދާއިރާތަކުން ކޮށްފައިވާ ދިރާސާތަކާ ހޯދުންތަކުގެ އިލްމު ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ހިއްސާކުރުމުގެ މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ.

އިސްލާމިކް ޔުނިވަސިޓީގައި ކުރިއަށްގެންދިިޔަ އައިސީއައިއޭ ނިންމުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓާއި އިނާމު ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

31 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ 2026 ނިންމުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އައިސީއައިއޭގެ މި މަހާސިންތާ ކުރިއަށްގެންދިޔައީ 18 ގައުމެއްގެ 53 ފަރާތެއް ހިމެނޭހެން ދެ ދުވަހުގެ މުއްދަތަކަށެވެ. މި އަހަރުގެ އައިސީއައިއޭގެ ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ޕެރެލަލް ރޫމްތަކުގައި ކުރިއަށްގެންދިޔައީ އިލްމީ އަދި ސަގާފީ ގޮތުން ގިނަ ޕްރޮގްރާމްތަކާ އެކުގައެވެ.

މިއަހަރުގެ ކޮންފަރެންސްގައި 526 މީހުން ރަޖިސްޓްރީވެފައިވާ އިރު، ހާޒިރުވެގެން 344 މީހުންނާއި އޮންލައިންކޮށް 182 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އެ ކޮންފަރެންސަށް 167 ކަރުދާސް ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ބަލައިގަނެފައިވަނީ، 139 ކަރުދާހެވެ. ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ދިވެހި 85 ކަރުދާހާއި، ބައިނަލްއަގުވާމީ 83 ކަރުދާސް ހިމެނެއެވެ.

31 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ 2026 ނިންމުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ ކޮންފަރެންސް ފެށުމުގެ ކުރިން މުހިންމު 10 މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކޮންމެ ދަންފަޅިއެއްގައި ގާތްގަނޑަކަށް 40 އާއި 80 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ވަނީ ބައިވެރިވެފައެވެ.

10 ވޯކްޝޮޕްގެ ތަފްސީލު:

  • މަތީ ތައުލީމުގައި އާޓިފިޝަލް އިންޓެލިޖެންސް އަހުލާގީ މިންގަނޑުތަކާއެކު ބޭނުންކުރުން / ނަންގަވައިދެއްވީ: ޑރ. މާކް ޖޯސެފް ޑީ ޕާސްޓޯ
  • އެޑްވާންސްޑް އެކަޑެމިކް ރައިޓިން އަދި ފެންވަރު ރަނގަޅު ރިސާޗް ކަރުދާސް އެކުލަވާލުން / ނަންގަވައިދެއްވީ: ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ސްކޯޕްސް އަދި ހައި-އިމްޕެކްޓް ޖާނަލްތަކުގައި ދިރާސާ ޝާއިއުކުރުމުގެ އުކުޅުތައް/ ނަންގަވައިދެއްވީ: ޑރ. ވިސާލް މޫސާ
  • ދިރާސާ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ސައްހަކަން ކަށަވަރުކުރުން/ ނަންގަވައިދެއްވީ: ޑރ. މުހައްމަދު ސާހިލު
  • ދިވެހި ބަހުގެ ހަވާލާދޭ އުސޫލު/ ނަންގަވައިދެއްވީ: ޝަފީނާޒް ނާސިރު
  • މެތޮޑޮލޮޖިކަލް ފިއުޝަން: ތަފާތު ދިރާސާ އުސޫލުތައް އެއްކޮށްގެން ފެންވަރު މަތިކުރުން/ ނަންގަވައިދެއްވީ: ޑރ. އާއިޝަތު ޝީނާ
  • މާހިރުންގެ ކުރިއެރުމަށާއި މުއައްސަސާތައް ތަރައްގީކުރުމަށް އެކްޝަން ރިސާޗް/ ނަންގަވައިދެއްވީ: ޑރ. ސުޖީވާ ޕޮލްގަމްޕަލާ (ސްރީލަންކާ)
  • ދިރާސާ ކުރުމަށް ބޭނުންކުރާ އޭއައި ޓޫލްސްތައް/ ނަންގަވައިދެއްވީ: ޑރ. މަރިޔަމް ޝަރީފާ އަދި ޑރ. ނަސްރުއްﷲ އަހްމަދު
  • ސްމާޓް-ޕީއެލްއެސް ބޭނުންކޮށްގެން އެޑްވާންސްޑް ތަފާސްހިސާބު އެނަލިސިސް ހެދުން/ ނަންގަވައިދެއްވީ: ޑރ. ޒުބައިރު ހަސަން
  • ތައުލީމީ ދިރާސާތަކަށް ކޮލިޓޭޓިވް ޑޭޓާ އެއްކުރުމުގެ އުސޫލުތައް/ ނަންގަވައިދެއްވީ: އަބްދުލް ވަލީ ހާން އަދި ޑރ. ނަސީމާ ޝަކީލް (ޕާކިސްތާން)
31 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ 2026 ނިންމުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އައިޔޫއެމުން ބުނީ މިފަދަ އިލްމީ ވޯކްޝޮޕްތަކުގެ ސަބަބުން ދިރާސާވެރިންނާއި ދަރިވަރުންގެ ދިރާސީ ގާބިލުކަމާއި ހުނަރުތައް އިތުރުވަމުންދާނެކަން ޔަގީން ކަމަށާއި ހާއްސަކޮށް އޭއައިގެ ޒަމާނީ ޓޫލްސްތައް އަހުލާގީ މިންގަނޑުތަކުގެ ތެރޭގައި އެކަޑެމިކް މަސައްކަތްތަކަށް ބޭނުންކުރާނެ ގޮތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޖާނަލްތަކުގައި ދިރާސާ ޝާއިއުކުރުމަށް ބޭނުންވާ މުހިންމު އުކުޅުތައް އަމަލީގޮތުން ދަސްވެގެންދާ ކަމަށެވެ.

އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، އިލްމީ ގުޅުންތައް ބަދަހިވެ، އަމިއްލަ ދިރާސާތަކުގެ ފެންވަރު މަތިކޮށް، ދިރާސީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު މަގުފަހިކަމެއް ލިބިގެންދާ ކަމަށް އައިޔޫއެމުން ބުންޏެވެ.

31 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ 2026 ނިންމުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އައިސީއައިއޭ ކޮންފަރެންސް އަކީ ރާއްޖޭގައާއި ސަރަހައްދީ ފެންވަރުގައި އިލްމީ ދިރާސާގެ މާހައުލު ކުރިއަރުވައި، ދިރާސާވެރިން އެއްފުރާޅެއްގެ ދަށަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މުހިންމު ހަރަކާތެކެވެ.

އެންމެ ދުވަހެއްގެ ތެރޭގައި 450 އަށްވުރެ ގިނަ ބައިވެރިންނާއެކު 10 ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ މި ކޮންފަރެންސްގެ ފުޅާމިނާއި މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންގެ އިލްމާއި ތަޖުރިބާ ދިވެހި ދިރާސާވެރިންނަށް ފޯރުކޮށްދީ، ދިވެހިބަހުންނާއި އިނގިރޭސިބަހުން ތަފާތު ދާއިރާތަކުގެ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އައިސީއައިއޭ އިން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެެއް ކަމަށް އައިޔޫއެމްއިން ބުންޏެވެ.