އަމާން އުދަރެސް ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުން ކަމަށެވެ.

އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން އެ ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

"އެފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް. މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ." ފުލުހުން ބުންޏެވެ.

31 އޮގަސްޓް 2026: ފޭސް ދޭއްގައި ހުންނަ އުދަރެސް ޓަވަރު ސަރަހައްދު. 16 އަހަރުގެ އަންހެންކުއްޖާ ވެއްޓިފައި އޮތް ސީން ފުލުހުން ޓޭޕް ދަމާފައި --- ވަންފޮޓޯ/ ހަމްދާން އަހްމަދު

އެ ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، އެ ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް އެ ވީޑިއޯ ފޮހެލުމަށް ބާރުއެޅުއްވުން އެދިފައި ވެއެވެ.

ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް 11:35 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެެވެ.

ހުޅުމާލެ ހޮސްޕިޓަލް މީޑިއާއިން މިއަދު "ވަން"އަށް ބުނީ އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު އަންހެންކުއްޖާގެ ހާލު ނާޒުކު ނޫން ކަމަށާއި ނަމަވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.