އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ބްރައިޓަން ބަލިކުރީ 4-3 އިންނެވެ. ޗެލްސީން މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، ބްރޫނޯ ފެނާންޑޭޒްގެ ހެޓްރިކާއެކު ޔުނައިޓެޑުން ލީގުގެ ފުރަތަމަ މޮޅު ހޯދީ 5-2 އިން އިޕްސްވިޗް ޓައުން ބަލިކޮށްގެންނެވެ.

ޗެލްސީން ކުޅުނު މެޗު ފެށީ ވަރުގަދަ ކޮށެވެ. ކުރީކޮޅުގައި އެޓޭކްތައް ކުރަމުން ގޮސްފައިވާ އިރު، އެޓީމުގެ ގޯލް ބަލަހައްޓަމުން ދިޔައީ އަލަށް އެޓީމަށް ގެންދިޔަ އެމިލިއާނޯ މާޓިނޭޒެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ޗެލްސީގެ ކޯނަރެއްގައި ރޮމެއޯ ލަވިއާ އެޓީމުގެ ފުރަތަމަ ގޯލް ޖަހައިދިން އިރު، އޭގެ 10 މިނެޓް ފަހުން ދެވަނަ ގޯލެއްވެސް ޖެހިއެވެ.

ޗެލްސީގެ ދެވަނަ ގޯލް ޖެހީ މޯގަން ރޮޖާސް އަރިމަތިން ޑިފެންޑަރު ބީޓްކޮށްފައި ނަގައިދިން ބޯޅައިގައި ޕެޑްރޯ ނެޓޯއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ތިންވަނަ ގޯލެއްވެސް ޖެހި އިރު، މެޗުގެ 32 ވަނަ މިނިޓްގައި އެ ގޯލް ޖަހައިދިނީ ޖޮއާއޯ ޕެޑްރޯއެވެ.

ތިން ގޯލުގެ ލީޑެއް ނަގައި ޗެލްސީއަށް ހަމަޖެހި ނުލެވެނިސް ބްރައިޓަން ގޯލެއްޖަހައި އުންމީދު ހޯދިއެވެ. ޗެލްސީ ކީޕަރު މާޓިނޭޒް އަތުގައި ޖެހިފައި ނުކުތް ރީބައުންސަކުން ބްރައިޓަންގެ މަލިކް ޔަލްކޫޔޭ ޖެހި ގޯލާއެކު ދެވަނަ ހާފަށް ނުކުމެ، ބްރައިޓަންއިން ކުޅުން ރަނގަޅުކުރިއެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ދެވަނަ ގޯލެއް ޖަހައި ބްރައިޓަންއިން ފަރަގު ކުޑަކުރި އިރު، އެ ގޯލަކީ ޕަސްކާލް ގްރޮސް ނެގި ހުރަހެއް ހުއްޓުވަން އުޅުމުގެ ތެެރޭގައި ޖޮއާއޯ ޕެޑްރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލާއެކު ޗެލްސީ ހާސްކަމަށް ގޮސްފައިވާ އިރު، މެޗުގެ 74 ވަނަ ހާސްކަން ފިލުވާލަ ދިނީ ކޯލް ޕާމާ ޖަހައިދިން ހިތްގައިމު ގޯލުންނެވެ.

އަލަށް ޕްރޮމޯޓްވި ހަލް ސިޓީ އަތުން މިދިޔަ ހަފުތާގައި ބަލިވި ޔުނައިޓެޑް ކޮޅަށް، އިޕްސްވިޗުންވެސް ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގި އިރު، އެ ގޯލް ޖަހައިދިނީ އަބްދުލް ފަތާވޫ ނަގައިިދިން ހުރަހަކުން ލެއިފް ޑޭވިސްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް 40 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ފެނާންޑޭޒްއެެވެ. އަދި ދެވަނަ ހާފަށް ނުކުމެ، އިޕްސްވިޗްގެ ޖެކަބް ގްރީވްސް އަތުން ބައިކޮޅަށް ވަން ގޯލުން ޔުނައިޓެޑް ލީޑު ނެގިއެވެ.

ޔުނައިޓެޑުން ލީޑުފުޅާކުރީ 61 ވަނަ މިނިޓްގައި ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. އެ ޕެނަލްޓީއަކީ މަތެއަސް ކޫންޏާއަށް ގްރީވްސްއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އޭގެ ހަތް މިނެޓްފަހުން ފެނާންޑޭޒް އިތުރު ގޯލެއް ޖަހައި ހެޓްރިކް ފުރިހަމަ ކުރި އިރު، ޔުނައިޓެޑްގެ ފަސްވަނަ ގޯލް ޖަހައިދިނީ ބްރަޔަން އެމްބުއެމޯއެވެ.

އިޕްސްވިޗުން ޖެހި ދެވަނަ ގޯލަކީ ޗޫބާ އަކްޕޮމް ޖެހި ގޯލެކެވެ.