ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ބިލު ފާސްކޮށްފައި ވަނީ މިމަހުގެ 26 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

ގާނޫނަށް މި އިސްލާހުތައް ގެނައުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗާކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްގީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ގާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިސްލާހުތައް ގެނައުމެވެ.

މި އިސަލާހާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްގީކުރެވިފައިވާ، މަސްވެރިކަމަށް ހާއްސަ ކުރެވިގެން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްގީކޮށް ހިންގުމަށް ކަމާގުޅޭ ވުޒާރާއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެކުއަކަލްޗާ ކުރުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ގާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން އަމަލުކުރާ އުސޫލުތައް މި ބިލުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ގާނޫނާ ހިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާ ކުރެވޭ އަދަދުތަކަށް ބިލުގައި ވަނީ ބަދަލު ގެނަސްފައެވެ.

މި ބިލުގައިވާ އިސްލާހުތަކާ ގުޅިގެން އަލަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.