ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ މިންގަނޑު އިސްލާ ކުރުމަށާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު އެމަނިކުފާނު ތަސްދީގުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލަކީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރި ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިބިލު ތަސްދީގުކުރެއްވުމާއެކު މިހާރު އަމަލުކުރަން ފަށާފައިވާ އިސްލާހުގައިވާ ގޮތުން ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމު ވާނީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ގާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެނީ، 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.
މި ފައިސާ ޖަމާކުރަން ވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެއެވެ.
މިބިލްގައި ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަން ވާނީ، އެމްއެމްއޭއިން ދޭ ލައިސަންސަކާއެކުގައި ކަމަށާއި ލައިސަންސް ނެތި އަދި ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާ ބެހޭ އިސްލާހުތައްވެސް ވަނީ ހިމަނައިފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތި ނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް މި އިސްލާހުގެ ދަށުން ކުށެކެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ގާނޫނީ ޝަހުސެއް ޝާމިލުވާ ނަމަ އެފަރާތެއް 100،000 ރުފިޔާއާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ކޮމެންޓް