'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' އަށް ވަދެ ނުކުމެވޭނީ، އެންވަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދު ފަހަރަށް ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފެހުރިހި ބެލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިން އަދި ސްނޯކްލިން ކުރާ "ސަމްޕާ" ސަރަހައްދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.
އެއީ އަރި އަތޮޅު ދެކުނުބުރީ، ރަންގަލި ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގު ރަށުގެ ފަރުގެ އުތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. ގުދުރަތީ ރީތި ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރު ތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަކޮށްލެވޭ ސަރަހައްދެކެވެ.
"ސަމްޕާ" ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭނަށް މިއަދުން ފެށިގެން، މިނިސްޓްރީން ގެނައި އިސްލާހުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ވަަދެ ނިކުމެވޭ ގޮތަށް އޮތޯރިޓީގައި އުޅަނދު ފަހަރު ރަޖިސްޓްރީ ކުރެވޭނީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދަށް ވަދެ ނިކުންނަ އުޅަނދު ފަހަރުގެ ބުރަފަތީގައި އަންނަ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ޕްރޮޕެލާ ގާޑު، ހަރުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ މުއްދަތުގެ ފަހުން މި ސަރަހައްދުގައި ޑައިވް ކުރުމަށް ނުވަތަ ސްނޯކަލް ކުރުމަށް ހަރަކާތްތެރިވެވޭނީ، ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާ ގާޑު، ހަރުކޮށްފައިވާ އުޅަނދު ފަހަރަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މީހުން ގޮވައިގެން އެ ސަރަހައްދަށް ސްނޯކްލް ކުރުމާއި ޑައިވްކުރާ "ސަމްޕާ ގައިޑުން" ގެ ގޮތިގައި ރަޖިސްޓްރީކުރާ ފަރާތްތަކުގައި ހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއަށް، މަދުވެގެން ރެސްކިއު ޑައިވް ލެވެލްއަށް ތަމްރީން ވެފައިވާ ފަރާތަކަށްވުން، ރެސްކިއު ޑައިވް ލެވެލް ސެޓްފިކެޓެއް ނެތް ނަމަ، ޕަޑީ ނުވަތަ އެސްއެސްއައި، ނުވަތަ އެއާ އެއްފެންވަރުގެ ގައިޑް ސެތްފިކެޓާއެކު، އެއާ އެއްފެންވަރުގެ ލައިފްގާޑް ސެޓިފައިޑް ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ކޮމެންޓް